މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
ކައުންސިލުން މިރޭ ބުނީ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މާދަމާ ހަވީރު ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖް (ކަޅުތުއްކަލާކޮށީ) ކުރިމަތީގައެވެ.
މި ހަރަކާތުގެ ދަށުން އިންދަނީ ކިހާ އަދަދެއްގެ ކަދުރު ރުއް ކަމެއް ނުބުނެއެވެ.
މިހާރުވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަދުރު ރުއް ހައްދާފައި އެބަހުއްޓެވެ. ކިންގް ސަލްމާން މިސްކިތުގެ ގޯތިތެރޭގައިވެސް ގިނަ އަދަދެއްގެ ކަދުރު ރުއް ހައްދާފައި ހުރެއެވެ.
އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރަގްރާމްގެ ދަށުން މިހާރުވެސް ވަނީ މާލޭގައި އަނބު ގަސް އިންދާފައެވެ.
މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.
މާލެ ސިޓީ ކައުންސިލްގެ ކުރީގެ ދައުރުތަކުގައިވެސް މާލެގައި ގަސް އިންދާފައިވެ އެވެ. ނަމަވެސް އެކަށީގެންވާ އިންތިޒާމެއްގެ ތެރެއިން ގަސްތައް ބަލަހައްޓަމުން ނުދާތީ ވަރަށް ގިނަ ގަސްތައް ވަނީ މަރުވެފަ އެވެ.