ރާއްޖެ ކުޅިވަރު

ބުޓިޔާގެ ރެކޯޑާ ޗެތްރީ އެއްވަރުކޮށްފި

އިންޑިޔާގެ ކުރީގެ ކެޕްޓަން އަދި ކުޅަދާނަ ފޯވަޑް ބައިޗުން ބުޓިޔާ ސާފް ޗެމްޕިއަންޝިޕުގައި ޖަހާފައިވާ ގޯލުގެ އަދަދާ މިހާރުގެ ކެޕްޓަން ސުނިލް ޗެތްރީ ހަމަހަމަކޮށްފި އެވެ.

މާދަމާ އިންޑިޔާގައި ނިމޭ މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކޮޅަށް ޗެތްރީ ޖެހި ގޯލާއެކު މުބާރާތުގައި އޭނާ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ޗެތްރީ ޖަހާފައިވަނީ ދެ ލަނޑެވެ. ސާފް ޗެމްޕިއަންޝިޕުގެ ފަސް މުބާރާތެއްގައި ކުޅުނު ބުޓިޔާ ވެސް ޖަހާފައިވަނީ 12 ލަނޑެވެ.

އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓެންޓިން ބުނީ ޗެތްރީ އަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ބޭނުން ޓީމަށް ހިފެމުންދާ މިންވަރާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އެއީ ބަރާބަރު ކެޕްޓަނެއް. އޭނާ ދަނީ ނަމޫނާ ދައްކަމުން. އަދިވެސް އޭނާގެ ކުޅުން ކުރިއަށް ގެންދެވޭނެ. ޗެތުރީގެ ރެކޯޑް އިތުރަށް ފުރިހަމަވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ހާއްސަކޮށް ގައުމަށް ކާމިޔާބު ހޯދާދީފައިތިބޭ ކުޅުންތެރިންނަށް މި ފަދަ ޝަރަފުތައް ލިބެންވާނެ،" ކޯޗު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހީ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.