މޯލްޑިވިއަން

ފިރާގުގެ ތުހުމަތު މޯލްޑިވިއަންއިން ދޮގުކޮށްފި

މެލޭޝިޔާގެ ކުއާލާލަމްޕޫރަށް މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްގެން ކުރި ދަތުރުގެ ކާގޯ ފައިސާ އެ ކުންފުނިން ދީފައިނުވާ ކަމަށް އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކޮށްފައިވާ ތުހުމަތު މޯލްޑިވިއަންއިން ދޮގު ކޮށްފި އެވެ.

މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި 50 ދަރިވަރަކު މިއަދު ވަނީ އެ ގައުމަށް އަނބުރާ ގެންގޮސްފައެވެ. އެ ދަރިވަރުން މެލޭޝިޔާއަށް ގޮސްފައިވަނީ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ފްލައިޓް ޗާޓާ ކޮށްފައިވަނީ އޭސް ޓްރެވެލްސް ފަރާތުންނެވެ.

ދަތުރަށްފަހު ފިރާގު ވަނީ މޯލްޑިވިއަން އަދި ރައީސް ސޯލިހަށް ޓެގްކޮށް ޓްވީޓެއް ކޮށްފައެވެ.

ފިރާގު ވިދާޅުވީ މޯލްޑިވިއަންއިން މިއަދު މެލޭޝިޔާގެ ކުއަލަލަންޕޫރަށް ކުރި ދަތުރުގެ ކާގޯ ފައިސާ އެ ކުންފުނިން އޭނާއަށް ދީފައިނުވާ ކަމަށެވެ.

"މޯލްޑިވިއަން މިއަދު ކުއާލާލަމްޕޫރަށް އަހަރެން 50 ކުދިން ގޮވައިގެން ކުރި ޗާޓާ ފްލައިޓް ކާގޯ ލާރިކޮޅު އައިލެންޑް އޭވިއޭޝަން އިން 'ވަގަށް' ކާލައިފި،" ފިރާގުގެ ޓްވީޓްގައިވެއެވެ.

އެކަމާއި ގުޅިގެން މޯލްޑިވިއަންއިން މިރޭ ބުނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ.

އަދި ފުރަތަމަ މުއާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައި ނުވާނެ ކަމަށާ އަދި ކާގޯ ގެނައުމާ ގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާ އަތުން ނަގާފަވެސް ނުވާނެ ކަމަށެވެ.

"ޝޯޝަލް މީޑިއާގައި ދައުރުވާ މެލޭޝިޔާގެ ޗާޓާ ފްލައިޓާގުޅޭ ގޮތުން ދަންނަވަން. މެލޭޝިޔާގެ ކުއާލާލަމްޕޫރަށް މި ކުންފުނީގެ ބޯޓެއް ޗާޓަރު ކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް. ފުރަތަމަ މުއާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައެއް ނުވާނެ. އަދި ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާ އަތުން ނަގާފައެއްވެސް ނުވާނެ،"