މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އާމްދަނީން ހިއްސާކުރަން ނިންމި އަދަދާމެދު ކައުންސިލުން ދެކޮޅު: އެމްޕީއެލް

މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރަން ނިންމާ ހުށައެޅި އަގަށް ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ އެއްވެސް މިންވަރެއް ކައުންސިލަށް ލިބެމުން ނުދާތީ އެކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޓީޖެޓީއާ ހަވާލުވާން މާލެ ސިޓީ ކައުންސިލް ނިންމާ 90 ދުވަހުގެ ނޯޓިސްވެސް ދިނެވެ. އެ މުއްދަތު ހަމަވުމުން އެތަނާ ހަވާލުވާންވެސް ކައުންސިލުން ދިޔައެވެ.

ސިޓީ ކައުންސިލްގެ އައު ދައުރަށް މިއަދު އެއް އަހަރު ފުރިފައިވާއިރު ކައުންސިލުން މިއަދުވެސް ވަނީ މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ އެއްވެސް މިންވަރެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓީޖެޓީ ސަރަހައްދުން ލިބޭ އާމްދަނީން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށާއި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.

އެކަމާއި ގުޅިގެން އެމްޕީއެލް އިން މިއަދު ބުނީ މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީން ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަަށް ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި މި އެންގުމާއި އެއްގޮތަށް އެ ކުންފުނިން މާލެ ސިޓީ ކައުންސިލާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލުން ހުށަހަޅާފައިވަނީ އެމްޕީއެލްއިން ހުށަހެޅި އަގަށް ވުރެ މާ ބޮޑު އަގެއް ކަމަށާ އެއީ ރީޒަނަބަލް އަގެއް ނޫންކަ ކަމަށެވެ.

"އަދި އެއީ ފައިނޭންޝިއަލީ ފީޒަބަލް އަގެއްވެސް ނޫން. އަޅުގަނޑުމެން މިހާރު ވާނީ މި މަޝްވަރާތަކުގެ މައުލޫމާތު ރައީސް އޮފީހާއި ހިއްސާކޮށްފަ. އެއްވެސް އިރެއްގައި މާލެ ސިޓީ ކައުންސިލުން މަޝްވަރާގެ މޭޒަށް ދައުވަތު ދިނުމުން މި ކުންފުނިން އެކަމަށް ޖަވާބެއް ނުދީ ނުވަތަ ބައްދަލުނުކުރާ ވާހަކައަކީ އެންމެ ރަނގަޅު ވާހަކައެއް،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި އެތަން އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު މޭޔަރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.