( 17 މެއި 2022 އާ ގުޅޭ )
ހޮސްޕިޓަލުން ގެއަށް މާޔަލް ދޫކޮށްލީ ފަހުން މަހެއް ވާން އުޅެނީއެވެ. ދޭތެރެއަކުން ބޮލަށް ކުއްލިއަކަށް ތޫނު ތަދެއް އިހްސާސް ކުރެވުމާއެކު ނޭފަތުން ލޭ އާދެއެވެ. އެކަމަކު އެކަން ވެސް މިހާރު ދޭތެރެ ދުރުވެއްޖެއެވެ.
* * * * *
ބިއްލޫރި ފާރުތަކުން ބޭރުގައި ހިނގާ ކަންކަން ފެނެއެވެ. ހިނގާބިނގާވެ އުޅޭ މީހުން މަދެވެ. މަގުގެ އަނެއްފަރާތުގައި ކަސްޓަމަރުން ހުސްނުވާ ސުޕަމާކެޓަށް މިއަދު ވަންނާނޭ މީހަކު ނެތެވެ. މީހަކު ނުފެނުނަސް މަގުގައި ދަތުރުކުރާ ޓެކްސީތަކާއި އަމިއްލަ މީހުންގެ ކާރުތައް ވެރިވެފައިވާ ފަޅުކަން ނަގާލާފައި ވެއެވެ. ބޯކޮށް ވެހެމުންދާ ވާރޭގައި މަގުގެ ކޮޅު ވެސް ނުފެނެއެވެ. ދުންފިނީގައި ފުސްވެ ފޮރުވިފައިވާ ކަހަލައެވެ. ކާރުތައް ގޮސް އެ ފުސްކަމުގެ ތެރެއަށްވަދެ ގެއްލޭ ފަދައެވެ. ދެއަތްއުރާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލި ގޮތަށް މާޔަލް ހަރަކާތެއް ނުކުރެއެވެ. ދެން މަޑުމަޑުން އައިސް ފިހާރައިގެ ބިއްލޫރި ދޮރުހުޅުވާލައިފައި ދޮރުމަތީ މަޑުކޮށްލިއެވެ. އެއާއެކު އެތެރެއަށް ދަމާލި ފުންނޭވާއިން މާޔަލްގެ މޭފުރާލައިފިއެވެ. ފަޒާގައިވަނީ ގުދުރަތީ މީރުވަހެކެވެ. ތެމިފައިވާ ގަސްތަކުގެ ވަހެވެ. ބިންގަނޑުގެ ވަހެވެ. ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އޭނާ ހުރީ ތެމިލަން ބޭނުންވެފައެވެ.
"ތެމޭ ހިތް ވެފަ ދޯ ތިހުންނަނީ." ފަހަތުން އައިސް މަޑުކޮށްލި މައިރާއަށް ކޮއްކޮގެ މޫނުގައިވީ އަސަރުތައް ނަގައިގަންނަން އެނގުނެވެ.
"މަލް ހުންނާނެ އެންމެ ކުރީގަ. ވާރޭކޮޅެއް ނުވެހިގެން އޭރު ތިބެނީ." މާލޭގައި ބައްޕަގެ ގޭގައި ހޭދަވީ ފުރާވަރުގެ ހަނދާން އާކުރަމުން މާޔަލް ބުނެލިއެވެ.
"މަލްއަށް ނުތެމި ދެވުނުބާއޭ ހިތަށް އަރާ. ވައިވެސް ވަރަށް ގަދަ. ސައިކަލާއެކު އޭނާ އެއްލާނުލައިފިއްޔާ ރަނގަޅު." ސަމާސާ ރާގެއްގައި މައިރާ ބުންޏެވެ. ދޮންތިގެ ވާހަކައަށް މާޔަލް ހީނލިއެވެ.
"ބުރިޖު ވަޔާ ދިޔަސް މަލް ނުދާނެ." ހެވިފައި ހުރެ މާޔަލް ބުންޏެވެ. ގަބޫލުކުރެވޭ ބުނާ ފަދައިން މައިރާ ބޯޖަހާލީ ހެމުންނެވެ.
"ރަޒާބެތަ ގުޅީ؟." މައިރާއަށް އައި ފޯނުކޯލާ ގުޅިގެން މާޔަލް ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ؟." އާނއެކޭ ބުނުމަށް މައިރާ ބޯޖަހާލި ވަގުތު އެ މޫނުގައި ކުރީން ފާޅުވޭވޭ ހުރި އުފާވެރިކަން އޮއްސުނީތީ މާޔަލްއަށް ފެނުނީއެވެ. ކޮއްކޮއާ ނަޒަރު ސީދާކޮށްލުމުގެ ބަދަލުގައި މައިރާ ބަލާލީ މަގުމައްޗަށެވެ. ވެހެމުންދިޔަ ވާރޭގެ ތެރެއަށެވެ.
"ގެއަށް ގޮސްލަން ޖެހުނީ. ރަޒާ އެބާދޭ ބަލާ... އޭނާގެ މަންމަ ވެއްޓުނީއޯ." މައިރާ ބުންޏެވެ. ފިރިމީހާދެކެ ކިތަންމެ ލޯބިވީ ނަމަވެސް ފިރިމީހާގެ ޢާއިލާއަކީ މައިރާގެ ޢާއިލާފަދަ ބައެއް ނޫނެވެ. އެމީހުންގެ ތެރޭ އުޅޭން މައިރާއަށް އުނދަގުލެވެ. ޚާއްޞަކޮށް ރަޒާގެ މަންމަ އުޅުން މައިރާއަށް ކަމަކުނުދެއެވެ.
"އޯ! އެހެންވީރު ދޮންތި ދާންވާނެ. އަހަރެން މިތާ އަދި މަޑުކޮށްލަން ބޭނުމީ. ޓެކްސީއެއް ނަގައިގެން ގެއަށް ދާނަން. މަލް ވެސް އަންނާނީ މެންދުރު. އަދި ބައިވަރު ވަގުތު އެބައޮތް. މަންމައަށް އަހަރެން ގުޅާނަން." މާޔަލް ނިކަން އަވަހަށް ބުނެލިއެވެ.
"މާއްކޮއާއެއްކޮ މިއަދުގެ ހުރިހާ ވަގުތެއް ސްޕެންޑްކޮށްލަން ގަސްދުކުރީ. ބަޓް ޔޫ ޑޯންޓް ވޮރީ... ދޮންތި އަންނަންދެން ފިހާރައިގެ މަޑުކުރޭ. މީ އަހަރެން ވަރަށް ކުރީއްސުރެ ޕްލޭންކުރަމުން އައިކަމެއްކަން ރަޒާއަށް އެނގޭނެ. އެހެންވީމަ ގިނައިރެއްނުވެ އަންނާނަން." މައިރާ ލިބުނު ފޫހިކަން ނުދައްކާ އޭނާ ބުނެލިއެވެ. މާޔަލްގެ ކަނާއަތްފަރާތުން އޭނާގެ މުލައްދަނޑީގައި ހިފާލައި ގާތްކޮށްލައިގެން މައިރާ ހުއްޓެވެ.
"ސްވީޓް ތޯންސް" ކުރިމައްޗަށް ކަޅުކުލައިގެ ކާރެއް މަޑުކުރިއެވެ. ދުއްވަން އިން މީހާ ނުފެނުނަސް ފިހާރައިގެ ދޮރުމަތީ ހުރި މައިރާ ނިކަން އަވަހަށް އެތެރެއަށް ދުއްވައިގަތެވެ.
"ހޭއި ބާތްޑޭ ގާލް." ކާރުގެ ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމާއެކު ރަޒާ ބުނެލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ސަލާމެއްގެ ގޮތުން މާޔަލް ބޯޖަހާލިއެވެ.
"ދޮންތި ގެންދަނީތަ؟." މާޔަލް އަހާލިއެވެ.
