ވާހަކަ

އިޙްސާސްވޭ

( 19 މެއި 2022 އާ ގުޅޭ )

"އައި ތިންކް އައި ސޯ ހާ ސަމްވެއަރ..." އައިތަން މަޑުމަޑުން ކިޔާލިއެވެ.

"އަންހެނެއްވިއްޔާ އައިތަންއަށް އެނގޭނެ." އައިރިކް ބުނެލީ ޖެއްސުމަށެވެ.

"އޭނާއަށް އެނގޭތަ ދޮންބެ ބްލައިންޑްކަން." އައިތަން ވަގުތުން ބުނެލިއެވެ.

* * * * *

ގޭގެ ބިއްދޮށުގައި ހަދާފައި އޮންނަ ބޮޑު މަސްފެންގަނޑު ކައިރީ އައިރިކް ހުއްޓެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ "ލެނިން" ގަމީސް ވަނީ ފޯވެގެން ގައިގަ ތަތްލައިފައެވެ. ވެހެމުންދިޔަ ބޯވާރޭގެ ފިނިން ނަފްސުގެ ދިލައަށް ފިނިކަމެއް ލިބޭން އޭނާ އެދޭ ކަހަލައެވެ. އޭނާ ވާރޭގެ ތެރެއަށް ނުކުތްމީ ދެވަނަ ފަހަރެވެ. ތަފާތަކީ މިވަގުތު އޭނާ އެހެރީ މަގުމަތީގެ ބަދަލުގައި ގޭގައިކަމެވެ. އޭނާގެ އެ މިނިވަންކަމަށް ހުރަސް އަޅާނޭ މީހަކު ނެތްކަމެވެ. ދެ ލޯ މަރާލައިގެން އައިރިކް ހުރިއިރު ލޮލަށް ނުފެންނަ މަންޒަރު ކަންފަތުން ސިފަކުރިއެވެ. މަޑުމަޑުން އޭނާގެ ކަނާއަތް ހިއްލާލިއެވެ. ނޭފަތާ ކައިރިކޮށްލިއެވެ. މުލައްދަނޑީގައި ހަރުލާފައި ހުރީ ފޮނިފޮނި މީރު ވަހެކެވެ. އެއީ އެ އަންހެންކުއްޖާ އޭނާގެ އަތުގައި ހިފި ހިސާބެވެ. ކާރުގައި ގެއަށް އައިއިރަށްވުރެ މިހާރު އެ ވަސް މަޑެވެ. އޭގެ އަސަރު ފިލާދަނީކަން ގައިމެވެ.

"ހަމަ އެ ވަސް... އޭނާއަށް ވެދާނެތަ؟ އަޑު... އެއީ އޭނާގެ އަޑުތަ؟..." އައިރިކްއަށް ޔަގީނެއްނުވިއެވެ. ހަނދާނުގައިވީ އެ މަންޒަރުތަކާ ގުޅުވާ ނުލެވުނީ އެހެންވެއެވެ. އެއާއެކު ގަދަ ރުޅިއެއް އޭނާގެ މައްޗަށް ވެރިވެއްޖެއެވެ. އޭނާއަށް އެންމެ މުހިންމު ހިއްސުގެ ބޭނުން ކެނޑުނީތީ އައި ރުޅިއެވެ.

ރާއްޖެއިންބޭރުގައި ހުރެފައި އެނބުރި ވަޒަނަށް އައިރިކް އައުމަށްފަހު ގެއިން ބޭރަށް ނުކުތުން ހުއްޓާލީއެވެ. ދިރިއުޅުމުގެ ހުރިހާކަމެއް މަޑުޖެހުނީއެވެ. އޭނާގެ ލޮލަށް އިތުރަށް ކުރެވޭނޭ ފަރުވާއެއް ނެތެވެ. މިއަދަކީ އޭގެ ފަހުން އޭނާ ގެއިން ބޭރަށް ނުކުތް ފުރަތަމަ ފަހަރެވެ. ހަގީގަތުގަ އޭނާ ނުކުތީކީ ނޫނެވެ. އައިތަން އައިސް ގަދަކަމުން އޭނާ ދަމާފައި ނެރެ ކާރަށް އަރުވައިގެން ގެންދިޔައީއެވެ. އައިރިކްގެ ނުރުހުމާއި ރުޅިއާއި ހަޅޭކުން އަސަރެއް ނުކުރަނީ ހަމައެކަނި އައިތަންއަށެވެ. ބޭބެގެ ކޫސަނި ރުޅި ފެންނަ ކަމަކަށް އައިތަން ނުހަދަނީއެވެ. އެ ޠަބީޢަތުގެ އަސްލަކީ ކޮބާކަން އެނގޭތީއެވެ.

