އާންމުންނަށް ނޭންގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. މަޖިލީހަށް މި މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމާއި ނުވަނުމަކީ އަދި ޕާޓީތަކަށް ވަނުމަށް ފަހު ވަކިވުމާއި ނުވުމަކީ އަދި ޕާޓީ ބަދަލު ކުރުމަކީ އާންމު ފަރުދުންނަށް ލިބިފައިވާ އަސާސީ ހައްގަކަށްވާއިރު އާންމުންނަށް ނޭންގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލު ކުރުން ފަދަ ކަންކަން މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އާންމުންނަށް ނޭންގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއިން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާއި ބީރައްޓެހި ކަންކަމަށްވެފައި އެކަންކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލޭ ކަމެއް އަދި އެ މީހުންގެ އިމްތިޔާޒަށް އުނިކަން ލިބޭ ފަދަ ކަންކަން ކުރިމަތިވުމާއި ނުހައްގު މާލީ ފައިދާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމެއްގެ އިތުރުން މަލްޓިޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް ގިނަ ގުނަ ސިޔާސީ އަދި އިޖްތިމާއީ މައްސަލަތައް ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި "ވާނުވާ ނޭންގި ޕާޓީ ބަދަލުވުން" ފަދަ ކަންކަމުގެ ސަބަބު އާންމު ރައްޔިތުންނާއި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ހުށައަޅާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އާންމުންނަށް ނޭންގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައަކީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ދާދި ފަހުން އާއިލާއެއްގެ އެތައް މެންބަރުންނެއް އެ މެންބަރުންނަށް ނޭންގި ޕީޕީއެމުން ވަކިކޮށް އަދާލަތު ޕާޓީއަށް ވެއްދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ކޯޓަށް ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދާލަތުން އޭރު ބުނީ "ވަގަށް" ފޯމް ފުރައިގެން މެންބަރުން އިތުރު ނުކުރާ ކަމަށެވެ.