އުފެދޭ ކުނި މަދުކުރުމުގެ މަސައްކަތް ގައުމީ ފެންވަރުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ "ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑް 2022" ގެ ނަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
"ޕްރޮމިސް" މަޝްރޫއަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެ ކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުފަޅަކީ ރައްޖޭގެ އެންމެ ބޮޑު ގުދުރަތީ ވަސީލަތްކަން ފާހަގަކުރައްވައި ކަނޑުފަޅުގެ ސަބަބުން ކާނާ އާއި ފެނާއި ފަތުރުވެރިކަން މެދުވެރިކޮށް ދިވެހީންނަށް އާމްދަނީ ލިބޭކަމުގައި ވިދާޅުވެފަ އެވެ. މޫސުމީ ބަދަލުތަކާއި ދިރިއުޅުމަށްޓަކައި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ކަނޑުފަޅުގެ ވަސީލަތްތައް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާ އެއް ކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލަކަމުގައި ވިދާޅުވެ ގޮނޑުދޮށްތަކާއި ކަނޑުތަކުގެ އައްސޭރިފަށަށް ޖަމާވާ ކުނި ފަދަ ތަކެތި ކަނޑުތަކަށް ފެތުރުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުނީގެ އަސަރުފޯރައި އިންސާނުން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގައި މައިކްރޯ ޕްލާސްޓިކްގެ އަސަރު ހިމެނިގެން އަންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކާއި، އިންސާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވާ މާލޭ ސަރަޙައްދުގައި ކުނި ވަކިކުރުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި ކުނި އުފެއްދުމުގައި ވިސްނުންތެރި ވުމަށް ބާރުއެޅޭ ކަމުގައި ވިދާޅުވިއެވެ.
ގައުމީ ފެންވަރެއްގައި ކުނި މަދުކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ.