ވާހަކަ

އިޙްސާސްވޭ

( 15 މެއި 2022 އާ ގުޅޭ )

"ޝައްބޫ... އަހަރެން މިދަނީ." އިސާކު ތެދުވިއެވެ. އަދި ޝަބްނަމްއާ ލޮލުން އިޝާރާތްކޮށްލީ އެމީހުންގެ ކައިރީ އިން އައިތަންއަށެވެ. އިސާކު އެ އިޝާރާތް ކުރީ އައިތަންއާ ޝަބްނަމް ވާހަކަދައްކާށެވެ. އެކަން ޝަބްނަމް ދެނެގަތެވެ. އިސާކު ކާކޮޓަރިން ނުކުމެގެން ދަންދެން ޝަބްނަމް ބަލަން ހުއްޓެވެ. އޭނާގެ ނަޒަރު ކައިރީގަ އިން އައިތަންއަށް ހުއްޓުނީ އޭގެ ފަހުގައެވެ. މަޑުމަޑުން ގޮނޑީގައި ޝަބްނަމް އިށީނެވެ. އައިތަންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

ގަޔަށް ކުޑަކޮށް ހިފާލާފައި ހުރި ހުދުކުލައިގެ އަތްދިގު ގަމީހާއި ގަދަ ނޫކުލައިގެ ފަޓުލޫނުގައި އިވާން ހުރިއިރު ފަޓުލޫނުގެ އަރިމަތީ ޖީބުގެ ތެރެއިން ޓައީގެ އެއްބައި ބޭރަށް ފެންނަން އޮތެވެ. ކަނދުރާއާ ހަމައަށް އޮތް އޭނާގެ ފަން އިސްތަށިގަނޑު އަތުން ރީތި ކުރާން އާދެވެފައި ހުންނާތީ އަބަދުވެސް ފެންނާނީ ތަރުތީބުގެއްލިފައި ހުންނަތަނެވެ. ނަމަވެސް އިވާން އޮފީހަށް ދާން ތައްޔާރުވެގެން ހުންނައިރު އެއީ މުޅީން އެހެން މީހެއް ފަދައެވެ. ޒުވާން ޝަހުސިއްޔަތެއްގެ ވެރިއެއް ފަދައެވެ. ސާފުތާހިރުކަމާއި ތަރުތީބުކަން ނޫނީ ނުފެންނާނެއެވެ. އަލި ހަންގަނޑާއި ފިރިހެންވަންތަ ދިގު މޫނުގެ އިތުރުން ކޮންމެ މީހަކު ވެސް އަޅައިގަންނަނީ އިވާންގެ ސިހުރުވެރި އަޅި ދެ ކަޅީގައެވެ. ރާއްޖޭގެ މާހައުލާ ބީރައްޓެހި ކަޅިރަވައެއްވީމައެވެ. ހަ ފޫޓުގެ އިސްކޮޅާއި ކަސްރަތީ ހަށިގަނޑާއެކު ލިބިފައިވާ ފުޅާ ދެ ކޮނޑުން އޭނާއެކޭ މަޝްހޫރު ފެޝަން މެގަޒިންތަކުގެ ބަނޑޭރިގަނޑުން ފެންނަ ފަދަ މޮޑެލްއެކޭ ތަފާތެއް ނެތެވެ. ހިތްތައް މަޑުކޮށްލާފަދަ ޖާދުވީ ހިނިތުންވުމެއްގެ ވެރިއެކެވެ.

"މި ދޭންވެގެން މިއައީ." އިވާންގެ ފުރަގަހަށް ލައިގެން ހުރި އަތް ނެރުނެވެ. ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް އެ އަތުގައި އޮތެވެ.

ސައިމޭޒުދޮށުގައި އިން މާޔަލްގެ ހިނިތުންވުން ފުޅާވެލިއެވެ. މޭޒުދޮށުން ތެދުވެގެން އައިސް އިވާންގެ ކުރިމަތީ އޭނާ ހުއްޓިލިއެވެ. ފޮޅިފައިވާ ބޮޑެތި ރަތް ފިނިފެންމާ ތަކަށް މާޔަލް ބަލާލިއެވެ.

