އެމްޓީސީސީ

ފެރީ ނިޒާމަށް ބޭނުންވާ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކޮށްފި

May 16, 2022
1

ހއ. އަތޮޅާއި ހދ. އަތޮޅުގެ ފަސް ރަށެއްގައި ހައި ސްޕީޑް ފެރީ ނެޓްވޯކުގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ ފަސް މިލިއަން ރުފިޔާ އެވެ.

މަޝްރޫއުގެ ދަށުން ޕްލެޓްފޯމް ގާއިމުކުރާނީ ހއ. ދިއްދޫ, ހއ. ކެލާ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރު ގައެވެ.

ދުވެލި ބާރު ފެރީތަކެއް ބޭނުންކޮށްގެން މުޅި ރާއްޖެ ގުޅާލުމަށް ފެރީގެ ނިޒާމު -- އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މިމަސައްކަތުގެ ދަށުން ހދ. އަތޮޅުގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމްޓީސީސީ ގެންދަނީ ދުވެލި ބާރު ފެރީގެ ހިދުމަތް ދެމުންނެވެ.

ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ.