އެމްޓީސީސީ

އެމްޓީސީސީން 120 ލޭބަރުން ހޯދަނީ

May 16, 2022

އެމްޓީސީސީ ކޮންސްޓްރަކްޝަން މަސައްކަތަށް 120 ލޭބަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ވަޒީފާގެ ފުރުސަތު ހުޅުވާލައިފައިވަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް މުއްދަތު އިތުރު ކުރާނެ ކަމަށް ވެސް ބުންޏެވެ.

މިމަހުގެ 17 ވަނަ ދުވަހު އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި އޮންނަ އޯޕެން-ޑޭގައި ބައިވެރިވެ ވަޒީފާއަށް ކުރިމަތިލެވޭނެ އެވެ. އެގޮތުން ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އޯޕަންޑޭ ކުރިއަށް ދާނެ އެވެ.

އިނާޔަތްތަކާއިއެކު ލޭބަރަރުންގެ މުސާރައަކީ 10،300 ރުފިޔާ އާއި 13،700 ރުފިޔާ އާއި ދެމެދުގެ މުސާރަ އެކެވެ.

މީގެ އިތުރުން ކުންފުނިން ކަނޑައަޅާ ސައިޓަކުން ކެއުމާއި ހުރުން ހަމަޖައްސައިދެ އެވެ. އަދި ޕެންޝަނާއި ސްޓަފް މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.

ލޭބަރަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފްތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ.

އެމްޓީސީސީން ބުނީ އަސާސީ ތައުލީމު ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް ލޭބަރުންގެ ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރުމާއެކު ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.