އިންޑިޔާގައި މާދަމާ ނިމޭ ސާފް ސުޒުކީ ކަޕް ނުވަތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފަހު މި މުބާރާތުގައި ވާޑަނުކުރަން އަފްގާނިސްތާނުން ނިންމައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނީ މި ނިންމުން މި ގޮތަށް ނިންމީ އަފްގާނިސްތާނުގެ ފުޓްބޯޅައިގެ މުސްތަގްބަލަށްޓަކައި ކަމަށެވެ.
"އަހަރުމެން މި މުބާރާތް ނުކުޅޭތީވެ އެކަމާ ދެރަވާނެ. އެކަމަކު އަފްގާނިސްތާން މަސައްކަތް މި ކުރަނީ ޕްލޭނެއް ދަށުން. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އޭޝިޔާ ކަޕުގައި ކުޅެން އަފްގާނިސްތާން ބޭނުން. އަދި ވޯލްޑް ކަޕުގައި ކުޅުން އުއްމީދަކީ. އެއީ ނުވާނެ ކަމެއްނޫން. މިހެންވީމަ މި މުބާރާތުގައި ވާދަނުކުރަން ނިންމީ އަފްގާނިސްތާނުގެ ފުޓްބޯޅައިގެ މުސްތަގްބަލަށްޓަކައި،" ކޯޗު ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްގާނިސްތާނުން ތާލިބާނުންގެ ވެރިކަން ވެއްޓުމުން އެ ގައުމު ފުޓްބޯޅަ އަލުން ފުޓްބޯޅަ ކުޅެން ފަށައި ސާފް ޗެމްޕިއަންޝިޕުގައި އެންމެ ފުރަތަމަ ވާދަކުރީ 2005 ވަނަ އަހަރު އެވެ. އެ ގައުމުގެ ފުރަތަަމަ މެޗުގައި ދިވެހިރާއްޖެ އަތުން ބަލިވީ 9-1އިންނެވ.ެ ނަމަވެސް މި ފަހަރުގެ މުބާރާތުގައި އަފްގާނިސްތާން ވަނީ ރާއްޖެ 4-1އިން ބަލިކޮށްފަ އެވެ.
އަދި ރާއްޖެ އެންމެ ފަހުގެ ތިން މުބާރާތުގެ ސެމީ ފައިނަލުން ކަޓާފައިވާއިރު އަފްގާނިސްތާން ވަނީ އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެ، މި ފަހަރު ވެސް ފައިނަލުން ޖާގަ ހޯދައިފަ އެވެ. 2011 ވަނަ އަހަރު ފައިނަލުގައި އެ ގައުމު ބަލިވި ނަމަވެސް އޭގެ ދެ އަހަރު ފަހުން ތަށި ހޯދިއިރު މި ސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ވަރުގަދަ ގައުމަކީ ވެސް އެއީ އެވެ.