އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑަައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފައްޔާޒަށް މަރުުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ އިންތިހާބާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
އަދި އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓަށް ޓެގް ކުރައްވާ “ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” މިހެން ލިޔުއްވާފައިވެއެވެ. މިއީ އިންތިހާބުތަކުގައި އެމްޑީޕީން ބޭނުންކުރާ ހާއްސަ ސްލޯގަން އެކެވެ.
ޗެއާޕާސަން އިންތިހާބު ބެލެވިފައި އޮތީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ތާއިދު އެމްޑީޕީގައި އޮތް މިންވަރު ބެލެވޭ އިންތިހާބެއްގެ ގޮތުގައެވެ. މި އިންތިހާބުގައި ރައީސްގެ ވަފާތެރި ހުރިހާ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. އެމަނިކުފާނުގެ އާއިލާގެ ތާއީދުވެސް ދެއްވީ ފައްޔާޒެވެ. އުފަން ރަށް ހިންނަވަރުން އެންމެ ނުވަ ވޯޓް ފިޔަވައި ލިބިފައިވަނީ ފައްޔާޒެވެ. ހިންނަވަރުން 600 ވޯޓް ފައްޔާޒު ހޯއްދެވިއެވެ.
އަނެއްކޮޅުން ރައީސް ނަޝީދުގެ މުޅި އާއިލާ އަދި ވަފާތެރި މެންބަރުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރެއްވި އިމްތިޔާޒު ފަހްމީ އަށެވެ. ނަޝީދުގެ ވަފާތެރި މެންބަރުންނާއި އާއިލީ ބޭފުޅުން ވަނީ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އިމްތިޔާޒަށް ފައިދާ ވާ ގޮތަށް އަދި ފައްޔާޒުގެ ތާއީދު ގެއްލޭނެ ފަދަ ވަރަށް ގިނަ ވާހަކަތައް ނަޝީދު ދެއްކެވިއެވެ.
އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ލިބިވަޑައިގެންފައިވަނީ 27،163 ވޯޓެވެ. ފައްޔާޒު އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ.
މި އިންތިހާބުގައި 48،107 މީހަކު ވަނީ ވޯޓްލާފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 47،143 ވޯޓެވެ. ބާތިލު ވޯޓްގެ ގޮތުގައި 964 ވޯޓް ގުނާފައިވެއެވެ.
އެމްޑީޕީން ވަނީ ހުރިހާ ދާއިރާތަކުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ތަފްސީލުވެސް އާންމުކޮށްފައެވެ. މާލެ ސިޓީން ފައްޔާޒަށް ކުރި ލިބުނީ ތިން ދާއިރާއިންނެވެ. އެއީ ހުޅުމާލެ ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އެވެ. އެހެން ހުރިހާ ދާއިރާއަކުން ކުރި ހޯއްދެވީ އިމްތިޔާޒު ފަހްމީ އެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓްގެ ފަރަގު ވަރަށް ކުޑައެވެ.
އައްޑޫ ސިޓީގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާ އިން މެޖޯރިޓީ ހޯއްދެވީ ފައްޔާޒެވެ. އިމްތިޔާޒަށް ކުރި ހޯއްދެވީ ދެ ދާއިރާއިންނެވެ. އެއީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އެވެ.
ފުވައްމުލަކު ސިޓީގެ ދެ ދާއިރާ އިމްތިޔާޒު ކާމިޔާބު ކުރެއްވިއެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އެވެ. ފައްޔާޒަށް މެޖޯރިޓީ ލިބިފައިވަނީ ފުވައްމުލަކު މެދު ދާއިރާއިންނެވެ.
ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެ ދާއިރާއިން ފައްޔާޒު ވަނީ 408 ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 166 ވޯޓެވެ. ކުޅުދުއްފުށި ދެކުނު ދާއިރާ އިން 192 ވޯޓާއެކު ކުރި ހޯއްދެވީ އިމްތިޔާޒެވެ. ފައްޔާޒަށް ލިބިފައިވަނީ 127 ވޯޓެވެ.
ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވަނީ 11،586 ވޯޓް ހޯއްދަވާފައެވެ. މި އިންތިހާބުގައި ރޮޒައިނާ ނިކުންނެވީ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި ފައްޔާޒު އިސްމާއީލްގެ "ހިންގާލަން" ޓީމާއެކުގައެވެ.
ރޮޒައިނާއާ ވާދަކުރެއްވި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ސަފާތު އަހުމަދު ޒާހިރަށް ލިބިފައިވަނީ 7،930 ވޯޓެވެ.
މި އިންތިހާބުގައި 20،696 މީހަކު ވަނީ ވޯޓް ދީފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 19،516 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 1180 ވޯޓް ގުނާފައިވެއެވެ.