"ހެޕީ ބާތްޑޭ ލަވް." ކުރިމަތީ ހުރި މާޔަލްއަށް އިވޭނޭ ވަރަށް މަޑުމަޑުން އިވާން ބުނެލިއެވެ. ބޭރަށް ފާޅުނުވާހާ ވައި އަޑުން އިވާންއަށް ބަލަން ހުރެ މާޔަލް ޝުކުރިއްޔާއޭ ބުނެލިއެވެ.

"ދެން އާދޭ ހުރިހާ ކުދީން ސައިބޯން. ވަގުތެއްނެތް." މަޒްހަރު ބުނެލިއެވެ. އޭނާ ވެސް އޮފީހަށް ނުކުންނަން ޖެހޭ ވަގުތު ކައިރިވަނީއެވެ.

މާބޮނޑި ގެންގޮސް ބަދިގެ ކައުންޓަރު މަތީ ބާއްވާފައި މާޔަލް އައިސް މޭޒުދޮށުގައި އިށީނެވެ. އޭރު މައިރާއާއި އިވާން އިށީނދެއްޖެއެވެ. އިވާންއަށް ތަށްޓެއް ގެނެސް ދިނީ އާމާލްއެވެ. މާޔަލްއާއި އިވާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާއިލާގެ ހުރިހާ މެންބަރުންނަށް އެނގެއެވެ. މަޒްހަރާއި އާމާލްގެ ހިތުން ސައުވީސް އަހަރުގެ އިވާން ހާއްސަ ޖާގައެއް ވަނީ ހޯދާފައެވެ. އެމީހުންގެ ރުހުން އެކުދީންނަށް ދީފައިވެއެވެ. އެގެއަށް އިވާން އައިސް އުޅުމަކީ އާދައެކެވެ. އާއިލާގެ މެންބެރެކޭ މިހާރު އިވާން ތަފާތެއް ނެތެވެ.

"އައިމީ ވަރަށް ޝަކުވާކުރި. އޭނާ ވެސް އިނީ ރެޔަށް ރެޑީވެގެން. ޑޭޑްގެ މި ދަރިފުޅާ ހެދި ސަޕްރައިޒް ފަނިވީ." އިވާން ބުންޏެވެ. ދަރިފުޅަށް ބަލާލާފައި މަޒްހަރު ހީނލީއެވެ.

"ކުޑޫއަށް ސަޕްރައިޒެއް ނުދެވޭނެ. މިއަދު ޕާޓީ ފަނިކޮށްލައިފިއްޔާ ކުޑޫ ބުނާ އެއްކަމެއްވެސް މަލް ނުކޮށްދޭނަން. ވަން ވީކަށް ރުޅިވެފަ ހުންނާނީ." ކުޑަކުއްޖަކުހެން މަލަކް ތުން ހަދާލިއެވެ.

"އިޓްސް މައި ބާތްޑޭ. ޕާޓީ ބާއްވާ ސެލެބްރޭޓްކުރާ ހިތެއް މިހާރު ނުވޭ." މާޔަލް ތެދު ހާމަކުރިއެވެ. އޭނާއަށް ބާވީސް އަހަރު ފުރުނީއެވެ. އުފަން ދުވަސް ފާހަގަކުރުމަކީ ފުރާވަރާ ހަމައަށް ވެސް ނުހަނު ބޭނުންވެގެން ފާހަގަކުރާ ދުވަހެކެވެ. ފުރުނު އުމުރުގެ އަދަދާ އެއްވަރަށް އޭނާ ހަދިޔާ ވެސް ބޭނުންވާނެއެވެ. އުފަން ދުވަސް އައުމުގެ މާކުރީން އޭނާ އެ އަދަދަށް ވާވަރަށް އެންމެ ބޭނުންވާ އެއްޗެހީގެ ލިސްޓެއް ތައްޔާރުކުރާނެއެވެ. އާއިލާގެ މެންބަރުންނަށް އެ ލިސްޓު ދޭނެއެވެ. އެކަމަކު މިހާރު އެއީ ކުރީގެ މާޔަލްއެއް ނޫނެވެ. އެ ޅަކަން ކެނޑުނީއެވެ. އުޅުމަށް ހަރުދަނާ ބަދަލުތަކެއް ގެނެސް އުސޫލުތަކާއި ގަބޫލުކުރާ މިންގަނޑަށް މީހާގެ ހުރިހާކަމެއް ބަދަލު ކުރީއެވެ.

