ބޮލީވުޑް

"ދަކް ދަކް"ގެ ޝޫޓިންގްގައި ދިއާ މިރްޒާއާ އެކު ދަރިފުޅު

ގިނަ ދުވަސްތަކަކު ފިލްމު ކުޅުމުގައި ދުރުގައި ހުރުމަށްފަހު ދިއާ މިރްޒާ އަނެއްކާވެސް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

"ދަކް "ދަކް" ނަމަކަށް ކިޔާ މި ފިލްމުގެ ޝޫޓިންގަށް ދިއާ ދަނީ އޭނާގެ ތުއްތު ދަރިފުޅު ވެސް ގޮވައިގެންނެވެ.

ދިއާ ވަނީ އޭނާ މޭކަޕް ކުރާ ތަނުގައި ތުއްތު އަވްޔާން އުނގަށް ލައިގެން އިނދެ ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އެއާއެކު އޭނާގެ ފޭނުންގެ ލޮލުގައި އަޅައިގަތީ އަވްޔާންގެ ލޯބި ހިނިތުންވުމެވެ.

މި ފޮޓޯ ޝެއާ ކުރަމުން ދިއާ ލިޔެފައިވާ ގޮތުގައި މިއީ ފިލްމުގެ ތިންވަނަ ދުވަހުގެ ޝޫޓިންގެވެ. އަދި ކޮންމެ ދުވަހަކުވެސް އޭނާއާ އެކު ޝޫޓިންގަށް އަވްޔާން ގެންދާކަން ދިއާގެ ލިޔުމުން ހާމަވެ އެވެ.

ދިއާއާ އެކު "ދަކް ދަކް"ގައި ހަރަކާތްތެރިވަނީ ފާތިމާ ސަނާ ޝޭޚް އާއި ސަންޖަނާ ސާންގީ އަދި ރަތުނާ ޕާތަކް ޝާހް އެވެ. މިއީ ޕްރޮޑިއުސަރެއްގެ ގޮތުގައި ބަތަލާ ތާޕްސީ ޕަންނޫ އުފައްދާ ފުރަތަމަ ފިލްމެވެ.

މިހާރު 40 އަހަރު ފުރިފައިވާ ދިއާ މަންމަ އަކަށްވީ މިދިޔަ އަހަރުގެ މޭ 14 ވަނަ ދުވަހު އެވެ. އުފަންވީއިރު ދިއާގެ ދަރިފުޅު ބަރުދަން ލުއިވެފައި ސިއްހީ ގިނަ މައްސަލަތަކެއް ހުރުމުން ވަރަށް ގިނަ ދުވަސް ތަކަކު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދީފައިވެ އެވެ.

ދިއާ އަކީ މިސް އިންޑިއާ މުބާރާތުން މަތީ ވަނަ އެއް ހޯދި މޮޑެލް އެކެވެ. އޭނާއަށް ފިލްމީ ރޮނގުން އެންމެ ގިނަ ކާމިޔާބު ލިބިފައިވަނީ 2001ގައި ރިލީޒްކުރި "ރެހެނާ ހެ ތޭރެ ދިލް މޭ" އިންނެވެ.