ލައިފްސްޓައިލް

ފިރިހެނަކަށް ހެދިގެން 36 އަހަރު

އިންޑިއާގެ ޓެމިލް ނާޑޫގެ އަންހެނަކު ފިރިހެނަކަށް ހެދިގެން 36 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފި އެވެ. އޭނާ މިކަން ކުރީ ފިރިހެނުންގެ ބާރުގަދަ ސޮސައިޓީއެއްގައި އެނޫން ގޮތަކަށް ދިރިއުޅެވެން ނެތިގެން ކަމަށް މި އަންހެންމީހާ ބުނެ އެވެ.

އެސް. ޕެޗިއައްމަލް ނަމަކަށް ކިޔާ މި އަންހެންމީހާ ދާދިފަހުން ވަނީ އޭނާގެ ހަޔާތުގެ ވާހަކަ ޝެއާ ކޮށްފަ އެވެ. ޕެޗިއައްމަލް ބުނި ގޮތުގައި އޭނާ އަލަތު ކައިވެނި ކުރިއިރު އުމުރުން 20 އަހަރެވެ. ކައިވެންޏަށް 15 ދުވަސް ވީތަނާ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިފައި ފިރިމީހާ މަރުވީ އެވެ.

އަންހެންމީހާ މިހާރު ދިރިއުޅެމުން ދިޔައީ ކަޓުނަޔައްކަޕައްޓި އަވަށުގަ އެވެ. ނަމަވެސް ކައިވެނި ކޮށްގެން ފިރިމީހާއާއެކު އުޅުނީ އެހެން އަވަށެއްގަ އެވެ. އެއީ ފިރިހެނުންގެ ބާރު ވަރުގަދަ މުޖުތަމައެއް އޮތް އަވަށެކެވެ. އެ އަވަށުގެ އަންހެނުން ތިބެން ޖެހެނީ ގޭގަ އެވެ. ބޭރުގައި މަސައްކަތް ކުރަނީ ފިރިހެނުންނެވެ.

ޕެޗިއައްމަލްގެ ފިރިމީހާ މަރުވިއިރު އޭނާ އިނީ ބަލިވެ އެވެ. އޭނާ ވިހެއީ އަންހެން ކުއްޖެކެވެ. އެހިސާބުން އޭނާއަށް ޖެހުނީ ބޭރަށް ނުކުމެ އެކި އެކި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާށެވެ. ނަމަވެސް އެ އަވަށުގައި އަންހެނަކަށް ވަޒީފާއެއް އަދާ ކުރުމަކީ އުނދަގޫ ކަމެކެވެ. އެއީ މުޖުތަމައުން ބަލައިގަންނަ ކަމަކަށް ނުވާތީ އެވެ.

"ދަ އިންޑިއަން އެކްސްޕްރެސް" އަށް ދީފައިވާ އިންޓަވިއު އެއްގައި ޕެޗިއައްމަލް ބުނީ ދަރިފުޅާއި އޭނާގެ ބަނޑުފުރާނަ މުއްތި ކުރަން އޭނާއަށް މަސައްކަތްކުރަން މަޖްބޫރުވިޔަސް އަވަށުގެ މީހުން އެގޮތަކާ ގަބޫލެއް ނޫނެވެ. މިހާރު 57 އަހަރު ވެފައިވާ ޕެޗިއައްމަލް އަށް "މުތޫ" އަށްވީ ސަބަބަކީ އެވެ.

"ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރަމުން ހޮޓާ ތަކާއި ސައި ފިހާރަ ތަކުގައި މަސައްކަތް ކުރަމުން ދަރިފުޅު ބެލުން އަހަންނަށް ވީ ވަރަށް އުނދަގޫ ކަމަކަށް. އަދި އަވަށުގެ އަންހެނުން އާންމު ގޮތެއްގައި ބޭރު ތެރޭގައި މަސައްކަތް ކޮށް ނޫޅޭތީ އަހަރެން މަސައްކަތްކުރަން ދާ ތަންތަނުން ވަރަށް ގިނަ ޖިންސީ ފުރައްސާރަ އާއި އުނދަގޫތައް ކުރިމަތިވި. މީހުންގެ މަލާމާތާއި ބިރުދެއްކުންތަކާ ވެސް ކުރިމަތިވި،" ޕެޗިއައްމަލް ބުނެފައި ވެއެވެ.

