ގދ. ތިނަދޫގައި ކުނި އަންދާ އިންސިނަރޭޓަރެއް ބަހައްޓަން ނިންމައިފި އެވެ.
އެނާޖީ މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދަން ހިންގާ މަޝްރޫއުގެ ދަށުން ތިނަދޫގައި ކުނި އަންދާ އިންސިނަރޭޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަށާއި އެ ންސިނަރޭޓަރު ރާއްޖެ އިމްޕޯޓުކޮށް އިންސްޓޯލްކުށްދޭނެ ފަރާތެއް ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.
ތިނަދޫއަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށެކެވެ. ތިނަދޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިއަ ހަފުތާގައި ވިދާޅުވެފައިވަނީ، ތިނަދޫ އަކީ މި ސަރުކާރުން ތަރައްގީ ކުރުމަށް ބޭނުންވާ ރަށެއް ކަމަށާއި އެގޮތުން އެރަށުގައި ގިނަ މަޝްރޫއުތެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިނަދޫ ތަރައްގީ ކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށް އޭރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ތިނަދޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބަބުން އެ ރަށުގައި އިތުރު ވަސީލަތްތައް ގާއިމްކުރެވި އާބާދީ އެއްފަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ތިނަދޫގެ ބިންހިއްކުމުގެ މަޝްރޫއު މިހާރު ކުރިއަށް ގެންދެއެވެ.
އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ރާވާފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވެފައިވަނީ، މަޝްރޫއުތައް ހަލުވި މިނެއްގައި ކުރިއަށް ގެންދަން ރައީސް އޮފީހުގައި ވަކި ޑިޕާޓްމެންޓެއް އުފައްދާފައިވާ ކަމަށެވެ. އަންނަ އަހަރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވުމުގެ މުނާސަބާތާ ގުޅިގެން ހަދާ މިއުޒިއަމް ޕާކްގެ މަޝްރޫއު ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.