އާދަމް ޝަރީފު އުމަރު

"މަޖިލީހުގެ މަސައްކަތްތަކާ މެދު ހިތްހަމައެއް ނުޖެހޭ"

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު ކުރެވުނު މަސައްކަތްތަކާއި މެދު ހިތްހަމަނުޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ތިންވަނަ ދައުރުގެ ތެރޭގައި ކުރެވުނީ 54 ޕަސެންޓް މަސައްކަތް ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މިއަހަރުގެ މަސައްކަތްތަކާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ 54 ޕަސެންޓުގެ މަސައްކަތް ނިންމުން އެއީ މަޖިލީހުގެ އަމާޒެއް ކަމަށް ވެގެން ނުވާނެ ކަމަށެވެ. މަޖިލީހުގެ ތިންވަނަ ދައުރުގައި މިއަށްވުރެ ގިނަ މަސައްކަތްތައް ކުރެވިގެން ދާންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ތުހުމަތުކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތް ދަށްވީ ސަރުކާރުގެ ނުފޫޒު ބައެއް މެންބަރުންގެ މައްޗަށް މާބޮޑުވެފައި އޮތުމުންނެވެ.

"މަޖިލީހުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް، ކުރާ ހުރިހާ މަސަތްކަތެއް، ސަރުކާރުން ބެނުންވާ ގޮތަކަށް މި ކުރަންޖެހެނީ. ސަރުކާރުގެ ވެރިން ބޭނުންވާ ގޮތަށް ކަންކަން ހިންގަވަން، ސަރުކާރުން ސަރުކާރު މެމްބަރުންނަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ. މިހާ މަދު ޕަސަންޓޭޖަކަށް މަޖިލީހުގެ މަސައްކަތްތައް ނިމުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ މިއީ،" ޝަރީފް ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ. މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީ ދެ ފެކްޝަނަށް ބެހިގެން ދިއުމުން ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ބޮޑެތި ކޯޅުންތަކެއް މަޖިލީހުގެ ތަޅުމުގައި ދަނީ ހިނގަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ބޮޑެތި ކޯޅުންތަކުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. މިއީ މަޖިލީހުގެ މަސަތްކަތްތައް ނުނިމި ލަސްވާ މައިގަނޑު އެއް ސަބަބު ކަމަށާއި އެމްޑީޕީގެ މެންބަރުންގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލުކުރައްވަމުން ގެންދެވި ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެެވެ.

ރައީސް ނަޝީދާ ހިޔާލުތަފާތުވާ މެންބަރުންގެ ތުހުމަތާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ގަވައިދާ ހިލާފަށް އެއްވެސް މަސަތްކަތެއް ނުކުރައްވާ ކަމަށެވެ.

"މަޖިލީހުގެ ގަވައިދާއި ގާނޫނު އަސާސީގައިވާ ގޮތުން ސަރުކާރުގެ ތެރެއިން ކުރާ ކަންކަމަށް މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނެ. ބޮޑަށް ގަބޫލުކުރެވެނީ މަޖިލީހުގެ ރައީސް ސަރުކާރުން ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރައްވާތީ މެމްބަރުންތައް ދައްކާވާހަކައެއް ހެން ތިއީ. އަޅުގަނޑަކަށް ނުފެނޭ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރަމުންދާ ތަނެއް" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ބާއްވާފައިވަނީ 43 ޖަލްސާ އެވެ. މި ޖަލްސާތަކުގައި 125 ގަޑި އިރާއި 11 މިނެޓް މެންބަރުން ހޭދަކުރައްވާފައިވެ އެވެ.

މިއަހަރުގެ ތިންވަނަ ދައުރުގައި ޖުމްލަ 192 މަސައްކަތެއް ކޮށްފައިވާއިރު ތިންވަނަ ދައުރުގައި 105 މަސައްކަތެއް ނިންމާފައިވެ އެވެ. އަދި ނިންމުނު މަސައްކަތްތަކުގެ އިންސައްތަ އަކީ 54.7 އެވެ.