ރާއްޖެ ކުޅިވަރު

ފައިނަލަށް ދެވުމަކީ ކާމިޔާބީއެއްނޫން: އިންޑިޔާގެ ކޯޗު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދެވުމަކީ ކާމިޔާބީއެއްނޫން ކަމަށާއި އުފާފާޅުކުރަން ބޭނުންނަމަ މުބާރާތުގެ ތަށި ހޯދަންޖެހޭ ކަމަށް އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

ސެމީ ފައިނަލުގައި ދިވެހިރާއްޖެ ބަލިކުރި ޓީމުގެ ކޯޗު ބުނީ ކުޅުންތެރިންގާތުގައި ވެސް އޭނާ އެގޮތަށް ބުނެފައިވާނެ ކަމަށެވެ.

"އަދި މިއީ އެއްވެސް ކަމެއް ހާސިލްވުމެއްނޫން. އަހަރުމެން ކާމިޔާބު ކުރަންޖެހޭނީ ތަށި. އޭގެ ފަހުން އުފާފާޅު ކުރެވޭނީ. އިންޑިޔާ އަށް ތަށި ނުލިބިއްޖެނަމަ އެއީ ކާމިޔާބީއަަކަށްނުވާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ފައިނަލުގައި މާދަމާ އަފްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު އިންޑިޔާގެ ޑިފެންސް ލައިން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ހަމަމިއާއެކު ކުރިއަށް ކުޅޭ ފޯވަޑުންގެ ފަރާތުން މިހާރަށްވުރެ މޮޅު ކުޅުމެއް ފެންނަންޖެހޭ ކަމަށެވެ.

"ވަރަށް ފީކަޅާ ލަނޑުތަކެއް ވަދެފައިވަނީ. މިހެންވީމަ އަހަރުމެން އެބަޖެހޭ ޑިފެންސް ރަނގަޅު ކުރަން. އަދި އަހަރުމެންނަށް މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެ. އަހަރެން ބުނާނީ ފޯވަޑް ލައިން (ޖޭޖޭ އާއި ޗެތްރީ) އަށް ވެސް މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެއޭ،" ކޯޗު ބުންޏެވެ.

މާދަމާގެ ފައިނަލަކީ އަފްގާނިސްތާނާއި އިންޑިޔާ ކުޅޭ ތިން ވަނަ ފައިނަލެވެ. 2011 ވަނަ އަހަރު އިންޑިޔާގައި ކުޅުނު މުބާރާތުން އަފްގާނިސްތާން ބަލިވީ އިތުރު ވަގުތުގައި ގޯލެއް ވަދެގެންނެވެ. 2013 ވަނަ އަހަރު އެ ގައުމު ތަށި ހޯދީ އިންޑިޔާ ބަލިކޮށްގެންނެވެ.