"ސޮރީ... ކުޑަވަގުތުކޮޅަކަށް. ވީހާ ވެސް އަވަހަކަށް ގެނެސްދެވޭތޯ ބަލާނަން." ރަޒާ ވެސް މައިރާ ގެންދަންޖެހޭތީ ގަޔާނުވެފައި އިން ކަހަލައެވެ. މާޔަލްގެ އުފަންދުވަހަށް އޭނާއަށް ޓަކައި ހުސްވެގެން ހުންނަން މައިރާ ބޭނުންވާކަން އެނގުމުން އެކަމާ ރަޒާ ވަނީ އެއްބަސްވެފައެވެ. މައިރާއަށް އޭނާގެ އާއިލާ މުހިންމުވަރު ރަޒާއަށް ރަނގަޅަށް އެނގެއެވެ. ވެވުނު ވަޢުދާ ޚިލާފުވާން ޖެހޭތީ ރަޒާ ވެސް އިނީ ދެރަވެފައެވެ. އެހެންވިޔަސް ކުރިމަތިވީ ހީނުކުރާކަމެކެވެ. އަޅާނުލާ ދޫކޮށްނުލެވޭނޭ ވަރުގެ ކަމެވެ.
"ފިހާރަ ތަޅުލައިގެން އިންނާނީ. އަންނާނަން ވަރަށް އަވަހަށް." ކާރަށް އެރުމުގެ ކުރީން މާޔަލްގެ އަތުގައި ހިފާލައިގެން ހުރެ މައިރާ ބުންޏެވެ. އާނއެކޭ ބުނަމުން މާޔަލް ބޯޖަހާލިއެވެ.
ކާރު ގޮސް އޮބާލިއިރު ވެސް މާޔަލް ހުރީ ފިހާރައިގެ ދޮރުމަތީގައެވެ. އޭނާ އެތެރެއަށް ވަނީ ދުވާރުކައިރިއަށް އެހެން ކާރެއް އައިސް މަޑުކޮށްލީމައެވެ. އެތެރެއަށް ވަދެ މައިރާ ބުނިހެން ފިހާރައިގެ ދޮރު މާޔަލް ތަޅުލިއެވެ. ބަންދުބޯޑު ވެސް ހުރީ އަޅުވާފައެވެ. ތަންކޮޅެއް އެތެރޭގައި ހުރި ލަކުޑި ދިގު މޭޒުގެ ކައިރީ މާޔަލް އިށީނެވެ. ތަޅުންމަތީ ހުރި ބާލިދީތަކުން އޭނާ ނެގީ ވަޅޯވެފައިވާ ފިނިފެންމާތައް ހުރި ބާލިދީއެވެ. މޭޒުމައްޗަށް މާތައް އަޅާލިއެވެ. މޭޒުގެ އަރިމަތީގަވާ ވަތްގަނޑު ހުޅުވާލިއެވެ. ކަތުރު އަތަށް ހެޔޮވަރުކޮށްލުމާއެކު ވަތްގަނޑު ލައްޕާލީ އަތްތިލައިގެ ނުފުށުން ޖަހާއެވެ. ފިނިފެންމާތަކުގެ ތަނޑީގައި ހުރި ކަށިތައް މާޔަލް ބުރިކުރަންފެށިއެވެ. އެ މާތައް އުކާލުމުގެ ބަދަލުގައި އޭނާ ގެއަށް ގެންދަން ގަސްދުކުރީއެވެ.
"ކީއްވެތަ ތި ރީތިކަމުގެ އުމުރު އެހާ ކުރީ. މާއަވަހަށް މޯޅިވަނީ. އެހާ ލޯބިން މިގެންގުޅެނީ." ފިނިފެންމާތަކާއި މާޔަލް ވާހަކަދެއްކިއެވެ. އެއީ އޭނާގެ އާދައެވެ. ގަސްތަކާއި މާތަކާ އޭނާ ވާހަކަދައްކަނީ އޭނާ ފަދަ ދިރޭ ފުރާނައެއްގެ ވެރީން ފަދައެވެ. އެތަކެއްޗަށް ވެސް އިހްސާސްވުގެ ބާރު ލިބިފައިވާ ހެންނެވެ. އޭނާގެ އޯގާތެރި ބަސްތަކުން އޭގެ ތާޒާކަން ގިނަ ދުވަހަށް ދެމިގެންދާނޭކަމުގެ އުންމީދުގައެވެ.
