މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ ކަމުގައި ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައަޅައިފި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތު ނެތުމާއެކު މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މި ފަހަރު ލިބުނު ހުރިހާ ޖާގައެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއޫގައި ތިބި މީހުންނަށްވެސް އޮންނާނެ ކަމަށް ބުންޏެވެ.
"އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށައެޅުމުގައި އަމަލު ކުރާނެ އުސޫލެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓުން އާންމު ކުރާނެ އެވެ. އަދި ސައުދީ އަރަބިއްޔާގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އިސްލާމިކް މިނިސްޓްރީގެ ނިންމުން ހާމަކުރުމަށް އާންމުކުރި ބަޔާނުގައިވެއެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބުނު ފަހަރެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.
ސައޫދީގައި ހައްޖު އިންތިޒާމްކުރާ އިދާރާތަކުން ބުނާ ގޮތުން މިފަހަރު ހައްޖަށް ފުރުސަތު ދެނީ އެއް މިލިއަން މީހުންނަށެވެ.