ތިން އަންހެން ދަރީންނަކީ މަޒްހަރާއި އާމާލްގެ ހުޅުދާންވެފައިވާ ކުޑަކުޑަ ދުނިޔެއެވެ. ދޮށްޓަށް ހުންނަ މައިރާއަށް ސައުވީސް އަހަރެވެ. އޭނާގެ ކައިވެނި ކުރެވުނުތާ އަހަރެއް އަދި ނުވެއެވެ. އެކުއްޖާ އުޅެނީ ފިރިމީހާ ރަޒާގެ އާއިލާއާއެކުއެވެ. މެދަށް ހުންނަނީ މާޔަލްއެވެ. އެންމެ ކުޑައީ މަލަކްއެވެ. އޭނާއަށް އަންނަ ޑިސެމްބަރުގައި ވިހި އަހަރު ފުރޭނެއެވެ. އެހެންވިޔަސް މިހާރު ވެސް އެންމެ ބޮޑުވެގެން އުޅެނީ ގޭގެ އެންމެ ކުޑަ މީހާއެވެ. ލޯބީގެ ރޮނގުންވެސް އެންމެ ކުރީގައި އުޅެނީ މަލަކްއެވެ. ތިންބެއިންގެ މެދުގައި ސިއްރުވެފައި އެއްވެސް ކަމެއް ނޯވެއެވެ. މައިރާއާއި މާޔަލް ވެސް ކޮއްކޮގެ ބައެއް އާދަތަކާމެދު އިންތިހާއަށް ކަންބޮޑުވެއެވެ. މައިރާއާއި މާޔަލް ވައްތަރުކަމުން އެއީ ދެބެންކަން އެމީހުން ފެންނަ މީހަކަށް ބުނާން އެނގޭހާވެއެވެ. އިސްކޮޅުންނާއި ހިމަތޮޅި ހަށިގަނޑާއި ދިގުކޮށް އޮންނަ ފަން އިސްތަށިގަނޑު ވެސް އެއްގޮތެވެ. އެއާ ހިލާފަށް މަލަކްއަކީ ދޮން ކުއްޖެކެވެ. ދަތްދޮޅީގައި އިންނަ އަޑިކޮޅަކީ އެހެން ކުދީންނާ ތަފާތު ނިޝާނެކެވެ. އޭނާގެ ދައްތަމެންހެން ފަސްފޫޓޫ ފަސް އިންޗި ނުހުއްޓަސް އާދައިގެ އިސްކޮޅެއް ލިބިފައިވެއެވެ.

މާޔަލްއާއެކު އައިސް ކޮޓަރިއަށް އިވާން ވަނެވެ. އޭނާގެ ޖީބުގައި އޮތް ޓައި ނަގައި ކަރުގައި އަޅުވާލިއެވެ. މާޔަލްއާ ދިމާއަށް އޭނާ އެނބުރިލިއެވެ.

"ނައިސް ނުހުރެވުނީ. ރޭގަ ވެސް ލޯބިއާ ދިމާނުވީމަ. މިފަހަރު ވެސް އަންނަންވެގެން ގުޅާތަނުން ނޫނެކޭ ބުނެދާނެ. އެހެންވެ ނުބުނީ. މައިރަށް ގުޅީ." އިވާންގެ ޓައީގަ ގޮށް ޖަހާދެމުންދިޔަ މާޔަލްއަށް ބަލަން ހުރެ އޭނާ ވާހަކަދެއްކިއެވެ. މަޑުމަޑުން މާޔަލްގެ ކޯތާފަތުގައި އިވާންގެ ކަނާއަތުން ފިރުމާލިއެވެ.