މާޔަލްގެ ލޮލުގެ ހިމަކޮޅުން އަޅައިގަތީ ދުވާރު ކައިރިއަށް މަޑުކުރި ކާރެވެ. އެއިން ފޭބި ޒުވާނާއެވެ. އޭނާ އައިސް ދުވާރު މައްޗަށް އަރައި ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިއެވެ. އަދި ބިއްލޫރިގަނޑު ހިސާބަކަށް ތިރިކޮށްލިއެވެ. ދެން ދޮރުފަތް ލައްޕާލައި ތިރިކޮށްފައިވާ ބިއްލޫރިގަނޑުގައި ދެއަތުން އޭނާ ހިފަހައްޓާލިއެވެ. އެހެންހުރެ ކާރުގައި އިން މީހަކާ އޭނާ ވާހަކަދައްކަނީކަން ބުނަން މާޔަލްއަށް އެނގެއެވެ. ގުދުވެފައި ކާރުތެރެއަށް އޭނާ ބަލާ ވެސް ލައިފިއެވެ. ފިހާރައިގެ ބިއްލޫރު ފާރުތަކުން އެ ޒުވާނާގެ ކޮންމެ ހަރަކާތެއް ސާފުކޮށް މާޔަލްއަށް ފެނެއެވެ. ކާރު ކައިރިން ދުރަށް ދިއުމާއެކު އޭނާގެ މިސްރާބު ހުރީ މަގުގެ އަނެއްފަރާތުގައި ހުރި ސުޕަމާކެޓެވެ. މާޔަލްގެ ސަމާލުކަން ކުރާން އިން މަސައްކަތަށް އަނބުރާލިއެވެ. ދޭތެރެއަކުން އިސްއުފުލާ މާޔަލް ބޭރަށް ބަލާލައެވެ. ކާރުގައި އިން މީހަކު ސާފުކޮށް ނުފެނެއެވެ. އެހެންނަމަވެސް ތިރިކޮށްލާފައިވާ ދޮރުފަތުގެ ބިއްލޫރިގަނޑުން އެމީހަކު ބޭރަށް އަތްދިއްކޮށްލިއެވެ. އޭނާގެ ހުޅުވާލާފައިވާ އަތްތިލައާއި ހާމައަށް އޮތް މުލައްދަނޑީގެ ބަޔަކާއެކު ތެތްމާލުމަށް ވާރޭގެ ފެންތިކިތައް އަވަސްވެލި ކަހަލައެވެ. މާޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ.
"ޔޫ ފީލް އިޓް... ޑޯންޓް ޔޫ... އަ ޓްރޫ ބްލިސް... ޓަޗް އޮފް ލަވް..." ހިނިތުންވުމަކާއެކު މާޔަލް ބުނެލިއެވެ. މާޔަލް މުޚާޠަބު އެކުރީ ކާރުގައި އިން ޒުވާނާއަށެވެ. އޭނާގެ އަޑު އެ ޒުވާނާގެ ކަންފަތާ ހަމައަށް ފޯރާނީ ކިހިނެއް ހެއްޔެވެ. އެހެންވިޔަސް މާޔަލް އެހެން ބުނެލީ ޖަވާބަކަށް އެދިގެންނެއްނޫނެވެ.
މާޔަލް ބަލަބަލާ އިންދާ ކާރުގެ ދޮރުފަތް ހުޅުވިއްޖެއެވެ. ލަސްލަހުންނެވެ. މީހާ ވަކިވުމުގެ ކުރީން ކާރުން ބޭރަށް ދުވާރު މައްޗަށް ތިރިކޮށްލި ފައި މާޔަލްއަށް ފެނުނެވެ. އޭނާ ކާރުން ފޭބިއެވެ. މާޔަލްއަށް ފާހަގަވީ އޭނާގެ ހަރަކާތްތައް ލަސްކަމެވެ. ކޮންމެކަމެއްގައި ހުރި ފަރުވާތެރިކަމެވެ. ހިނގައިގަންނަން އުޅެފައި އޭނާ ފަސްޖެހުނުހެން ހީވެއެވެ. ކާރުގައި އޭނާގެ އަތް ޖައްސާލިއެވެ. މަޑުމަޑުން ލަސް ފިޔަވަޅުތަކެއްގައި އޭނާ ކާރުގެ ކުރިމަތިން މަގުމައްޗަށް ނުކުތެވެ.
