ވާހަކަ

އިޙްސާސްވޭ

( 22 މެއި 2022 އާ ގުޅޭ )

"ޝަހާއަށް ކެތްކުރެވޭނެތަ؟. އަހަރެން ކަހަލަ ނުފެންނަ މީހަކާއެކު ހުރި ހުރަސްތައް އަދި ޝަހާއަށް ނޭނގެނީ. އަހަންނާއެކު އެއްވެސް ކަމެއް ފަސޭހައެއްނުވާނެ." އައިރިކްއަށް ބުނެވުނެވެ. ހިސާބެއްގެ ހަރުކަށިކަން އެ އަޑުގައި ވިއެވެ.

* * * * *

ރަޒާއާއެކު މައިރާ ގޭތެރެއަށް ވަދެގެން އައެވެ. ރަޒާގެ މަންމައާއި ބައްޕައަކީ ވެސް ހުވަދު އަތޮޅު ދެކުނިބުރިއަށް ނިސްބަތްވާ ބައެކެވެ. ދެ ފަރާތުގެ ބޮޑު ޢާއިލާއެއް ރަށުގައި އޮވެއެވެ. ނަމަވެސް އޭގެ ދެމަފިރިން އަލަތު ދަރިފުޅު ގޮވައިގެން މާލެއަށް ޙިޖުރަކުރި ގޮތަށް އުފަން ރަށަށްވުރެ މާލޭގެ ފެނަށް ދިރި އެއްގޮތްވެއްޖެއެވެ.

އިނާޔާއާއި ޖާބިރުގެ ރަޒާއާ ލައިގެން 5 ކުދީން ތިބެއެވެ. ޖާބިރަކީ ރިސޯޓެއްގެ ޝެފެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ އެހެން ބައްޕައިން ފަދައިން ޢާއިލާއާއެކު ހޭދަކުރާނޭ ވަގުތު ޖާބިރަށް ވެސް ލިބެނީ މާލެ އާދެވޭ ފަހަރެއްގައެވެ. ދަރީންނާއެކު ގިނަ ވަގުތު ހޭދަކުރަނީ އިނާޔާއެވެ. އެހެންވެ އެ ދަރީންގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް ވެސް އޮންނަނީ އޭނާގެއެވެ. އެމީހުންގެ އެންމެ ދޮށްޓަށް ހުންނަނީ 30 އަހަރުގެ މަމްދޫހެވެ. އަދި އެންމެ ހަގުކުއްޖާ ރީނާއަށް 18 އަހަރެވެ. ރަޒާއަކީ މަމްދޫހަށްފަހު އެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. ދެންތިބީ ހުސް ވެސް އަންހެން ދަރީންނެވެ.

މަމްދޫހު މަސައްކަތް ކުރަނީ ރިސޯޓެއްގައެވެ. ލިޔުޝާއާ ކައިވެނިކޮށްގެން އޭނާ މަންމައާ ވަކިވެގެން ނުދިޔައެވެ. މާލޭގައި އަނބިމީހާ ވަންނާނޭ ތަނެއް ނެތީމައެވެ. އަނެއްކޮޅުން އޭނާއަށް ލިޔުޝާގެ ގާތުގައި ހުންނާނޭ ވަގުތު ނުވާނެތީއެވެ. އިނާޔާ ވެސް ލަފާ ދިނީ އެމީހުންގެ ކައިރީ އޭގެ ދެމަފިރިން އުޅުމަށެވެ. މަމްދޫހު ނެތިސް ލިޔުޝާއަށް ކަމެއްދިމާވެއްޖެނަމަ އަޅާލާނޭ ބަޔަކު ތިބޭނީ އެ މީހުންގެ ގާތުގައި ހުރީވިއްޔާއެވެ. މަންމަގެ ބަސް އަބަދުވެސް މަމްދޫހު ޤަބޫލުކުރެއެވެ. އެމީހުންގެ ކައިވެންޏަށް 3 އަހަރުވީއިރު 1 އަހަރުގެ އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ.