"ޝަކުވާއެއް ނުކުރަމެންނު. ތެންކިޔު... ވަރަށް ލޯބި ރޯޒްތައް." މާޔަލް ހިނިތުންވެ ހުރެ ބުންޏެވެ.

"އަދި މި ނިމުނީއެއްނޫން. މަންމަ ބުނެފަ އޮތީ މާޔަލް ގޮވައިގެން އަންނަން. ޑޯންޓް އާސްކް... އަހަންނަކަށް ނޭނގެ. މަންމަމެން ވެސް އުޅެނީ ގިފްޓެއް ތައްޔާރުކޮށްގެން. އެވަރު އެނގެނީ. އައިމީއަށް ގުޅާބަލަ." އިވާން ބުންޏެވެ. މާޔަލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ. އައިމީއަކީ އިވާންގެ ކޮއްކޮއެވެ. އެ ދެމީހުން ދިމާވާން މެދުވެރިވި ފަރާތެވެ. މާޔަލްއާއެކު ކިޔަވަން އުޅުނު އޭނާގެ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާއެވެ.

އިވާންގެ ކަރަށް ޓައީ ހެޔޮވަރުކޮށްލުމާއެކު މާޔަލް ދުރަށް ޖެހިލިއެވެ. އެއާއެކު އިވާން އެނބުރުނީ އެ ކޮޓަރީގެ ފާރުގައި ލައްކޮށްލާފައި ހުންނަ އިސްކޮޅުވަރުގެ ދިގު ލޯގަނޑާ ދިމާއަށެވެ.

"ބޭބްސް... ކޮންއިރަކުންތަ އަހަރެމެން ދެމަފިރިންނަށް ވާނީ." ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލާފައި އެއްފަރާތުގައި ހުރި މާޔަލްއަށް އިވާންގެ ނަޒަރު ދަތުރުކޮށްލިއެވެ.

"ސޫން." އިސްޖަހާލަމުން ފިނިގޮތަކަށް މާޔަލް ބުނެލިއެވެ. އެ ޖަވާބުން އިވާންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ކައިވެނީގެ ވާހަކަ އަހާލައިފިނަމަ ކޮންމެ ފަހަރަކު މާޔަލް ދޭ ޖަވާބަކީ އެއީއެވެ.

"ލަހެއްނުވޭތަ؟." މާޔަލް އަހާލިއެވެ.

"ބޭރުކޮށްލަންވީ ދޯ." މާޔަލްއާ ގާތަށް ފިޔަވަޅެއް އަޅާލަމުން އިވާން ބުންޏެވެ.

"މިރޭ ފެންނާނެއެއްނު." މާޔަލް ބުންޏެވެ. އިވާން މާޔަލްގެ ދެއަތުގައި ހިފަހައްޓާލިއެވެ. ވައަތްތިލަ ހިއްލާލައި މާޔަލްގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. ގުދުވެލައި މާޔަލްގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ.

"ހެޕީ ބާތްޑޭ އަގައިން. ލަވް ޔޫ." އިވާންގެ ކޮންމެ ހަރަކާތަކުން އޭނާ މާޔަލްދެކެ ލޯބިވާވަރު ހާމަވެއެވެ.

"މީޓޫ." އިވާން ބައްދާލުމުން މާޔަލް ބުންޏެވެ.