"ހެ ހެ ހެ..." މާޔަލްއަށް ހީނލެވުނެވެ. އޭނާ ވެސް އިނީ ވާރެޔާ ތެމޭ ހިތުންނެވެ. އޭނާގެ ހިތުގެ މުރާދު ހާސިލުކުރާން ފަސްޖެހިފައި އިންދާ ކުރިމަތިން މިފެންނަނީ ވާރޭގެ އުފާ ހާސިލުކުރުމަށް ނުކުތް ޖެހިލުންކުޑަ ޒުވާނެކެވެ. ފިރިހެނެއްގެ ފަރާތުން އެފަދަ ޢަމަލެއް މާޔަލް ދުށީ އަލަށެވެ. ފެންނަމުންދިޔަ މަންޒަރާމެދު އެހާބޮޑަށް ގަޔާވެވުނީ އެހެންވެއެވެ. ނަމަވެސް މާޔަލްގެ ހިނިތުންވުން ހާސްކަމަށް ބަދަލުވެލައިފިއެވެ.
"ސްޓޮޕް..." މާޔަލްއަށް ބުނެލެވުނެވެ. ދެން ވެސް ހަމައެހެން އޭނާއަށް ތަކުރާރުކޮށްލެވިއްޖެއެވެ. ހާސްކަމާއި ކަންބޮޑުވުމާއެކުއެވެ. އޭނާ ހުއްޓޭށޭ އެ ގޮވާލަނީ ކާރުން ފޭބި ޒުވާނާއަށެވެ. މާޔަލްގެ އަތުގައި އޮތް ކަތުރު މޭޒުމައްޗަށް ދޫކޮށްލިއެވެ. ވަގުތުން ކޮޅަށް ތެދުވެވުނެވެ. މަގުމައްޗަށް ނަޒަރު ހިންގާލެވުނެވެ. ފުޅާމަގުގެ ދެކޮޅަށް ދުއްވާ އެއްޗެހި ދުއްވާއިރު އެ ޒުވާނާ ނުހުއްޓު އެ ދަނީ ކުރިއަށެވެ. ސުޕަރމާކެޓާ ދިމާއަށް މާޔަލް ބަލާލިއެވެ. އެ ކާރުން ފުރަތަމަ ފޭބި ޒުވާނާ ސުޕަމާކެޓުން ނުކުމޭތޯއެވެ. ނޫނީ އެވަގުތު އެހިނގާ ކަންތަކުގެ މަންޒަރު ފެންނަ ހިސާބުގައި ހުރި ތޯއެވެ. މާޔަލް މެޔަށް ފިނިވެލިއެވެ. މަގުމެދާ އަރާ ހަމަވަމުންދާ ޒުވާނާ ހުރީ ހަމަހޭގައިބާއޭ ވެސް މާޔަލްގެ ހިތަށް އެރިއެވެ. ބަލާކަށް އޭނާއަކަށް ނުހުރެވުނެވެ. ދުއްވައިގަތެވެ. ފިހާރައިގެ ދޮރު ހުޅުވާލިއެވެ. ދުވެފައި ބޭރަށް ނުކުތެވެ. ވާރޭގެ ހަމަލާއާ ކުރިމަތިވުމުން އަލުން ދުއްވައި އައިސް ފިހާރައަށް ވަނެވެ. ފިހާރައިގެ އެންމެ އެތެރޭގައި ހުންނަ ސްޓޯރޫމުގެ ދޮރު ހުޅުވާލިއެވެ. ބަރިބަރިއަށް ޖަހާފައި ހުރި ބާލިދީއެއްގެ ތެރެއިން އޭނާ ނެގީ ކުޑައެކެވެ. ސްޓޯރޫމުގެ ދޮރު ލެއްޕުމެއްނެތި އޭނާ އަނެއްކާވެސް ދުއްވައިގަތީއެވެ.
"ޕްލީޒް ސްޓޮޕް..." މާޔަލްއަށް ހަޅޭލަވައިގަނެވުނީ ތަންކޮޅެއް ބާރަށެވެ.
