ބޮޑު އީދު ބަންދާ ދިމާކޮށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން މެލޭޝިއާއަށް ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
ބޮޑު އީދަށް ހާއްސަ ދަތުރުތަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ 200 ޓިކެޓެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ.
މެލޭޝިއާ ދަތުރުތައް ކުރަން ނިންމާފައިވަނީ ޖުލައި މަހުގެ 8، 15، 22 އަދި 29 ވަނަ ދުވަހު އެވެ.
މެލޭޝިއާ އިން މާލެ އައުމަށްފަހު އަނބުރާ މެލޭޝިއާ އަށް ދާން ބޭނުންވާ މީހުންނަށް ވެސް މިދަތުރުތަކުގައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތަށް ދަތުރުކުރާ ޕަސެންޖަރުންނަށް ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައިވަނީ 363 ޑޮލަރަށެވެ.
ނިމިގެން ދިޔަ ކުޑައީދު ބަންދާ ދިމާކޮށްވެސް މޯލްޑިވިއަންގެ ހާއްސަ ދަތުރެއް މެލޭޝިއާ އަށް ކޮށްފައިވެ އެވެ. މިދަތުރުގެ ދެކޮޅު ޓިކެޓް ވިއްކީ 399 ޑޮލަރަށެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ އޭޕްރީލް އެއްވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ މެލޭޝިއާގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.
ސްރީލަންކާއާއި އިންޑިއާ އަށް ފަހު ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ އެއް ގައުމަކީ މެލޭޝިއާ އެވެ.