އައިތަންއާއި އައިރިކްއާ ދެބެން ބޮޑުވީ އެއް އުނގަކުން ތަރުބިއްޔަތުވެގެންނެވެ. ނަމަވެސް ދެބެންގެ މިޒާޖު ތަފާތެވެ. ޤަބޫލުކުރާ ކަންތައްތަކާއި ގެންގުޅޭ އުސޫލުތައް އެކަކުއަނެކަކާ ނުބައްދަލެވެ. އުޅޭއުޅުން ވެސް މެއެވެ. އައިތަންއަކީ ރަޙުމަތްތެރީން ގިނަ ޒުވާނެވެ. މަންމައާއި ބައްޕައާ ޚިއްޞާނުކުރެވޭނެކަމެއް އޭނާގެ ނެތެވެ. ދިރިއުޅުން ބައްޓަންކުރަނީ އައިތަންގެ އަމިއްލަ ފަރުމާއަށެވެ. އެކަމުގައި މީހެއްގެ ނުފޫޒެއް އޭނާ ބަލައިނުގަންނާނެއެވެ. އެއާ ޚިލާފަށް އަބަދުވެސް އައިރިކް ފަރާތުން އަބުއި ގޮތެއް ފެނެއެވެ. ޚިޔާލުތައް ދުލާ ހަމައަށް ގެނައުމަށްވުރެ އޭނާގެ ހިތުގައި ހިފެހެއްޓިފައި ވެއެވެ. އަމިއްލަ ގޮތްތަކެއް އޭނާ ޚިޔާރުކުރަނީ ޢާއިލާގެ ވިޔަފާރީގައެވެ. އަމިއްލަ ދިރިއުޅުމުގެ ހުންގާނު އޮތީ މަންމައާއި ބައްޕަގެ އަތްމައްޗަށް ދޫކޮށްލާފައެވެ. އޭނާއަށް ހަޔާތުގެ އެ ބާބަކީ މާބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވާ ބައެއް ނޫނެވެ.

"ރިކް!... ތެމިފޯވެގެން ކީއްތަ ތިކުރަނީ؟."

އައިރިކްގެ ސަމާލުކަން އަތުލީ އެ އަންހެންވަންތަ އަޑެވެ. އޭނާ އެ ދިމާއަށް އެނބުރިލިއެވެ. މަޑު ހިނގުމުގައި އޭނާ އައެވެ. ފަރިތަކަމާއެކުއެވެ. ބިމަށްވުރެ ގޭގެ ތަޅުން އުސްކުރެވިފައިވާތީ ގޭތެރެއަށް ވަނުމަށް ތިން ހަރުފަތުގެ ސިޑިއެއް ހުއްޓެވެ. އެ ސިޑި ހުރި ހިސާބު ލަފާކުރުމާއެކު ފައިގެ ކޮޅުން ސިޑީގައި ޖައްސާލިއެވެ. އެއަށްފަހު ސިޑިން އަރައިގެން އައިރިކް އައެވެ. އޭނާގެ އަތުގައި އެތަނުގައި ހުރި އަންހެންކުއްޖާ ހިފަން އުޅުނެވެ. ނަމަވެސް އެ އަތް ޖެހުމާއެކު އައިރިކްގެ އަތް ހިއްލާލީއެވެ.

"އައިލް މެނޭޖް... ކޮންއިރަކު ޝަހާއައީ؟." ހުޅުވާފައި ހުރި ދޮރުން އައިރިކް ކޮޓަރިއަށް ވަނީއެވެ.

"ދެންމެ." އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލުމާއެކު ޝަހާއަށް މޫނު ހަދާލެވުނެވެ. ނަމަވެސް އެ ފޫހިކަމުގެ އަސަރު އޭނާގެ އަޑުން ނުދެއްކިއެވެ.