އަތުގައި އޮތް ކުޑަ ހުޅުވާނޭ ފުރުސަތެއް މާޔަލްއަކަށް ނުލިބުނެވެ. މަގުގެ ކޮޅުން އައި ކާރު ފެނިފައެވެ. އެއިން ދުރަށްދާން އެ ޒުވާނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ދުވެފައި އައި މާޔަލް އެ ޒުވާނާގެ މުލައްދަނޑީގައި ހިފައި ދަމައިގަތީ ނުހަނު ބާރުލާފައެވެ. ސިއްސައިގެން ދިޔައެއްކަމަކު އެ ޒުވާނާގެ ފިޔަވަޅު ފަހަތަށް އަޅާލިއެވެ. އެމީހުންގެ ކައިރިން އަޅާފައި ކާރު ދިޔައީއެވެ.
"އާ ޔޫ އޯކޭ. ޖެހުނުތަ ކާރުގަ؟" މާޔަލް ސުވާލުކުރިއެވެ. އަތުގައިކަން އަދިވެސް ކުޑައޮތީ އެނގުނީ ދެނެވެ. އަވަހަށް ކުޑަ ހުޅުވާލިއެވެ. ދެ މީހުން ހިޔާވާނޭހެން މާޔަލް ކުޑަ އުފުލާލިއެވެ. އެ ޒުވާނާ ކުޑަކޮށް މާޔަލްއަށް ބަލާލިހެން ހީވިއެވެ. މާޔަލްއަށް ޔަގީނެއްނޫނެވެ.
"ވާރެޔާ ތެމޭ ހިތްވިޔަސް މަގުމެދަށް ނުކުމޭތަ؟. އާ ޔޫ ހެވިންއަށް ޑެތްވިޝް... ކާރުގަ ޖެހުނުނަމަޔޯ..." އެ ޒުވާނާގެ އަތުގައި ހިފައިގެން ދުވާރު ކައިރިއަށް ގެންނަމުން މާޔަލް ވާހަކަދެއްކިއެވެ. އެ އަޑުގައިވީ ހަރުކަށިކަމެވެ. ނަމަވެސް އެއީ އޭނާ ހާސްވެފައި ހުރިވަރެވެ. އެ ޒުވާނާގެ ފުރާނައާ މެދު ކަންބޮޑުވީވަރެވެ.
ބަހެއް ބުނުމެއްނެތި އެ ޒުވާނާ އަތް ދަމައިގަތެވެ. މާޔަލްއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އެ ޒުވާނާގެ ހަރަކާތްތަކުން މާޔަލްއަށް ގަބޫލުކުރެވުނީ އޭނާގެ އިހުސާންތެރިކަން އެ ޒުވާނާ ބަލައިނުގަތް ކަމެވެ. ނުވިތާކަށް އޭނާ އަތް އުފުލާލައި ކުޑައިގެ ދަގަނޑު ހޮޅީގައި ޖެހުމާއެކު ފޮޅުވާލިއެވެ. އަރިއަޅާލި ކުޑައިގެ ހިފަހައްޓަން މާޔަލްއަށް ދަތިވީ އޭނާ ހުރީ އެފަދަ ކަމަށް ތައްޔާރުވެގެން ނޫންވީމައެވެ. ކާރުގައި އަތް ޖެހުމާއެކު އެ ޒުވާނާ ހިނގައިގަތެވެ. މަގަށްވުރެ އުސްކޮށްހުރި ދުވާރުގެ ދާރައިގެ އޭނާ އަޅައިގެންފިއެވެ. މޫނުކުނިކޮށްލައިގެން ހުއްޓެއްކަމަކު މާޔަލް ނިކަން ހުސިޔާރެވެ. އޭނާ އެ ޒުވާނާގެ ގައިގާ ހިފެހެއްޓިއެވެ.
"އަދިވެސް މިތާ ހުރީތަ؟. ކަލޭ ކައިރިން އެހީއަކަށް އަހަރެން އެދެފިންތަ؟." އެ ޒުވާނާގެ ނުރުހުންތެރިކަންވީ ހަރުކަށި ބަސްތައް ފަޒާގައިވީ ފިނިކަން ކަނޑުވާލި ފަދައެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ. އެހެންވިޔަސް އެފަދަ ރަވައްޔާ ގެންގުޅޭ ޒުވާނަކަށް ތަޢުރީފު ކުރާން ބޭނުންވާނީ ކާކު ހެއްޔެވެ.