ފުންނޭވާއެއް މާޔަލްއަށް ދޫކޮށްލެވުނެވެ. އިވާންގެ މޭގައި ބޯޖައްސާލައިގެން ހުރިއިރު އެ މޭގައި އޭނާއަށް ޓަކައި ތެޅެމުންދިޔަ ހިތުގެ ދަޅްކަން އިވިއިވި ހުއްޓެވެ. މާޔަލްއަށް ލިބޭ ހާސްކަމާއި ނުތަނަވަސްކަމަށް އޮތް ފަރުވާއެއްކަމުގައި އިވާންގެ އޯގާތެރިކަމުގެ އެ ހިމާޔަތް ފުދެއެވެ. މިއަދު ތަންކޮޅެއް ގިނައިރު އިވާންގެ ދެއަތުގެ ތެރޭ ހުރުމަށް މާޔަލްގެ ހިތް އެދެމުންދިޔައެވެ. ނަމަވެސް އެފަދަ ގާތްކަމަށް މާޔަލް ސަމާލުކަން ދެއެވެ. މަންމައާއި ބައްޕަ ދީފައި އޮންނަ މިނިވަންކަމުގެ ފައިދާ ނަހަމަގޮތުގައި ނުނެގުމަށް އޭނާ އިސްކަންދެއެވެ.

ދެ ޒުވާނުން އެކުގައި ކޮޓަރިން ނުކުތްއިރު މަޒްހަރު ވެސް ކޮޓަރިން ނުކުންނަނީއެވެ. މަޒްހަރަކީ ރައީސް އޮފީހުގައި މަސައްކަތްކުރާ މީހެކެވެ. އިވާން މަޑުނުކޮށް ނުކުތީއެވެ. އަށެއް ޖަހާއިރަށް މަލަކް ކޮލެޖަށް ދާން ޖެހޭނެއެވެ. މަޒްހަރު އޮފީހަށް ދަމުން މަލަކް ކޮލެޖަށް ލާދޭން ގަސްދުކުރިޔަސް އެކަން އެގޮތަށް ވަނީ މަދު ދުވަހަކުއެވެ. މަލަކްގެ ތަތްކަމުން ބައްޕަ އޮފީހަށްދާން ނުކުންނައިރު ވެސް އޭނާއަށް ތައްޔާރުވެގެން ނުނިކުމެވޭނެއެވެ. ދައްތަމެން ފަދައިން މަލަކް ވެސް ކިޔަވަން ގަސްދުކުރީ ވިޔަފާރީގެ ރޮނގުންނެވެ. މީ އޭނާގެ ޑިގުރީގެ ފަހު އަހަރެވެ.

"ހިނގައްޖެ." މަލަކް ސިޓިންރޫމަށް ނުކުތްތަން އާމާލްއަށް ފެނުމާއެކު ބުނެލިއެވެ.

"ޝިޓް! ހާދަ ލަސްވެއްޖޭ... ކޮބާތަ ސައިކަލު ތަޅުދަނޑި. މަންމާ!. ލަސްވެގެން އުޅޭއިރު އެވެސް ނުފެންނާނެ." ތެޅެމުންފޮޅެމުން މަލަކް ވާހަކަދެއްކިއެވެ. ބޫޓު ހަރުގަނޑުން ބޫޓު ނަގައި ތަޅުންމަތީ ބަހައްޓާލުމާއެކު އޭނާ ދުއްވާ ސައިކަލުގެ ތަޅުދަނޑި ހޯދަން ފެށިއެވެ. އާމާލް ބަދިގޭގައި ކުރާން ހުރި ކަންތައް ހުއްޓާލާފައި އައެވެ.

"ގަޑި ނުޖެހި ކޮލެޖަށް ދިޔަ ދުވަހެއް ބުނެބަލަ. އެހެންމީހުންގެ ލޮލުން ނޫނީ އެއްޗެއް ވެސް ނުފެންނާނެ."