"މާލެ އައީ ކޮންއިރަކު." އައިރިކްގެ ހަގީގި ސުވާލަކީ އެއީއެވެ.

"އިއްޔެ. ރިކް ވެސް މާލެ އައިކަމެއް ނުބުނެ ތިހުންނަނި. ބައްޕަ ބުނީމަ ޝަހާއަށް އެނގުނީ." އައިރިކް ކުށްދައްކަން އުޅެނީއޭ ހީވެ ޝަހާ އަވަހަށް ޝަކުވާކޮށްލިއެވެ.

"މަންމައާ ބައްދަލުކޮށްފިންތަ؟. ދާންވީނު މަންމަ ކައިރިއަށް. އަހަރެން އިރުކޮޅަކުން ދާނަން. ވާހަކައެއް ބުނަން އެބައޮތް." އައިރިކް ބުންޏެވެ.

"ހިނގައިދާނަން... އެކަމަކު ގިނައިރުވަންޏާ ހޯދަން އަންނާނަން." ޝަހާ ބުނެލިއެވެ.

އޭނާ ނުކުތުމުން ކޮޓަރީގެ ދޮރު އައިރިކް ލައްޕާލައި ތަޅުލައިފިއެވެ. އަދި ބިއްދޮށަށް ނުކުންނަން ހުންނަ ދޮރު ކައިރިއަށް އައިސް އެފަދައިން ކަންތައްކުރިއެވެ. އެއަށްފަހު އޭނާ ގޮސް ވަނީ ފާޚާނާއަށެވެ.

ޝަބްނަމް ހޯދަމުން އައި ޝަހާއަށް ހުރެވުނީ ތުންކޮޅު ދަމާލައިގެންނެވެ. އައިރިކްގެ އެ ގެންގުޅޭ ދުރުކަން ޝަހާއަށް ކަމުނުދަނީއެވެ. އޭނާގެ ކޮޓަރިއަށް ނުވަންނާށޭ ދިމާލަކަށް ނުބުނެއެވެ. އެކަމަކު އޭނާ ވަދެއްޖެނަމަ ކޮންމެވެސް ގޮތަކުން ވީ އެންމެ އަވަހަކަށް އެ ކޮޓަރިން ޝަހާ ނެރޭނެއެވެ. އާންމުކޮށް ވާހަކަދައްކަން ތިބެނީ ގޭގެ ބޮޑުކޮޓަރީގައެވެ. ޝަހާއަށް އެއީ ދެމީހުން ތިބެން އެއްގޮތަކަށް ވެސް ކަމުދާ ތަނެއް ނޫނެވެ. ކައިވެނި ކުރެވެންދެން މިޒަމާނުގައި މަޑުކުރަނީ ކާކުހެއްޔެވެ. ޝަހާގެ ވިސްނުމަކީ ވެސް އެއީއެވެ. އަތުގައި ހިފާލައި ގާތްވެލުމުގެ ފުރުސަތެއް ވެސް ނެތީއެވެ. ކިތަންމެ ލޯބިވީ ނަމަވެސް ބައެއް ފަހަރު އައިރިކްގެ އެފަދަ އާދަތައްދެކެ ޝަހާ ފޫހިވެއެވެ. ލޯބިނުވާނަމަ މިހާރު އޭނާ އައިރިކްއާއެކު ނޫޅުނީހެވެ.

ގޭގެ ދެވަނަ ފަންގިފިލާގައި ފުޅާ ބެލްކަންޏާ ދިމާވާގޮތަށް އެލުވާފައި ހުރި ރަތްވަކަރުގެ ކުރެހުންއެޅި އުނދޯލީގައި ޝަބްނަމް އިނެވެ. އެއްފަރާތުގައި އަތް ޖެހޭ ހިސާބުގައި "ސާވިން ކާޓް"އެއް ހުއްޓެވެ. އޭގައި ކޮފީއާއި ސައި ބޮވޭނެ ގޮތް ހަމަޖެހިފައި ހުރި އިރު މަތިޖަހާފައިވާ ބިއްލޫރި ތަށްޓެއްގައި ފިހެފައި ހުރި ފޮނި ކާއެއްޗެހި ވެސް ހުއްޓެވެ.

