މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވާކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާތަކާއި ސަރަހައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުން ތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތަކެއްކަން ފާހަގަކުރެއްވެވި އެވެ. ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަންވެސް ފާހަގަކުރެއްވެވި އެވެ.
ނައިބް ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުތައް ހޫނުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އިންވެސްޓްމަންޓާއި ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އެކަމަށް ސިޔާސީ ގޮތުން ލިބެންވާ ސަމާލުކަން ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބޭކަމާއި މާލީ އެހީތެރިކަން ލިބެމުން ނުދާ ކަންވެސް ފާހަގަކުރެއްވެވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ދެއްވި ތަގުރީރުގައި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަލްސްއިން ދެ ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެނަމަ އެއީ ރާއްޖެއަށް މަރުގެ އަދަބެއް އިޢުލާނުކުރުން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅު ނައިބް ރައީސް ވެސް މިއަދު ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ނައިބް ރައީސް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު މިސްރުގެ ޝަރްމުއްޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވައުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ގޮވާލައްވާފައިވެ އެވެ.
ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ގައުމުގައި ގާއިމުވެ ތިބެން ބޭނުންވާ ކަމަށާއި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްގީއާ ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާ ގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭ ކަންވެސް ފާހަގަކުރެއްވެވި އެވެ.
ނައިބް ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެން ދިއުމަކީ އެންމެ ނާޒުކު ހާލަތުގައި ހުރި ގައުމުތަކުގެ ރައްޔިތުންނަށް ތަހައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ފުރުސަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ގްލާސްގޯ-ޝަރްމުއްޝައިޚް ވާކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިއަށް ގެންދަނީ މިއަދާއި މިއަދު ރާއްޖޭގަ އެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިއްމު އަމާޒެކެވެ.