"ދެން މަންމާ. މިހާ ލަސްވެގެން އުޅޭ އިރު ލެކްޗަރު ނުދީބަލަ. ޕްލީޒް." މަލަކް ރާގުލާފައި ބުނެލިއެވެ. އެހިނދު ސައިކަލުގެ ތަޅުދަނޑި އާމާލް ދިއްކޮށްލައިފިއެވެ. އޭގައި ހިފުމާއެކު އާމާލްގެ ގައިގާ މަލަކް ބައްދާލިއެވެ. އަވަސްއަވަހަށް މަންމައަށް ޝުކުރު އަދާކުރިއެވެ.

"އަހަރެން ނާންނަނީސް އެއްވެސް ކަމެއް ނުފަށާތި." ސޯފާގައި އިން މައިރާއަށް ބަލާލަމުން މަލަކް ބުނެލިއެވެ. ވައިސޫރިއެއްހެން އޭނާ ނުކުމެގެން ހިނގައްޖެއެވެ.

"ވަރުހަމަވާނެ ގަޑިޖެހުނަސް ކުލާހަށް ވަނުމުގެ ކުރީން އަދި ފާޚާނާއަށް ގޮސް މޭކަޕް ރަނގަޅުތޯ ބަލާނެ. އެއަށްފަހު އޭނާއަށް ކުލާހަށް ވަދެވޭނީ." ހިނިއައިސްފަ އިނދެ މައިރާ ބުންޏެވެ. އާމާލްގެ ތުންފަތް ވެސް ދެމިލިއެވެ.

"މާޔަލް. ދަރިފުޅަށް ދޭންވީ އެއްޗެއް މަންމައަކަށް ނޭނގުނު." މައިރާގެ ގާތުގައި ސޯފާގައި މާޔަލް އައިސް އިށީންތަން ފެނި އާމާލް ގޮވާލިއެވެ.

"ބޮލުގަ ރިއްސަނީތަ؟" މާޔަލް ލޯ މަރާލައި ނިތްކުރީގައި ދެއަތުން ހިފަހައްޓާލި ގޮތުން މައިރާ ކަންބޮޑުވިއެވެ. އާމާލްއަށް ވެސް ވަގުތުން އައިސް ދަރިފުޅުގެ ގާތުގައި ހުއްޓެވުނެވެ.

"ދަރިފުޅު މާބޮޑަށް ވިސްނަނީކަން ޔަގީން. ޑަކްޓަރުން ބުންޏެއްނު ސިކުނޑިއަށް ބާރުނުލާން. އަނެއްކާ ނޭފަތުން ލޭ އަންނަން ފަށާފާނެ." އާމާލް ކަންބޮޑުވިއެވެ.

"ގަސްދުގައެއްނޫނޭ މަންމާ." މާޔަލް މަޑުމަޑުން ބުނެލިއެވެ. މައިރާ އަވަހަށް ކޮއްކޮގެ ބޮލުގައި ފިރުމާދޭން ފެށިއެވެ. އެންމެން ކަންބޮޑުވުމަކީ މާޔަލް ވެސް އެދޭ ގޮތެއް ނޫނެވެ. އެންމެން އޭނާގެ ގާތުގައި ނުވިސްނާށޭ ބުންޏަސް އެއީ ކިހާ އުނދަގޫކަމެއްކަން އެމީހުންނަކަށް ނުވިސްނެއެވެ.

"އޯކޭއޭ މިހާރު. ތަދެއްނުވޭ. އަހަރެންގެ ފިހާރަ ކިހިނެއް؟." މަންމަގެ އަތުގައި ހިފާލައި ޔަގީންކަން ދެމުން މާޔަލް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

"ދޮންތި ކޮންމެ ދުވަހަކު ހުޅުވަން. އެކަމަކު ރޭގަނޑު އިންނަން ދަތިވަނީ. ދެތިން ރޭ މިދިޔައީ ރޭގަނޑު އެއްގޮތަކަށް ވެސް ނުހުޅުވޭތާ. އޯޑާސްތައް އައިސްގެން ދޮންތަ ވެސް ބިޒީވީ. ފިހާރައިގެ ސޭލްސް އެހާއެއްނޫން. މިދިޔަ މަދާސްޑޭގަ ފިހާރައަށް ވަން މި މަސްތެރޭ އަދި ނުލިބޭވަރަށް." ތަފްސީލު މައިރާ ކިޔާދިނެވެ.

