އިމާރާތްތަކުން އުކާލަން ކުނި ނެރޭއިރު ކުނީގެ ބައިތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް ވެމްކޯ އިން އަންގައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނެރެފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހަކާ ހަވާލާދީ ވެމްކޯއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްލާހުގައިވާ ގޮތަށް ކުރިއަށް އޮތް ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ކުނި ނެރޭއިރު ކުނީގެ ބާވަތްތައް ހުންނަން ވާނީ ވަކި ކުރެވި އެއް ބައި އަނެއް ބަޔާ އެއްނުވާ ގޮތަށް ކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.
ވެމްކޯ އިން ދުވަހު ކުނީގެ ގޮތުގައި އުކާލަމުންދާ ކުނީގެ ތެރޭގައި ނުހިމެނޭ ބޮޑެތި އަދި ބަރު ކުނި އުކާލުމަށްޓަކައި ވެމްކޯގެ ކޯލް އެންޑް ޕިކަޕް (ކެޕްސް)ގެ ހިދުމަތް ހޯދުމަށްވެސް އެދިފައިވެ އެވެ.
ވެމްކޯ އިން އަންގާފައިވާ ގޮތަށް ހަތަރު ބަޔަށް ކުނި ވަކިކޮށްފައި ނުހުންނަ ގޭބިސީތަކުން ނެރޭ ކުނި ބަލައިނުގަމުގެ އިޚްތިޔާރު ވެމްކޯއަށް ލިބިގެންވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގެންނަ ކުނިވެސް ހަތަރު ބަޔަށް ބައިކޮށްގެން ގެނައުމަށްވެސް އެދިފައިވެ އެވެ.
ގޭބިސީތަކުން އުކާލާ ކުނި ބައިބަޔަށް ވަކިކޮށްގެން ނެރެން އެންގީ އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އޮގަސްޓް މަހު ގެޒެޓްކޮށްފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގައި އެގޮތަށް ކުނީގެ ކަންކަމުގައި އަމަލުކުރަން އަންގާފައިވާތީ ކަމަށްވެސް ބަޔާނުގައިވެ އެވެ. ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައިވެސް އުކާލާ ކުނ ބައިބަޔަށް ވަކިކޮށްގެން ކުނި މެނޭޖުކުރުމަކީ ކާމިޔާބުކަމާ އެކު ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.