ރައީސް މުހައްމަދު ނަޝީދު

ލަންކާއަށް އެހީ ހޯދަން ނަޝީދާ ހަވާލުކުރައްވައިފި

May 19, 2022
2

އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަވައްޓެރި ސްރީލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު ހަމަޖައްސަވާ އެކަން އެ ގައުމުގެ ސަރުކާރުން އިއުލާނު ކޮށްފި އެވެ.

ލަންކާގެ ބޮޑެތި ނޫސްތަކުން ވަނީ އެ ހަބަރު ގެނެސްދީފައެވެ. ހަމަނުޖެހުމުގެ ތެރެއިން ބޮޑުވަޒީރުގެ މަގާމު ފުރޮޅި އެ މަގާމަށް ވަޑައިގެންނެވި ރަނިލް ވިކްރަހަސިންހާއާގެ އޮފީހުން ބުނީ ރައީސް ނަޝީދާއި ބޮޑުވަޒީރު ރަނިލް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މި މަޝްވަރާގެ ތެރެއިން ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅަށް ރައީސް ނަޝީދު ހުށައެޅުއްވި ކަމަށެވެ. އެކަން ބޮޑުވަޒީރު ގަބޫލުފުޅު ކުރައްވާ އެ މަސައްކަތް ކޯޑިނޭޓް ކުރެއްވުން ރައީސް ނަޝީދާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ބޮޑުވަޒީރުގެ މަގާމަށް ރަނިލް ވަޑައިގެންފައި މިވަނީ ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. ހަމަނުޖެހުން ބޮޑުވެ ލަންކާ ބޮޑު ބިރުވެރި ކަމަކަށް ވެއްޓުމުން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. މިއީ އެމަނިކުފާނު އެ މަގާމަށް ވަޑައިގެންނެވި ހަވަނަ ފަހަރެވެ.

ލަންކާ ސަރުކާރާ ދެެކޮޅު މުޒާހަރާތައް ބޮޑުވެފައިވަނިކޮށް ސަރުކާރަށް ސަޕޯޓްކުރާ މީހުންމަގުތަކަށް ނިކުމެ ހަމަލާ ދިނުމުން މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ. ރާޖަޕަކްސާގެ އާއިލާއަށް ތާއީދު ކުރާ ބަޔަކު ނިކުމެ މުޒާހަރާ ކުރަން ތިބި މީހުންނަށް ހަމަލާ ދިނުމުން ލަންކާ މި ފަހުން ނުދެކޭ ފަދަ ބިރުވެރި ވަގުތުތަކެއް ތަޖުރިބާ ކުރަން ޖެހުނެވެ.

މުޒާހަރާ ކުރަން ތިބި މީހުންނަށް ހަމަލާ ދިނުމުން އެ މީހުން ކޮންޓްރޯލުން ނެއްޓި މިނިސްޓަރުންނާއި މެންބަރުންނާއި މޭޔަރުގެ ގެކޮޅުތަކުގައި ހުޅު ޖަހާ އަންދާލި އެވެ. ބައެއް މިނިސްޓަރުން ހިފަހައްޓާ ހަމަލާ ދީފައިވެސް ވެއެވެ.