ބޮލީވުޑް

55 އަހަރުގެ މާދުރީ އަށް އުމުރަކީ ހަމައެކަނި ނަންބަރެއް

އިއްޔެ އަކީ ބޮލިވުޑް ބަތަލާ މާދުރީ ޑިކްޝިޓްގެ 55 ވަނަ އުފަން ދުވަހެވެ. އުމުރުން މިހާ ދުވަސް ވިޔަސް ބަލާބެލުމަށް އަދިވެސް ހީވަނީ މާދުރީ އަށް ވާނީ 40 ވަރަކަށް އަހަރު ހެންނެވެ. އޭނާގެ ޒުވާން ކަމާއި ރީތި ކަމަށް އުމުރާ އެއްވަރުގެ ބަދަލެއް ނާންނާތީ އެވެ.

ބޮލީވުޑްގެ ގިނަ އެކްޓަރުންތަކެއްގެ ކުޑައިރުގެ "ކްރަޝް" މާދުރީގެ ފިލްމީ ކެރިއަރުގެ ފެށުން އެހާ ރަނގަޅެއް ނޫނެވެ. އޭނާ ފުރަތަމަ އެކްޓިން ކެރިއަރު ފަށަން އުޅުނީ ދޫރްދަރްޝަން ޗެނަލުން ދައްކަން ހަމަޖެހިފައި އޮތް ޓީވީ ޕްރޮގްރާމަކުންނެވެ. ނަމަވެސް 1980 އިގެ މެދުތެރޭގައި މާދުރީ ކުޅެން އުޅުނު މި ސިލްސިލާ "ބޮމްބޭ މޭރީ ޖާން" ދައްކަން ދޫރްދަރްޝަނުން އެއްބަހެއް ނުވި އެވެ. މާދުރީ އަކަށް އަލަށް ތައާރަފްވާ ބަތަލާއަކަށް ވެފައި އޭރު އެ ޗެނަލްގައި އިސްކޮށް ތިބި މީހުންނަށް މާދުރީ އެހާ ކަމު ނުދިޔައީ އެވެ.

އެކަމާ މާދުރީ ވަރަށް ދެރަވެގެން އުޅުނެވެ. ދެން އޭނާ އަށް ލިބުނު ޑައިރެކްޓަރު ގޯވިންދް ނިހަލާނީގެ ފިލްމެއް ވެސް ފެށޭ ގޮތް ނުވެ އެތައް ދުވަހަކު އޮތުމަށް ފަހު އެ ފިލްމުގެ މަސައްކަތް ނުކުރާ ގޮތަށް ނިންމުމުން މާދުރީގެ މާޔޫސްކަން އިތުރުވާން މެދުވެރިވި އެވެ.

އޭނާއަށް ބޮލީވުޑުން ފުރަތަމަ ބްރޭކް ލިބުނީ 1984 ގައި ރިލިޒްކުރި "އަބޯދު" އިންނެވެ. ރާޖްޝްރީ ޕްރޮޑަކްޝަންގެ މި ފިލްމުން ވެސް މާދުރީ އަށް ކުރިއެރުމެއް ނުލިބި ވަނިކޮށް ޑައިރެކްޓަރު ސުބާޝް ގާއީ ވަނީ މާދުރީގެ އެޑްވަޓައިޒިން ކެމްޕޭނެއް އޭރު ނުކުތް ވަރަށް މަޝްހޫރު މަޖައްލާއެއް ކަމަށްވާ ސްކްރީނުގައި މަހެއް ވަންދެން ކުރިއަށް ގެންގޮސްދީފަ އެވެ. ގިނަ ބަޔަކަށް މާދުރީ އެނގުނީ އެހިސާބުންނެވެ.

އޭގެ ފަހުން އޭނާއަށް ފަސް އެނބުރި ބަލާލާކަށް ނުޖެހުނެވެ. އޭރުން ފެށީގެން މިހާތަނަށް ވެސް އޭނާގެ ތަރި މެދުއުޑުގައި ދަނީ ފިޔަ ޖަހަމުންނެވެ. އެތައް މިލިއަން މީހުންނަކަށް އެންމެ މަގްބޫލު އެންމެ ރީތި ބަތަލާގެ ގޮތުގަ އެވެ.