ކުޅުދުއްފުށި

ފުޓްބޯޅަ ކުޅެނިކޮށް ވެއްޓުނު މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

May 22, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު)ގެ އިސްވެރިއެއް ކަމުގައިވާ މުހައްމަދު ހަސަން (ސެންޓަރު ހަސަން) ފުޓްބޯޅަ ކުޅުއްވަނިކޮށް ކުއްލިއަކަށް ދަނޑަށް ވެއްޓުމުން އަވަސް ފަރުވާ ދެނިކޮށް ނިޔާވެއްޖެ އެވެ.

ހޮސްޕިޓަލުން އަވަސް އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އުމުރުން 49 އަހަރުގެ މުހައްމަދު މަރުވީ ކުޅުދުއްފުށި "ހިރަފުސް ދަނޑު"ގައި ފުޓްބޯޅަ ކުޅުއްވަން ހުންނަވަނިކޮށް ކުއްލި އަކަށް ވެއްޓުމުން އެތަނުގައި އަވަސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މުހައްމަދު ހަސަން އަކީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުން ދިޔަ މީހެއް ނޫން ކަމަށް އޭނާ ދަންނަ ބައެއް މީހުންގެ ފަރާތުން އެނގިފައިވެ އެވެ.

ހޮސްޕިޓަލްގައި މުހައްމަދު މަސައްކަތް ކުރައްވާތާ 25 އަހަރު ވެއްޖެ އެވެ. ހޮސްޕިޓަލް ހިންގުމުގައިވެސް އަދި ހޮސްޕިޓަލްގެ ޒިންމާދާރު ވެރިޔާގެ ގޮތުގައިވެސް މުހައްމަދު ކުރިން މަސައްކަތް ކުރެއްވި އެވެ. ނިޔާވިއިރު ހުންނެވީ ހޮސްޕިޓަލްގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގަ އެވެ.

މުހައްމަދު ހަސަން ނިޔާވުމުން ހޮސްޕިޓަލުން ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ނިޔާވުމަކީ ސިއްހީދާއިރާއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

މުހައްމަދު ހަސަން ނިޔާވިއިރު އޭނާގ ދެ ފިރިހެން ކުދިންނާއި އަންބެއް ދުނިޔޭގައި އެބަހުއްޓެވެ.