މި ހުރިހާ ކަމަކަށް ކެތް ނުކުރެވިގެން ޕެޗިއައްމަލް އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލައި ގަމީހަކާއި މުންޑެއް އަނދެ ފިރިހެނަކަށް ބަދަލުވި އެވެ. އަދި އޭނާގެ ނަން "މުތޫ"އަށް ބަދަލުކުރި އެވެ. މިހާރު ދިރިއުޅެމުންދާ އަވަށަށް ދަރިފުޅު ގޮވައިގެން ބަދަލުވެ ފިރިހެނެއްގެ ގޮތުގައި ޕެޗިއައްމަލް ވަނީ 36 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ.

"އަހަރެންގެ އާއިލާގެ މީހުންގެ ތެރެއިން ވަރަށް ގާތް މީހުންނަށާއި ދަރިފުޅަށް އެކަނި އެނގޭނީ އަހަރެން މީ އަންހެނެއްކަން،" ޕެޗިއައްމަލް ބުންޏެވެ.

ޕެޗިއައްމަލް ވަނީ ގޭގޭގައި ކުލަ ލާދޭ ޕެންޓަރެއްގެ ގޮތުގައާއި ސައި ވިއްކާ މީހެއްގެ ގޮތުގައި އަދި ފަރާޓާ ފިހާ މީހެއްގެ ވަޒީފާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އަދި އެ ދުވަސްތަކުގައި ލިބުނު ފައިސާކޮޅުން ވީހާވެސް ގިނަ ފައިސާއެއް އޭނާ ވަނީ ދަރިފުޅުގެ މުސްތަގްބަލަށްޓަކައި ރައްކާ ކޮށްފަ އެވެ.

"މިގޮތަށް އެތައް ދުވަހެއް އުޅުނުއިރު މިހާރު އަހަންނަށް ވެސް އަހަރެންގެ ވުޖޫދު އޮޅިއްޖެ. އަހަންނަށް ވެސް މިހާރު އަހަރެންގެ ވުޖޫދަކީ 'މުތޫ'. އާދާރް (އައިޑީ ކާޑު) އާއި ވޯޓުލާ މީހުންގެ އައިޑީ، ބެންކް އެކައުންޓް ފަދަ ހުރިހާ ރަސްމި ލިޔެ ކިޔުންތަކެއްގައި ވެސް ލިޔެފައިވަނީ އަހަންނަކީ މުތޫ ކިޔާ 57 އަހަރުގެ ފިރިހެނެއް ކަމަށް،" ޕެޗިއައްމަލް ބުންޏެވެ.

ޕެޗިއައްމަލްގެ އަންހެން ދަރިފުޅު ޝަންމުގާސުންދަރީ ކިޔަވާ ނިމި މިހާރު ކައިވެނި ވެސް ކޮށްފި އެވެ. ޕެޗިއައްމަލް ބޭނުންނަމަ މިހާރު އޭނާއަށް އަނެއްކާވެސް އަންހެނެއްގެ ގޮތުގައި ދިރިއުޅެވިދާނެ އެވެ. ނަމަވެސް 36 އަހަރު ވަންދެން އޭނާ އުޅުނު ފިރިހެނެއްގެ ދިރިއުޅުން ދެން ބަދަލުކުރާކަށް ޕެޗިއައްމަލް ތައްޔާރެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އޭނާ އަށާއި ދަރިފުޅަށް ރައްކާތެރިކަން ލިބި ރަނގަޅު މުސްތަގްބަލެއް ބިނާ ކުރެވުނީ ވުޖޫދު ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންކަމުން މަރުވަންދެން ވެސް އޭނާ ދިރިއުޅޭނީ "މުތޫ"ގެ ގޮތުގަ އެވެ.