"ކޮބާ ދިމާވިތަ؟... ވާހަކަދެއްކި." އަތުގައި އޮތް ވާހަކަފޮތް ލައްޕާލާފައި ކައިރިއަށް އައި ޝަހާއާ ޝަބްނަމް ވާހަކަދެއްކިއެވެ. ޝަހާ ފުންނޭވާއެއް ދޫކޮށްލި ގޮތުން ޝަބްނަމް ހިނިތުންވެލިއެވެ. އުނދޯލީގެ ހެއްލުން މަޑުޖައްސާލާފައި ޝަހާގެ އަތުގައި ހިފާ ދަމާލިއެވެ. ގެނެސް އޭނާގެ ކައިރީ އުނދޯލީގައި ޝަހާ ބޭންދިއެވެ.

"ރުޅިއައިސްފަތަ ހުރީ." ޝަބްނަމް އަހާލިއެވެ.

"ނޫން. އިރުކޮޅަކުން އަންނާނަމޭ ބުނީ. އިހަށް މަންމަ ކައިރިއަށް ދާށޯ." ޝަހާ ބުންޏެވެ.

"މަންމައަށް ހީވަނީ ކައިވެނި ކުރީމަހެން ދެން ރިކް ހަމައަކަށް އެޅޭނީ. އެއްވެސް މީހަކު ބުނާ ބަހެއް މިހާރު ނާހާ. ޝަހާ ވެސް ތިއައީނު. ކިޔެވުން ނިމުނީތަ؟." ޝަބްނަމް ވާހަކަދެއްކިއެވެ.

"ނިމިއްޖެ. އޭރު މަންމަމެންނަށް ނާދެވޭނެތީ ނުބުނީ." ޝަހާ ބުންޏެވެ.

"ޝަބްނަމް..." ދުރުގައި ހުރެފައި ފަޒްނާ ގޮވާލިއެވެ. މަޑުމަޑުން ހެއްލަމުންދިޔަ އުނދޯލު ޝަބްނަމް ހުއްޓާލިއެވެ. ފަޒްނާއަށް ކައިރިއަށް އައުމަށް އޭނާ އިޝާރާތްކުރިއެވެ.

"ރިއާ އަތުވެއްޖެ." ޝަހާގެ ކުރިމަތީ ޝަބްނަމްގެ އާއިލާ ތެރޭގެ ހާލަތު ފާޅުކުރާން ފަޒްނާ ފަސްޖެހުނީއެވެ. އެކަން ޝަބްނަމް ނަގައިގަތެވެ. އޭނާ ބޯޖަހާލުމާއެކު އުނދޯލިން ތެދުވިއެވެ.

"ފަޒްނާ! ޝަހާއަށް ހޫނުކޮށް ޗޮކުލެޓުތަށްޓެއް ގިރައިގެން ގެނެސްދީ. ދެން ކުއްޖަކު ފޮނުވައިގެން ރިކް ގާތުގަ ބުނޭ ޝަހާ އިނީ ބޮޑު އުނދޯލީގައޭ. ސޮރީ ޝަހާ، މަންމައަށް އިނދެވޭކަށްނެތް." ޝަބްނަމް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެންމެ ރަނގަޅޭ ބުނާ ފަދައިން ޝަހާ ބޯޖަހާލީއެވެ.

އައިތަންއާއި ރިއާގެ ކައިވެންޏަށް އަދިވީ އެންމެ ދެ އަހަރެވެ. އެހެންވިޔަސް މިހާރު އެ ދެމަފިރިން އެ އުޅެނީ ވަރިނުވެވިގެންނެވެ. އެކަމާ ޝަބްނަމް އަޖައިބުވާހާ ވެއެވެ.

"މިހާރުގެ ކުދީން ލޯބި މިވަނީ ކިހިނެއްތަ؟. ގައިމު ލޯބިވެގެން ދުރުގައި ނުތިބެވޭވަރުވެގެން ކައިވެނި މިކުރަނީ. އެކަމަކު ކައިވެނި ދަމަހައްޓާކަށް ނޭނގުނު." އައިތަންގެ ކޮޓަރިއާ ދިމާއަށް އައި ޝަބްނަމްގެ ހިތުގައި ވިއެވެ.

