ހައިކޯޓް

އެއްވެ އުޅުން ހަނިކުރި މާއްދާ ބާތިލު ކުރަން ކޯޓަށް

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކޮށް ދިނުމަށް އެދި އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ އަހްމަދު އަޒާން އާއި އަހްމަދު އިބްރާހީމްގެ އިތުރުން ޝިފްޒާން އަހްމަދެވެ. މިއީ ނޫސްވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތިން ބޭފުޅުންނެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.

ހައިކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ އެއްވެ އުޅެވޭނީ ވަކި ތަނެއްގައި ކަމަށް ކަނޑައެޅުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެ ހައްގު ހަނިކުރާ އުސޫލާ ހިލާފު ކަމެއް ކަމުން އަދި މާލޭގައި އެއްވުމަށް ލިޔުމުން ހުއްދަ ހޯދުމާއި މިނިސްޓްރީން ހުއްދަ ދޭ ވަކި ތަންތަނުގައި ނޫނީ އެއްވެ ނޫޅެވޭނެ ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް މުޅިން ނައްތައިލުން ކަމަށްވާތީ އެ އިސްލާހު ބާތިލުކޮށް ދިނުމަށެވެ.

2019 އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އެވެ. މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ، ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވި އެވެ. ނަމަވެސް ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކޮމިޓީ މަރުހަލާގައި ބިލު އޮތްތާ އަހަރެއްހާ ދުވަސް ވާން ގާތްވެފައިވަނިކޮށް، ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މާލޭގައި އެއްވެވޭނީ ކުރިން ހުއްދަ ހޯދައިގެން ކަމާއި، ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާއަށް އެކަނި ކަން ހަނދާން ކޮށްދީފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސަރުކާރުން ވަނީ އެ ގާނޫނު އަލުން އިސްލާހު ކުރާނެ ކަމަށް ވައުދުވެފައެވެ.