ބޮލީވުޑް

ދަރިފުޅު ބާއްވާފައި ޝޫޓިންއަށް ދާން ބޭނުމެއް ނުވޭ: ދިއާ

ދިއާ މިރްޒާ އަށް ދަރިއަކު ލިބިފައިވަނީ އުމުރުން 40 އަށް ވުރެ މަތިވީ ފަހުންނެވެ. އެހެންވެ އޭނާގެ ހުރިހާ ވަގުތަކާއި ހުރިހާ ސަމާލުކަމެއް މިހާރު ހުއްޓިފައިވަނީ އެ ދަރިފުޅަށެވެ.

ފިލްމު ކުޅުމަށް އޭނާގެ ހުރި ޝައުގުވެރިކަން ވެސް މިހާރު ވަނީ ނެތިފަ އެވެ. ދަރިފުޅާ ވަކިން ޝޫޓިން ތަކަށް ދާން ޖެހޭނެތީ އެވެ. ނަމަވެސް މަދުމަދުން ލިބޭ ރަނގަޅު ފިލްމުތައް ދިއާ އަދިވެސް ބޭނުން ކުރެ އެވެ.

"ދަރިފުޅު ލިބުމުގެ ކުރިން ވެސް އަހަރެންނަށް ވިސްނުނު ދަރިފުޅާއި ގެއާ ދުރުގައި ކުރިން އުޅުނު ހެން ނޫޅެވޭނެކަން. އަދި މިހާރު މަންމައަކަށް ވުމުން މާބޮޑަށް އެކަން ވިސްނޭ. އަހަރެން ބޭނުންވީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށް އެކަމެއްގެ އަގު ވަޒަންކޮށްގެން ކުރަން. އަހަރެން ހަމަ ކޮންމެހެން ކަމެއް ކުރުމުގެ ނަމުގައި އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ދަރިފުޅާއެކު ވަގުތު ހޭދަކުރަން. އޭނާގެ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި އޭނާ ކުރާ ކަންތައްތައް ބަލައި އެކަންތައްތަކުން ތަޖުރިބާ ހޯދަން،" 2020ގައި ރިލީޒްކުރި "ތައްޕަޅް"ގެ ބަތަލާ ބުންޏެވެ.

ދިއާ ބުނި ގޮތުގައި އެހެން ބުންޏަސް އޭނާއަށް ވަރަށް ކަމުދާ ކަހަލަ ވާހަކައެއްގެ މައްޗަށް ފިލްމެއް ތައްޔާރުކުރާނަމަ ދަރިފުޅު ގޮވައިގެން ނުވަތަ ކުޑަ ދުވަސްކޮޅަކަށް ގޭގައި ބަހައްޓާފައި ވެސް އެ ފިލްމެއްގެ ޝޫޓިން އަށް އޭނާ ދާނެ އެވެ.

އަވްޔާންގެ މަންމަ ދިއާ މިހާރު މަސައްކަތްކުރާ އެފަދަ އެއް ޕްރޮޖެކްޓަކީ "ދަކް ދަކް" އެވެ. ތަރުން ދުދޭޖާ އުފައްދާ މި ފިލްމުގައި ދިއާގެ އިތުރުން ރަތުނާ ޕާތަކް، ފާތިމާ ސަނާ ޝޭޚް، ސަންޖަނާ ސާންގްވީ ވެސް ބައިވެރިވެ އެވެ.

ދިއާ ބުނި ގޮތުގައި މިއީ އަންހެނުން ބާރުވެރިކުރުވާ ފިލްމެކެވެ. އޭނާ އެ ފިލްމުގައި ބައިވެރިވާން ޝައުގުވެރިވީ އެހެންވެ އެވެ.

މި ފިލްމުގެ ޝޫޓިންގަށް އޭނާ 35 ދުވަހު އަވްޔާން އާ ދުރުގައި ހުންނަން ޖެހުނު ކަމަށާއި އެއީ ހަޔާތުގައި ވެސް އޭނާ ހޭދަކުރި އެންމެ ހިތްދަތި، އުނދަގޫ ދުވަސްތައް ކަމަށް ދިއާ ބުންޏެވެ.

ފިލްމު ކުޅުމުގެ އިތުރުން ދިއާ އަކީ ފިލްމު ޕްރޮޑިއުސަރެކެވެ. އަދި އަމިއްލަ ވިޔަފާރިތައް ވެސް އޭނާ ހިންގަ އެވެ.