އެޗްޕީއޭ

ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ: އެޗްޕީއޭ

ދުނިޔެއަށް ފެތުރެމުންދާ މަންކީޕޮކްސް ވައިރަސް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި ނަމަވެސް ރައްކާތެރިވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މޭ މަހުގެ މިހާތަނަށް ރާއްޖެއިންނާއި އަވައްޓެރި އެއްވެސް ގައުމަކުން ބަލީގެ އަލާމާތް ފެނިފައި ނުވާ ކަމަށެވެ.

މަންކީޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއެކު ގިނަ ވަގުތު ކޮންޓެކްޓްވުމުގެ ސަބަބުން ފެތުރޭ ބައްޔަކަށްވާތީ ރާއްޖޭގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ ބަލި އުޅޭތޯ ބެލުމަށް ގިނަ ގައުމުތަކަކުން މަސައްކަތް ކުރަމުންދާއިރު މިހާރު ފެނިފައިވާ މިންވަރަށްވުރެ އިތުރު ގައުމުތަކުން ބަލި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރާއްޖެއިން ވެސް ބަލި ފެނިދާނެ ކަމަށް ބުނެފައިވެ އެވެ. އިއްޔެގެ ނިޔަލަށް 12 ގައުމަކުން 92 ކޭސް ރިޕޯޓުކޮށްގައިވެ އެވެ.

"މިގޮތުން މަންކީޕޮކްސް އާއި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްސާފުކުރުމާއި، މާސްކު އެޅުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުން މުހިންމު،" އެޗްޕީއޭ އިން ބުންޏެވެ.

މަންކީޕޮކްސްގެ އަލާމާތްތައް

  • ފުރަތަމަ ހުންއައުން
  • ގައިގައި ރިއްސުން
  • ވަރަށް ބޮޑަށް ވަރުބަލިވުން
  • ބޮލުގައި ރިއްސުން
  • ކަރުގައި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްނެގުން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައި ވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުންނަށް މިހާރު މިބަލި އޮތީ ފޯރާފަ އެވެ.

ނޭވާލާ ނިޒާމުގައި އުފެދޭ ގިނަ ބަލިތަކާއި ހިލާފަށް އިންސާނުންގެ ތެރޭގައި މި ބަލި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި ގިނައިރު ކޮންޓެކްޓް ވެގެންނެވެ. އެގޮތުން ބަލި ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ. އަދި ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

މަންކީޕޮކްސްގެ ކޭސްތައް އެބަލި އާންމުކޮށް އުޅޭ ހުޅަނގުގެ އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނުކަމުގައި ވިޔަސް މިއިން އެއްވެސް ގައުމަކާއި ގުޅުމެއް ނެތް އަދި ގޮތް ނޭނގޭ ގޮތަކަށް މިފަދަ އައުޓްބްރޭކެއް އައި މިއީ ފުރަތަމަ ފަހަރެވެ.

މަންކީޕޮކްސް ފެނިގެން އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަން، ބެލްޖިއަމް، އިޓަލީ، ޕޯޗުގަލް، ސްޕެއިން، ކެނެޑާ، ސްވީޑަން، އޮސްޓްރޭލިއާ އަދި އެމެރިކާ ހިމެނެ އެވެ.