ގަހާއި މާ ވިއްކާ ފިހާރައަކީ މާޔަލް އަމިއްލަ މަސައްކަތެއް ފެށުމަށް ގަސްދުކުރި ގޮތެވެ. އެކަމުގައި އޭނާއަށް މައިރާއާއި މަލާކް ވެސް އެހީތެރިވެއެވެ. މައިރާއަކީ ފޮނި އެއްޗެހި ތައްޔާރުކުރާ ޝެފެކެވެ. އޭނާ ވިޔަފާރިކުރަނީ އޮންލައިންކޮށެވެ. މީސްމީޑިއާ މެދުވެރިކޮށެވެ. މީހަކަށް ބަރޯސާނުވެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ފުއްދައިގެން އުޅޭން އާމާލްގެ ދަރީންވަނީ ދަސްކޮށްފައެވެ. މަސައްކަތްތެރި މުރާލި ކުދީންތަކެކެވެ.

"ހިނގާ ފިހާރައަށް ވަދެލަން ދަމާ. ގޭގަ ނީނދެ ބޭރަށް ނުކުމެލަންވީ. ދޯ މަންމާ... މިހާރު އަސްލު އޯކޭވާނެ މާއްކޮ ނުކުމެ އުޅޭން. މަންތެއް ވަނީ... ނޫންތަ މަންމާ." މައިރާ ވާހަކަދެއްކިއެވެ.

"މަންމައަށް އެންމެ ރަނގަޅު. މާއްކޮއޭ ނުކުންނަން ބޭނުންނުވެފަ އިންނަނީ." އާމާލް ބުންޏެވެ.

"ހިނގާ ރީތިވެލަން." މައިރާ ވަގުތުން ސޯފާއިން ތެދުވިއެވެ. މާޔަލްގެ އަތަށް ދަމާލިއެވެ. ގެއިން ނުކުތުން ރަނގަޅު ހިޔާލަކަށް ނުވީނަމަވެސް މާޔަލް އިނީ ފިހާރަ ހުރި ގޮތެއް ބަލާލަން ބޭނުންވެފައެވެ. އެ މާހައުލަކީ އޭނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ތަނެކެވެ. ގަސްތަކުގެ ފެހިކަމާއި އެކިކުލަތަކުގެ ތަފާތު މާތަކާއި އެއިން ދުވާ މީރު ވަސްތަކުން އޭނާގެ ހިތް ފުރިދެއެވެ. އެ ހިތްހަމަޖެހުމާ ދުރަށް މާޔަލްއަށް ދާންޖެހުނީއެވެ.

ތިން މަސް ކުރީން މާޔަލްއަށް ކުރިމަތިވި ބިރުވެރި ހާދިސާއަށްފަހު މާޔަލްގެ ދިރިއުޅުމުގެ ހުރިހާކަމެއްވަނީ މަޑުޖެހިލާފައެވެ. މަރުގެ ތުންފަތް މަތިން އެނބުރި އާއިލާގެ ގާތަށް އާދެވިފައި އެ ހުރީ ކިރިޔާއެވެ. އެ ވާހަކަ މާޔަލްއަށް އަޑުއިވޭ ހިސާބުގައި އެކަކުވެސް ނުދައްކައެވެ. ހޮސްޕިޓަލުން ގެއަށް މާޔަލް ދޫކޮށްލީ ފަހުން މަހެއް ވާން އުޅެނީއެވެ. ދޭތެރެއަކުން ބޮލަށް ކުއްލިއަކަށް ތޫނު ތަދެއް އިހްސާސް ކުރެވުމާއެކު ނޭފަތުން ލޭ އާދެއެވެ. އެކަމަކު އެކަން ވެސް މިހާރު ދޭތެރެ ދުރުވެއްޖެއެވެ. (ނުނިމޭ)