އެމްޓީސީސީ

އަމާޒަކީ މި އަހަރުގެ ފައިދާ 300 މިލިއަނަށް ޖެއްސުން: އެމްޓީސީސީ

May 20, 2022
1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) ގެ އަމާޒަކީ އަހަރު މި އަހަރު ނިންމާ ފައިދާ 300 މިލިއަން ރުފިޔާއަށްވުރެ މަތި ކުރުން ކަމަށް ބުނެފި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެންމެ ދުވަސްވީ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތައް މި ސަރުކާރުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށާ، ސަރުކާރުން އެއްބާރުލުން ނެތްނަމަ މި ފައިދާއެއް ނުނެރުވުނީސް ކަމަށެވެ. އަދި ކުރިން 1500 މުވައްޒަފުން ތިބި މި ކުންފުނީގެ މުވައްޒަފުންގެ އަދަދު 3600 އަށް އިތުރުވެ ކުރިން އެއް ފަހަރާ 20 މަޝްރޫއު ހިންގޭ ކުންފުނީގެ ކެޕޭސިޓީ 100 އަށް މަތިވެފައިވާކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

ކުރިން އެސްޓީއޯ އާއި ގައުމީ ފެން ކުންފުނީގައި ވެސް އެމްޑީގެ މަގާމު އަދާކުރެއްވި އާޒިމް ވިދާޅުވީ އެ ކުންފުންޏަކީ ކުރިން އަހަރަކު 50 މިލިއަން ރުފިޔާގެ ފައިދާއެއްގައި އަހަރު ނިންމާލާ ކުންފުންޏެއް ކަމަށާ ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެކަން ބަދަލުވެފައިވާ ކަމަށެވެ- އެ އަހަރު 224 މިލިއަން ރުފިޔާ އަދި މިދިޔަ 2021 ވަނަ އަހަރު 270 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.

މިދިޔަ އަހަރު ކާމިޔާބީ

  • ފައިދާ 270 މިލިއަނަށް މަތި ކުރުން
  • ދިވެހި މުވައްޒަފުންގެ އަދަދު އިތުރުވުން
  • ޕްރޮޖެކްޓު ހިންގޭ ގާބިލްކަން މަތިވުން
  • އިތުބާރު ކުރާ ކުންފުންޏަކަށް ބަދަލުވުން
  • ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ބެހުން

"ދެން އަޅުގަނޑުމެން 2022 ގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއަކުން އަހަރު ނިންމާލުން. އަދި 2023 ވަނަ އަހަރަކީ 350 މިލިއަނަށްވުރެ މަތީ ފައިދާއަކުން ނިންމާލާ އަހަރަކަށް ހެދުން،" ޖުމްލަ 556 ހިއްސާދާރުނާއެކު ކުރިއަށް ގެންދިޔަ، ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.

ހިއްސާގެ ފައިދާއަކަށް 3.50 ރުފިޔާ

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާގެ ގޮތުގައި 3.50ރ. ބަހަން ވަނީ ނިންމާފަ އެވެ. އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އެ ކުންފުނީގެ 40 އަހަރުގެ ތާރީހުގައިވެސް ރެކޯޑެކެވެ.

އެ ކުންފުނިން ރޭ ވަނީ އާއްމު ހިއްސާދާރުން ތަމްސީލް ކުރާނެ ޑިރެކްޓަރުންވެސް އައްޔަންކޮށްފަ އެވެ. މި މަގާމަށް ހޮވިފައިވަނީ މާލެ، މ. މެއިންޒް، މުހައްމަދު އިމްރާން އާއި ގއ. ވިލިނގިލި، ހެޕީނައިޓް ނަސްރަތު މުހައްމަދު އެވެ.