ކޮޓަރީގައި ޓަކިދިން އަޑަށް އައިތަން އައިސް ދޮރު ހުޅުވިއެވެ. ޝަބްނަމްއާ އެވަގުތު ކުރިމަތިލާން އައިތަން ބޭނުމެއްނުވިއެވެ. އެހެންވެ މަންމަ ދައްކަން އައި ވާހަކައެއް އޭނާ ހުއްޓުވިއެވެ. ރިއާއާ ދެ މީހުން ވާހަކަދައްކަނީ ކަމުގައި އައިތަން ބުންޏެވެ. މަންމައާ ފަހުން ބައްދަލުކުރާނަން ކަމުގައި އައިތަން ބުންޏެވެ. ހައިރާންކަމާއެކު ޝަބްނަމްއަށް ހުރެވުނީއެވެ. އައިތަން ސާފުކޮށް އެ ބުނަނީ މިވަގުތު އެ ދެމަފިރިންގެ ދެމެދަށް ޝަބްނަމް ނުވަނުމަށެވެ.

"އައިތަން. ޒުވާބު ނުކުރާތި، އަތް އިސްނުކުރާތި. ކައިވެނި ރޫޅާލަންވާނީ އެނޫން އެއްވެސް ގޮތެއް ނެތިގެން." އެތެރެއަށް ވަންނަން އުޅުނު އައިތަންގެ އަތުގައި ކުއްލިއަކަށް ޝަބްނަމް ހިފެހެއްޓިއެވެ. އައިތަން ހަމައެކަނި ބޯޖަހާލީއެވެ.

"މަންމަ ކައިރީ ވެސް ބުނީތަ؟" ކޮޓަރީގައި ހުރި ސޯފާގައި އިން ރިއާއަށް ދޮރުކައިރިން ޝަބްނަމް ދެއްކި ވާހަކަތައް އިވުނީއެވެ.


"ރިއާ ކީއްކުރަން މިގެއަށް ތިއައީ." އައިތަން ބުންޏެވެ.

"ދެމަފިރިން ދޭތެރޭ ހިނގާ ހުރިހާކަމެއް މައިންބަފައިންނަށް އަހަރެން ކިޔައެއްނުދެން. މީ އަހަރުމެން ދެމީހުންގެ ކަމެއްނޫންތަ." ރިއާ ހިތްހަމަނުޖެހުނެވެ.

"އަހަރެން ގޭގަ އަޅާފަ އޮންނަންޏާ މަންމަމެން ސުވާލު ކުރާނެ ދޯ. އެމީހުންނަށް އެނގޭނެއެއްނު ކަމެއްވެއްޖެކަން. ކޮންމެހެން އަހަރެން ކިޔާނުދިނަސް. މަންމަ އެހީމަ އަހަރެން ބުނީ... ބުނިހާ ވެސް އެއްޗަކީ ވަރިވާން އުޅޭ ވާހަކަ." އައިތަން އައިސް އިށީނީ އެނދުގައެވެ. ދެމީހުންގެ ޖާގަ ހުރި ސޯފާގައި އިން ރިއާ ކުރިމަތިވާނޭ ހެންނެވެ.

"އެހެންވިޔަސް ހެޔޮ. އައިތަން އަހަރެން ވަރިއެއް ނުކުރަމެންނު. ވަރިވީމަ މީހުން ކައިރީ އެއްޗެހިކިޔާ. މިހާރު ކިޔައިގެން ނުވާނެ." ރިއާ ބުންޏެވެ.

"ރިއާ..." އައިތަން މަޑުމަޑުން ގޮވާލިއެވެ. ރުޅީގައި ރިއާގެ މޫނު ވަނީ ރަތްވެފައެވެ. އޭނާ އެހެން އިނދެފައި ދެން ރޯންފަށާނީކަން އައިތަންއަށް އެނގެއެވެ. އެނދުން އައިތަން ތެދުވިއެވެ. ރިއާ ޖެހިގެން ސޯފާގައި އޭނާ އިށީނެވެ.