ފިހާރައިން ނުކުތް އައިތަންއަށް މަގުގެ އަނެއްފަރާތުގައި އޮތް ކާރު ކައިރީ އޭނާގެ ބޭބެއާއެކު އަންހެން ކުއްޖަކު ހުއްޓާ ފެނުނެވެ. އެ ދެމީހުން ކޮންމެވެސް ކަމަކާ ދެބަސްވަނީ ކަހަލައެވެ. އަތުގައި އޮތް ކޮތަޅާއެކު އޭނާ ދުވެލާފައި މަގު ހުރަސްކޮށްލިއެވެ.
"ހާއި..." އައިތަން ގޮވާލިއެވެ. މިވަނީ ކިހިނެއްތޯ އެނގެން އޭނާ ބޭނުންވެފައި ހުއްޓެވެ. ސުވާލުގެ ނަޒަރު އަމާޒުކޮށްލެވުނީ ކައިރީގަ ހުރި އަންހެންކުއްޖާއަށެވެ.
"ކިހިނެއްވީ؟. ހީ އިޒް މައި ބްރަދަރ." އައިތަން ބުންޏެވެ.
"އޭނާ ކައިރީ ބުނޭ މަގުމެދަށް ނުނިކުތަސް ވާރެޔާ ތެމެވޭނޭ. ފުރާނަ ދުއްވާލަން ބޭނުންވަންޏާ މިއަދު އެކަމެއްނުވާނެއޭ." މާޔަލް ވާހަކަދައްކަމުން ކައިރީގަ ހުރި ޒުވާނާއާ ދިމާއަށް ލޯ ހިމަކޮށްލިއެވެ. އެ ހަރަކާތްތައް ފެނި އައިތަންގެ ތުންފަތް ދެމިލިއެވެ.
"ތެންކިޔު... ފޯ ސޭވިންގް ހިމް." ހިނިތުންވުމަކާއެކު އައިތަން ބުންޏެވެ.
"އައިތަން. ދާކަށްނުވޭތަ؟"
"އެހުރީ ލަސްވެފަ." މާޔަލް ބުނެލިއެވެ.
މަޑުކުރުމެއްނެތި އަންހެންކުއްޖާ އެނބުރިލީއެވެ. ހުޅުވާފައި އޮތް ކުޑައާއެކު ފިހާރައިގެ ތެރެއަށް އެ އަންހެންކުއްޖާ ވަންނަން އުޅުނު ގޮތް ބަލަން އައިތަން ހުރީ ހެވިފައެވެ. ދެން އިސްއުފުލާ ފިހާރައިގެ ނަމަށް ބަލާލިއެވެ. "ސްވީޓް ތޯންސް" އައިތަން ކިޔާލިއެވެ.
"ތީ މީހެއްގެ ފިރިއެއްނޫންތަ؟" އައިރިކްގެ ހަރުކަށި އަޑު އިވުނެވެ. އައިތަން ދެބުމަ ހިއްލާލުމާއެކު ބޯހޫރާލިއެވެ. ބޭބެ އަރަން ކާރުގެ ދޮރުފަތް އޭނާ ހުޅުވާލަދިނެވެ. އޭނާ ވެސް އައިސް ކާރަށް އެރީއެވެ. ދުއްވާލުމުގެ ކުރީން ގުދުވެލައި ފިހާރައިގެ ތެރެއަށް ބަލާލިއެވެ. ޓިޝޫފޮށި ކައިރިކޮށްގެން އިނދެ އެ އަންހެންކުއްޖާ އަތާއި މޫނު ފުހެނީއެވެ.
"އައި ތިންކް އައި ސޯ ހާ ސަމްވެއަރ..." އައިތަން މަޑުމަޑުން ކިޔާލިއެވެ.
"އަންހެނެއްވިއްޔާ އައިތަންއަށް އެނގޭނެ." އައިރިކް ބުނެލީ ޖެއްސުމަށެވެ.
"އޭނާއަށް އެނގޭތަ ދޮންބެ ބްލައިންޑްކަން." އައިތަން ވަގުތުން ބުނެލިއެވެ. (ނުނިމޭ)