އުތުރު ކޮރެއާގައި އަސްކަރީ އިއްޒަތްތެރިންގެ ތެރޭގައި ގަދަރު ދެވިގެންވާ އޮފިސަރެއް ކަމަށްވާ ހިއޮން ޗޮއި ހޭގެ ޖަނާޒާގައި ރައީސް ކިމް ޖޮން އުން ބައިވެރިވެ ވަޑައިގެންފި އެވެ. ހިއޮން ޗޮއިއަކީ ކޮރެއާ ޕީޕަލްސް އާމީ މާޝަލް އެކެވެ.
އުތުރުން ސްޕޮންސާ ކޮށްގެން ހިންގާ ނޫސްތަކުން ފަތުރާފައި ހުރި ޚަބަރުތަކުން ފެންނަނީ އަސްކަރީ އޮފިސަރުންނާއެކު ކިމް ޖޮން އުން ސަންދޯކެއް އުފުއްލަވާ މަންޒަރެވެ. އެހެން ހުރިހާ އޮފިޝަލުން ކަހަލަ ގޮތަކަށް މާސްކް އަޅައިގެން ތިއްބެވިއިރު ކިމް މާސްކެއް ނާޅުއްވަ އެވެ.
ކިމް ޖޮން އުންއާ ހިއޮން ޗޮއި ހޭ އަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށް ޚަބަރުތައް ބުނެ އެވެ. އުތުރު ކޮރެއާގެ ވެރިކަމާ ކިމް ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެރިއަކަށް ވެވަޑައިގަތުމަށް ކިމް ޖޮން އުން ތަރުބިއްޔަތު ކުރެއްވީ ވެސް ހިއޮން ޗޮއި ކަމަށް ވެއެވެ.
ޚަބަރުތައް ބުނާ ގޮތުން ހިއޮން އަވަހާރަވީ ގުނަވަންތައް ފޭލިވުމުގެ ސަބަބުން ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 87 އަހަރުގަ އެވެ.
އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ސަންދޯކެއް އުފުއްލެވުމަށް ވުރެ ޚަބަރު ސުރުހީތަކުގެ ކުލަގަދަވެފައި ވަނީ ކޮވިޑުގެ ހާލަތުގައި މާސްކް ނާޅުއްވާ ހުންނެވުމެވެ.
އުތުރުގައި ކޮވިޑް ފެތުރިގަނެ އާންމުން ބިރުވެރިކަމެއްގައި ތިބިއިރު ކިމް މާސްކު ނާޅުއްވާ ހުންނެވުން ވަނީ ބޮޑު އަޖައިބަކަށް ވެފަ އެވެ. އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑްގެ އާލާސްކަންފުޅުގައި ކިމްއަށް ދެރަ ގޮތެއް ވެދާނެ ކަމަށް ހީވުމެވެ.
އުތުރު ކޮރެއާގައި ކޮވިޑް ފެތުރޭ ކަމަށް ބުނެފައި ވަނީ ދުނިޔެއިން ކޮވިޑް ފަސޭހަވާ އަތަށް އެޅުމުންނެވެ. އުތުރަކީ ސިއްހީ ނިޒާމު ފޭލިވެފައި އޮތް ގައުމަކަށް ވާތީ ދުނިޔެއަށް އޮޮތް ކަންބޮޑުވުމަކީ އާންމުންގެ ގިނަ ބަޔަކު މި ބަލީގައި މަރުވެދާނެ ކަމަށް ބެލެވުމެވެ.
ދުނިޔޭގެ ގައުމުތަކުން އުތުރަށް ދޭން ހުށަހެޅި އެހީއަށް ވެސް ވަކި ޖަވާބެއް ނުދެ އެވެ. އަނެއްކޮޅުން މިހާރު ބުނަނީ ބަލި ޖެހޭ މީހުން އިތުރު ނުވާ ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.
ގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެއްވުމުގައި ވެސް ކިމް ވަރަށް އިސް ދައުރެއް އަދާކުރައްވަ އެވެ. ޓީވީއަށް އަރުއްވައި އާންމުންނަށް ނަސޭހަތްތެރިވެ އިރުޝާދު ދެއްވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.