އައްޑޫ ސިޓީގެ ދެ ސަރަހައްދަކުން ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.
އާ އަހަރާ ދިމާކޮށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތަންތަން ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ.
ފާސްކުރި ދެ ސަރަހައްދަކީ ހިތަދޫ އުދާސްގެ ކައިރި އާއި އެ ރަށު ޒެފިޔާ ސަރަޙައްދެވެ. އުދާސްގެ ހިމެނޭ ސަރަހައްދުން ބަނގުރާ ކަންކަން ތައްޔާރުކޮށްފައި ހުރި 20 ލީޓަރުގެ ދެ ހަމާއި އެހެނިހެން ބައެއް ތަކެތި ފެނުނު އިރު ޒެފިޔާ ސަރަހައްދުން ބަނގު ރާ ކައްކަން ތައްޔާރުކޮށްފައި ހުރި ދެ ފުޅިއާއި ބައެއް ތަކެތި ފެނުނެވެ.
މިމައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި އަތުލައިގަތުމަށް ފުލުހުން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.