ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ހަރަދުކުރާ މައިގަނޑު މީހަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ދެވަނަ ފަހަރަށް މުހައްމަދު އިސްމާއީލް ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން މުއްދަތު މަޖިލީހުގަ އެވެ.
މުހައްމަދު ފުރަތަމަ ހައްޔަރުކުރިއިރު އޭނާއަށް ކޯޓު އަމުރު ދައްކާފައި ނުވާތީ ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި އެއް ހަފްތާގެ ތެރޭގައި ދެވަނަ ފަހަރަށް މުހައްމަދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލީ މުހައްމަދު ކުރައްވާަފައިވާ ކުށެއް ފުލުހުންނަށް ދެއްކިފައި ނުވާތީ އެވެ.
ފުލުހުން ވަނީ މުހައްމަދު އިސްމާއީލް ކުށެއް ކުރިކަން ސާބިތުކުރުމަށްޓަކައި ގަރީނާގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓަކާއި ކުށުގެ ރެކޯޑަކާއި އަދި ފޮޓޯ ރިޕޯޓެއް ހުށަހަޅާފަ އެވެ. އަދި އިންޑިއާ ހަރަކާތަށް ފަންޑު ކުރާ މައިގަނޑު މީހަކީ މުހައްމަދު އިސްމާއީލް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުން މުހައްމަދު ދޫކޮށްލަން އަމުރުކުރީ ފުލުހުން ކުރާ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހެޅު ގަރީނާގެ ތެރޭގައި ނެތުމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ އެއްވުންތަކާއި ދަތުރުތައް ރޭވުމުގައި މުހައްމަދު އިސްމާއީލް އެންމެ އިސްކޮށް އުޅުއްވާތީ ފެނެ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެކި އެއްވުންތަކާއި ބައެއް ޓީވީ ޝޯ ތަކުގައިވެސް މުހައްމަދު އިސްމާއީލް ގޮވާލައްވާފައިވެ އެވެ.
މާލޭގެ އެކި އިމާރާތްތަކާއި ބައެއް މަގުތަކުގައި ސްޕްރޭ ކޮށްގެން އިންޑިއާ އައުޓް ޖެހި މީހަކު ވެސް ފުލުހުން މީގެކުރިން ހައްޔަރުކޮށްފައިވެ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ވަނީ ދައުލަތުގެ އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.
ރައީސްގެ ގަރާރާ ގުޅިގެން ފުލުހުން ގެންދަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގައި، ބެނާތައް ދަމާފައިވާ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.