ދިގުރަށް

ދިގުރަށުގައި މިސްކިތެއްގެ ބިންގާ އަޅައިފި

May 17, 2022

އދ. ދިގުރަށުގައި ޒަމާނީ މިސްކިތެއްގެ ބިންގާ އަޅައިފި އެވެ.

ދިގުރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ދިގުރަށު ކައުންސިލްގެ މެންބަރުންނާއި ބައެއް އާންމު ރައްޔިތުން ވެސް ބައިވެރިވެ އެވެ.

އާބާދީގައި 700 މީހުން ހިމެނޭ ދިގުރަށުގައި ބިންގާ އެޅި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަސައްކަތް އަލާފް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ. މިސްކިތުގެ މަސައްކަތް ނިންމަން ދީފައި ވަނީ އެއް އަހަރު ދުވަހެވެ. މަސައްކަތުގެ އަގަކީ 7.3 މިލިއަން ރުފިޔާ އެވެ.

ދިގުރަށުގައި މިހާރު ވެސް ދެ މިސްކިތެއް އެބަހުއްޓެވެ. އިއްޔެ ބިންގާ އެޅި މިސްކިތް ނިމުމާ އެކު އެރަށުގެ ކުރީގެ ހުކުރު މިސްކިތް ބޭނުން ނުކުރަން ވަނީ ނިންމާފަ އެވެ. އާ މިސްކިތް އަޅަނީ ކުރީގެ ހުކުރު މިސްކިތާ އިންވެގެން އޮތް ބިމުގަ އެވެ.