މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ރޯލްކޯލް ފަށައިފި

May 22, 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޝަނާއި ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރޯލްކޯލް ފަށައިފި އެވެ.

މިއަދުން ފެށިގެން އެކި ދުވަސްތަކަށް ބަހާލައިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި އިންސްޕެކްޝަނާއި ރޯލްކޯލް އަކީ ކޮމިޝަނާ އޮފް ޕޮލިސްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ ހަރަކާތެކެވެ.

ރޯލްކޯލްގައި މުވައްޒަފުން ތިބި އަދަދުތައް ބެލުމާއި، މުވައްޒަފުންނަށް ދޫކޮށްފައިވާ ޔުނީފޯމް އައިޓަމްތައް ހަމަތޯ ބެލުމާއި، އެތަކެތީގެ ހާލަތު ބެލުމުގެ ގޮތުންނާއި، ފުލުހުންގެ ހިދުމަތުގައި ބޭނުންކުރަމުންދާ އެއްގަމާއި ކަނޑު އުޅަނދު ފަހަރު ހުރި އަދަދު ބަލާނެ އެވެ. އަދި އޮޕަރޭޝަނަލް އިކުޕްމަންޓްސް އާއި، ޓެކްނޮލޮޖިކަލް ރިސޯސަސްއާއި، ފުލުހުންގެ ބޭނުމަށް ބޭނުންކުރަމުންދާ އެންމެހައި އިމާރާތްތަކާއި، މަސައްކަތުގެ މާހައުލު އަދި އެކޮމަޑޭޝަން އާއި ފެންޑާތަކުގެ ހާލަތު ދެނެގަނެ އިންޕެކްޝަނެއް ހެދުންވެސް ރޯލްކޯލްގައި ހިމެނެ އެވެ.

ރަސްމީކޮށް މާލެ އޭރިއާގައި ރޯލްކޯލް ފަށާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން މަތީގެ އޮފިސަރުންގެ ރޯލްކޯލް އަކުންނެވެ.

އިސްކަންދަރު ބިލްޑިން މަލްޓިޕާޕަސް ހޯލުގައި ކުރިއަށްދިޔަ މި ރޯލްކޯލްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ މި ރޯލްކޯލްއާއި އިންސްޕެކްޝަން މާލޭ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން ފަސް ޕޮލިސް ރީޖަންގައި ހިމެނޭ ރަށްތަކުގައި ކުރިއަށް ގެންދާނެ އެވެ.

މާލޭ އޭރިއާގެ އިތުރުން ރީޖަންތަކުގައި އިންސްޕެކްޝަނާއި ރޯލްކޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ޓީމުތަކުންވެ. އެގޮތުން މި ޓީމުތަކަށް ވަނީ ކަމާގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދީ، އެކަމަށް ހައްސަކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ އަށް އަހުލުވެރިކޮށްފަ އެވެ.