އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުުވުން ފާޅުކޮށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިމައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު އެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ތާއީދުކުރެއްވީ 10 މެންބަރުންނެެވެ. މައްސަލަ ބަލައިގަތުމާ ދެކޮަޅަށް 17 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުން ވަނީ މިމައްސަލަ ބޭރުކޮށްލާފަ އެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެބްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
މައްސަލައިގައި ބުނެފައިވަނީ އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރަށްޓެހި ކަމެއް ކަމަށެވެ. އެކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭ ފަދަ ކަންކަން ކުރިމަތިވުމާއި، ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުމާއި، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް އެފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީއެންސީއާ އެކު މަސައްކަތް ކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޕީޕީއެމް އިން މީގެކުރިން ވަނީ އެ ޕާޓީގެ މެންބަރުންތަކެއް އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށްވެސް ގެނެސްފަ އެވެ. އަދި އެމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އާންމުކުރަން ފަށާފަ އެވެ.