ބޮލީވުޑް

ކޮމޭޑިއަން ބާރްތީ ހޫނުފެނަށް

އިންޑިއާގެ މަޝްހޫރު އަންހެން ކޮމޭޑިއަން ބާރްތީ ސިންގް އާ ދެކޮޅަށް ފުލުހަށަ މައްސަލައެއް ހުށަހަޅައިފި އެވެ. ބާރްތީ ދެކެ ބަޔަކު ހިތްހަމަ ނުޖެހުނީ މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ދައުރުވި އޭނާގެ ވިޑިއޯއެއްގައި ދައްކާފައިވާ ވާހަކަތަކަކާ ހެދި އެވެ.

މި ވީޑިއޯގައި ބާރްތީ ކިޔަނީ މާމަގެ ތުނބުޅި (ދާދީ މޫޗް) ލާފައި ތިބޭ މީހުންގެ ވާހަކަ އެވެ. މި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު ވީޑީއޯ ބަލާފައި ހިތްހަމަ ނުޖެހުނީ އެވެ.

ބާރްތީ އާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅި މީހާ ބުނެފައި ވަނީ ބާރްތީގެ ވާހަކަތަކަކީ ސިކުންގެ ކޮމިއުނިޓީއަށް މަލާމާތް ކުރަން ދެއްކި ވާހަކައެއް ކަމަށެވެ. އަދި ގަސްތުގައި އެނގިހުރެ ބާރްތީ ވަނީ އެމީހުންގެ ޖަޒުބާތާ ކުޅެފައި ވެއެވެ.

މި މައްސަލަ މާ ބޮޑު ކަމަކަށް ހަދަން ފެށުމުން ބާރްތީ ވަނީ އެހެން ވީޑީއޯއެއް ސޯޝަލް މީޑީއާގައި ރިލީޒްކޮށް އޭނާ ދެއްކި ވާހަކަތަކަށް މައާފަށް އެދިފަ އެވެ. އަދި މިއީ އޭނާ ވަކި ބަޔަކަށް އަމާޒުކޮށް ދެއްވި ވާހަކަތަކެއް ނޫން ކަމަށް ވެސް ބާރްތީ ބުނެފައި ވެއެވެ.

ބާރްތީ ބުނި ގޮތުގައި އޭނާގެ ވާހަކަ ނިސްބަތްކުރީ އެއްވެސް ދީނަކަށް ނޫނެވެ. އެއީ އެކުވެރިޔަކާ އެކު އޭނާ މަޖަލަށް ދެއްކި ވާހަކަ އެކެވެ. އަދި މިޒަމާނުގައި މަތިމަސް ބަހައްޓައިގެން އުޅެނީ ހަމައެކަނި ސިކުން ނޫން ކަމަށާއި ތުނބުޅި މަތިމަސް ބެހެއްޓުމަކީ މިހާރު ގިނަ ބަޔަކު ކުރާ ކަމެއް ކަމަށް ވެސް ބާރްތީ ބުންޏެވެ.