ގަތަރު

ގަތަރުން ފަސް ބިލިއަން ޑޮލަރު ސްޕޭންގައި އިންވެސްޓް ކުރަނީ

ސްޕޭންގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ ވިދާޅުވެއްޖެ އެވެ.

ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރައްވައި އަމީރު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ގަތަރުގެ އިންވެސްޓްމަންޓްތައް ސްޕޭނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.

ފެޑްރޯ ސަންޗޭޒް ދެއްކެވި ވާހަކަފުޅުގައި އަމީރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ގަތަރުގެ އިންވެސްޓްމަންޓަކީ ސްޕޭނަށް ދެއްވި ހަމައެކަނި އިތުބާރެއް ނޫން ކަމަށާއި އެއީ ސްޕޭންގެ އިގުތިސޯދު ހަރުދަނާ ކުރުމާއެކު ވިޔަފާރި ފުޅާކުރަން ދެއްވި ދައުވަތެއް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ސްޕޭންގެ މަގުސަދަކަށް ވާނީ ހަމައެކަނި ސްޕޭނަށް ފައިދާ ހޯދުން ނޫން ކަމަށާއި ގަތަރާއެކު މިހާރު ވެސް އޮތް ހަރުދަނާ ގުޅުން ހަރުދަނާ ކަމުގައި ދެމެހެއްޓުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގަތަރު އެ އަންނީ ދުނިޔެއަށް ހުޅުވެމުން،" ބޮޑުވަޒީރު ވިދާޅުވި އެވެ. "ގަތަރުން އެކުރާ މަސައްކަތް ތަކުގައި، ގައުމުތަކުގައި ފެތުރިގަތުމަށް އަޅުގަނޑުމެން ގަތަރަށް އެހީތެރިވާނަން،" އޭނާ ވިދާޅުވި އެވެ.

ސަންޗޭޒް ވިދާޅުވި ގޮތުގައި ގަތަރުން ސްޕޭންގައި 2019ގެ ނިޔަލަށް ކޮށްފައި ހުރި އިންވެސްޓްމަންޓްގެ ސަަބަބުން 14،000 ވަޒީފާ ވަނީ އުފެދިފަ އެވެ. ގަތަރުގެ އިންވެސްޓްމަންޓް އެއިރު ހުރީ 2.73 ބިލިއަން ޑޮލަރުގައި ނަމަވެސް، ކުރިއަށް ހުރި އިންވެސްޓްމަންޓް ތަކާއެކު އިތުރު ވަޒީފާ އުފެދި ސްޕޭނަށް މާލީ ތަނަވަސްކަން އިތުރުވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީ 2013ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު މިއީ ރަސްމީ ހައިސިއްޔަތުން ސްޕޭނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަމީރަށް މަރުހަބާ ދެންނެވުމަށް ސްޕޭނުން ވަރަށް ބޮޑެތި ހަފުލާތައް ވަނީ ބާއްވާފަ އެވެ.

ސްޕޭނުން މިފަހަރު ގަތަރަށް ދިން ދަރަޖައިގެ ސަބަބުން ބައިވެރިންގެ ލިސްޓުގައި އެންމެ އުހަށް އުފުލި އެމެރިކާ އާއި ފްރާންސާއި، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތް، ތުރުކީ އަދި ޗައިނާއާ އެއް ސަފަކަށް އެރީ އެވެ.

ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި ގޮތުގައި އަމީރުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އަދި އިތުރު އެއް ހަރުފަތަށް އަރާނެ އެވެ.