ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އަފްގާނިސްތާނަށް ދިފާއު ނުކުރެވިއްޖެނަމަ އެކަމުގެ ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށް ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
"ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ކުރިމަތިނުވާނެ. ހުރިހާ ޒިންމާއެއް ނަގާނީ އަހަރެން. ބަލިވެއްޖެނަމަ އެންމެންވެސް އެޓޭކް ކުރާނީ އަހަންނަށް. އަހަރެން މިހުރީ ޒިންމާ ނަގަން،" އިންޑިޔާއާ ދެކޮޅަށް މާދަމާ އެ ގައުމުގައި ކުޅެން ޖެހޭ ފައިނަލް މެޗަާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.
މުބާރާތުގައި އަފްގާނިސްރާން މިހާޓަނަށް ވަނީ 12 ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ އެ ގައުމުންނެވެ. ނަމަވެސް ކޯޗު ބުނީ އޭނާގެ ޓީމުން ވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ކާމިޔާބު ލިބެނީ ކުޅުންތެރިންގެ އަހުލާގު ރަނގަޅުވުމުން ކަމަށެވެ.
"މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ މި މުބާރާތަށް ތައްޔާރުވާން (އަފްގާނިސްތާންގެ ވެރިރަށް) ކާބުލް އަށް ދިޔަ ކުޅުންތެރިން. މި ޓީމުގެ 15 ކުޅުންތެރިން ކުޅެނީ ބިދޭސީ ލީގުތަކުގައި. އަހަރުމެން 2013 ވަނަ އަަހަރު ތަށި ހޯދި ޓީމުން ހަތް ކުޅުންތެރިއަކު ވަނީ ރިޓަޔާކޮށްފައި. މި ކުޅުންތެރިން ނެތްތަން ފޫބައްދަން އަފްގާން ލީގު ވެސް އަހަރެން ކުޅުންތެރިން ހޯދިން. މި ޓީމުގެ ހުރިހާ ކުޅުންތެރިން ވަރަށް އަހުލާގު ރަނގަޅުކޮށް މަސައްކަތް ކުރާތީ އަހަރެން ވަރަށް އުފާކުރަން. ކާމިޔާބީގެ ސިއްރަކީ ވެސް އެެއީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އަފްގާނިސްތާނުގެ އަމާޒަކީ ކުރިއަށް އޮތެ ދެ އަހަރުތެރޭގައި އޭޝިއަން ކަޕް ކުޅުން ކަމަށެވެ.
މާދަމާގެ ފައިނަލަކީ އަފްގާނިސްތާނާއި އިންޑިޔާ ކުޅޭ ތިން ވަނަ ފައިނަލެވެ. 2011 ވަނަ އަހަރު އިންޑިޔާގައި ކުޅުނު މުބާރާތުން އަފްގާނިސްތާން ބަލިވީ އިތުރު
ވަގުތުގައި ގޯލެއް ވަދެގެންނެވެ. 2013 ވަނަ އަހަރު އެ ގައުމު ތަށި ހޯދީ އިންޑިޔާ ބަލިކޮށްގެންނެވެ.