ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ފައްޔާޒު ހަވާލުވެވަޑައިގެންފި

May 23, 2022
1

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފައްޔާޒު މިއަދު ވަނީ އެމްޑީޕީގެ އިސް ގުނަންތަކުގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.

އެގޮތުން މިބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި، ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގުއާއި، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި، ޗެއާޕާސަންގެ ދެ ނައިބުން ކަމަށްވާ އަހްމަދު އަބްދުﷲއާއި އަލީ ނިޔާޒުގެ އިތުރުން އަންހެނުންގެ ރޫހުގެ އާ ރައީސް ރޮޒައިނާ އާދަމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އައިމިނަތު ރިފްގާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ލަންކާގައި ހުންނެވުމާ ގުޅިގެން މިބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވި އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގައި މިވަގުތު ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ލަފައާއި މަޝްވަރާ މިނިސްޓަރު ފައްޔާޒު ހޯއްދެވި ކަމަށެވެ. އަދި ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބުވީ ވަރަށް ވާދަވެރި އިންތިހާބެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާ ވާދަކުރައްވައިގެންނެވެ. މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ފައްޔާޒަށް 27،406 ވޯޓު ލިބިވަޑައިގެންނެވިއިރު އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.

ކެމްޕޭންގައި ފައްޔާޒު އެންމެ ބޮޑަށް ދެއްކެވީ މިދިޔަ ތިން ހަތަރު އަހަރު އެމްޑީޕީ ނުހިނގާ ވާހަކައެވެ. އެހެންވެ އޭނާ އިންތިހާބަށް ނިކުންނެވީ އެމްޑީޕީ "ހިންގާލަން" ސްލޯގަން އަކަށް ހައްދަވައިގެންނެވެ. ކެމްޕޭން ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވަނީ އެމްޑީޕީގެ މެންބަރުން އޭނާ އަށް އިތުބާރު ކުރައްވާ މަގާމަށް ހޮވައިދެއްވީތީ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.