"އަދިވެސް ނުބުނަމެންނު މިގެއަށް އައީ ކީއްކުރަންކަން. އެރޭ ރިއާ ބުނީމެންނު އޯކޭއޭ. ނުކުމެގެން ދާށޭ. އައި ހެޑް އިނަފް ރިއާ." އައިތަން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

ރިއާ ވާހަކަނުދައްކާ އިނދެފައި އައިތަން ހީކުރި ފަދައިން ފެށީ ރޯށެވެ. އައިތަން ގޭތެރެއިން ނުފެންނާތީ ރިއާގެ މައިންބަފައިން ވެސް ކުށްވެރިކުރީ އޭނާއެވެ. ރުޅިއައިސްގެން ކިޔާ އެއްޗިއްސަކީ ހަގީގަތެއް ނޫނެވެ. އެއީ ރުޅީގެ ޖަޒުބާގައި އިންސާނާ ހައްލާލުމުން ކިޔޭ އެއްޗިއްސެވެ. ކިޔުނު އެއްޗިއްސާމެދު ދެރަވެއްޖެކަން އަންގާކަށް ރިއާ ބޭނުމެއްނޫނެވެ. ގޯސް ހެދުނީ އޭނާއަށްކަން އެއްބަސްވާކަށް ވެސް ބޭނުމެއްނޫނެވެ. އެކަމަކު އައިތަން އޭނާ ބަލައިގަންނަން ވެސް ނުހަނު ބޭނުމެވެ. ރޮމުންރޮމުން އައިތަންގެ ގައިގާ ރިއާ ލައްވެލިއެވެ. އެ މަންޒަރު ބަލަން އުނދަގޫވީ ފަދައަކުން އައިތަންގެ އަތުގެ ތެރެއަށް އަނބިމީހާ ގެނެސް ގާތްކޮށްލިއެވެ.

ހުޅުވުނު ލިފްޓާ ދިމާއަށް ޝަހާ ބަލާލިއެވެ. އެއިން ނުކުތީ އައިރިކްއެވެ. އެ ފިރިހެންވަންތަ ސޫރައިގަ އެއްވެސް ތަރުތީބެއް ނެތެވެ. އެހެންވިޔަސް އެ ރީތިކަމަށް ޝަހާގެ ހިތް ތައުރީފުކުރިއެވެ. އަމިއްލަ ނަފްސަށް ވެރިކޮށްލި ލުއި ހިނިތުންވުމާއެކު އޭނާ އުނދޯލި މަޑުޖައްސާލިއެވެ. އައިރިކް ކައިރިވުމާއެކު އޭނާގެ އަތްތިލައިގެ ތެރެއަށް ޝަހާގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ. އަދި އައިރިކް އަތް ދަމައިގަތުމުގެ ކުރީން އެ އަތް ގެންގޮސް އުނދޯލީގެ ދަގަނޑުގައި ޖެއްސުވިއެވެ. އަވަސް ހަރަކާތެއް އައިރިކް ނުގެނައީ ޝަހާގެ ގަސްދަކީ އޭނާއަށް އުނދޯލި ހުރި ހިސާބު ބުނެދިނުން ކަމުގައި ދެކިގެންނެވެ. ނަމަވެސް އޭނާއަށް ނުފެންނަނީ ޝަހާގެ ނިޔަތް ބޭޒާރުކުރާ ދެ ލޮލެވެ.

"ކޮފީ ބޯނަންތަ؟. މިތާ އެބަހުރި ހުރިހާ އެއްޗެއް. އަހަރެން ވެސް ހޮޓްޗޮކްލެޓް ބޮނީ. ކިހާ ފިނި ދުވަހެއް." ޝަހާގެ އަޑުގައި އުފާވެރިކަންވިއެވެ. އެ މޫޑު ހަރާބުކޮށްނުލާ ވޭތޯ އައިރިކް މަސައްކަތް ކުރިއެވެ. ކޮފީއެއް ބޯން އޭނާ އެއްބަސްވީ އެހެންވެއެވެ. ނިކަން ފާޑުވެރިކަމާއެކު ޝަހާ ކޮފީއެއް ތައްޔާރުކޮށްލުމާއެކު އައިރިކްގެ އަތަށް ޖޯޑު ލައިދިނެވެ.

"ރަހަބަލާލަބަލަ." ޖޯޑު ހިފަހައްޓާލައިގެން އައިރިކް އިންނަން ފެށުމުން ޝަހާ ބުންޏެވެ. އެއާއެކު އައިރިކް ކޮފީ ޖޯޑު އުފުލާލާއި ކިރިޔާ ތުނބުގައި ޖައްސާލާފައި ތިރިކޮށްލިއެވެ.

"ޝަހާ. އަހަރެން ކަހަލަ މީހަކާއެކު ޝަހާއަށް ފިއުޗާއެއްނެތް. މިވަގުތު އަހަރެން މިހުރީ ކައިވެންޏެއް ކުރެވޭފަދަ ރައިޓް މައިންޑަކުނޫން. އަހަންނަށް އެ ރެސްޕޮންސިބިލިޓީއެއް ނުއުފުލޭނެ. އަނތްބަކު ނުބެލެހެއްޓޭނެ."

"އެހާ ދުވަސްކޮށްފަ ބައްދަލުވީމަ ތީތަ ރިކް ބުނަންވީ އެއްޗަކީ." ޝަހާގެ އަޑަށް އައި ބަދަލު އައިރިކްއަށް ފާހަގަވިއެވެ.

"ޔޫ ވިލް ގެޓް އަ ފައިނާ ސޫޓާ ދެން މީ. އެ އިޚްތިޔާރު އަހަރެން ޝަހާއަށް މިދެނީ." އައިރިކް ކިތަންމެ ބަލައިގެން ވާހަކަދެއްކިޔަސް ޝަހާގެ ހިތަށް އުނދަގޫނުވެ ނުދާނޭކަން އެނގެއެވެ.

"މީ ހަމައެކަނި އަހަރެމެންގެ ނިންމުމެއްނޫން. ދެ ފެމެލީގެ ވެސް ވަރަށް ބޮޑު އުންމީދެއް." ޝަހާ ބުންޏެވެ.

"އަހަރެންނަށް ޝަހާ އުފަލުގައި ނުގެންގުޅެވޭނެކަން އެނގޭއިރު ވެސް ކައިވެނި ކުރަންވީތަ؟. މަންމައާއި ބައްޕައާ އަހަރެން ވާހަކަދައްކާނަން. އެއްވެސް މީހަކު ޝަހާއަށް ބްލޭމެއް ނުކުރާނެ." އައިރިކް ކައިވެންޏެއް ކުރާކަށް މިހާރު އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ބައިވެރިޔާ ކަމުނުދަނީއެއް ވެސް ނޫނެވެ.

"ނޫން. ތިގޮތް އަހަންނަށް އެކްސެޕްޓެއް ނުކުރެވޭނެ. އަހަރެން މަޑުކުރާނަން. ރިކް ކައިވެންޏަކަށް ރެޑީވަންދެން. މިހާރު ތިގޮތަށް ޑިޕްރެސްވެގެން އުޅުނަސް ތިކަމުން އަރައިގަންނަން އަހަރެން ހެލްޕްވާން ބޭނުން. މެރީ ކުރަން ވެސް ބޭނުން. ޕްލީޒް ރިކް. އަހަރެން ވެސް މިއައީނު. ދެން ގިނަވަގުތު ރިކްއާއެކު ހޭދަކުރެވޭނެ. އެހާ އަވަހަށް މި ރިލޭޝަން ނިންމާލަން ނޫޅޭ. ޕްލީޒް." ޝަހާގެ އަޑުގައިވީ އާދޭހެވެ.

"ޝަހާއަށް ކެތްކުރެވޭނެތަ؟. އަހަރެން ކަހަލަ ނުފެންނަ މީހަކާއެކު ހުރި ހުރަސްތައް އަދި ޝަހާއަށް ނޭނގެނީ. އަހަންނާއެކު އެއްވެސް ކަމެއް ފަސޭހައެއްނުވާނެ." އައިރިކްއަށް ބުނެވުނެވެ. ހިސާބެއްގެ ހަރުކަށިކަން އެ އަޑުގައި ވިއެވެ. (ނުނިމޭ)