ދެވަނައަށް ހުންނަ ޖުނާ މީހަކާ އިންގޮތަށް ފިރިމީހާގެ ގެއަށް ބަދަލުވީއެވެ. ޢާއިލާގެ އެހެންކުދީންނާ މިޒާޖު ތަފާތެވެ. އެ ޢާއިލާއާ ޚާއްޞަކޮށް މަންމައާ ވީހާ ވެސް ދުރުގައި އުޅެވޭތޯ އޭނާ ބަލައެވެ. ގެއަށް އަންނަނީ ވެސް ޚާއްޞަ ދުވަހެއް ފާހަގަކުރާނަމަ ނުވަތަ މުހިންމު ކަމެއް ގޭގައި ބާއްވައިފިނަމަ އެއްބަނޑުއެއްބަފާ ކުދީންގެ ދަޢުވަތަށެވެ. އެހެން އަންނައިރު އަންނާނީ ގިނަފަހަރު ފިރިމީހާ ވާހިދު ވެސް ނުލައެވެ. ބައިވެރިވެލާފައި އޭނާ އަވަހަށް ދާނީއެވެ. 29 އަހަރުގެ ޖުނާގެ ދެ ކުދީން ތިބެއެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ހާލަކުން ފަހަރަކުނޫނީ އެކުދީން ގޮވައިގެން ގެއަށް ނާންނާނެއެވެ. މާމަކުދީން ދެކޭ ހިތުން އިނާޔާ އާދޭސްކޮށް ރޯންފެށީމަ ނޫނީ ޖުނާ އިޖާބައެއް ނުދޭނެއެވެ. އެވެސް އޭނާގެ ހިތަށް އެރިއްޔާއެވެ.

"ކޮބާ މަންމަ؟." ސިޓިންރޫމު ހުރަސްކޮށް އިނާޔާގެ ކޮޓަރިއާ ދިމާއަށް އަންނަނިކޮށް ދައްތަ އިރުފާ ފެނިގެން ރަޒާ އަހާލިއެވެ.

"މަންމަ ގުޅީތަ؟." އިރުފާގެ މޫނުން ފާޅުވީ ހައިރާންކަމެވެ.

"ވެއްޓިގެން އުޅޭ ވާހަކަ ބުނި." ރަޒާ ބުންޏެވެ. އިރުފާ ދެފަރާތަށް ބޯހޫރާލިއެވެ.

ރަޒާ އައިސް މަންމަގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން އިނާޔާ އިނެވެ. ވައަތު ފައި އޮތީ ބާލީހެއް މައްޗަށް ލައި އުސްކޮށްލާފައެވެ. މަގަތުގައި ދޮންބެދައްތަ ލިޔުޝާ އިނެވެ. މަންމަގެ ފައިގެ ކުޑަހުޅުގައި އައިސް އަޅަނީއެވެ. ރަޒާ ކައިރިއަށް އައެވެ. މަންމަގެ ފަޔަށް ބަލާލިއެވެ. އެއްވެސް ދުޅަކަމެއް އެފަޔަކުނެތެވެ.

"ތި ހިފައިގެން ދޭ." ރަޒާ ފެނުމާއެކު ލިޔުޝާއާ ދިމާއަށް އިނާޔާ ބުންޏެވެ.

"ހޮސްޕިޓަލަށް ދާން ހިނގާ." ރަޒާ ބުންޏެވެ.

"މީ އެވަރުކަމެއްނޫން. މިހާރު އައިސް އަޅާލީމަ ފަސޭހަވެއްޖެ. ކޮބާތަ މައިރާ. ކޮންތާކަށްތަ އެހާ ހެނދުނާ އޭނާ ދިޔައީ. ކޮންކޭކެއްތަ އަޅާފަ އެހުރީ." އިނާޔާގެ ވާހަކަތައް ދޮރު ކައިރީ ހުރި މައިރާއަށް އިވުނެވެ. އޭނާގެ ދެބުމަ ކައިރިވެލީ ފޫހިކަމާއެކުއެވެ.

"މަންމައަށް އެހީވާން ދޮންބެދައްތައާއި ތިއްތަ ހުއްޓާތަ މައިރާ ގެންނަން ބުނީ. މަންމައަށް އެނގޭނެ މީ އަހަރެންގެ އޮފީސް ގަޑިކަން."

"މައިރާ ނައީތަ؟." ރަޒާ ދެއްކިވާހަކަ އިވޭ ކަމަށް ނުހަދާ އިނާޔާ ބުންޏެވެ. އެ އަޑު އިވުމާއެކު މައިރާ އެ ކޮޓަރިއަށް ވަދެއްޖެއެވެ.

"ހޮސްޕިޓަލަށް ނުދަންތަ؟. ބޭރުން ނުފެނުނަސް ކަމެއްވެފަ ހުރެދާނެ." މައިރާ ވާހަކަދެއްކިއެވެ.

"ކޮންތާކަށް މާހެނދުނަކާ ނައްޓާލީ." އިނާޔާ އަހާލިއެވެ. މައިރާ ބަލާލީ ގާތުގައި ހުރި ރަޒާއަށެވެ.

"ގެއަށް." މައިރާ ބުނެލިއެވެ.

"އަހަރެމެން ދަނީ. މަންމަ ތިބުނީނު އައިސް އަޅާލީމަ ފަސޭހަވެއްޖެއޭ. މައިމެން ގޭގަ ކަމެއް އެބައޮތް. އޭނާއަކަށް މިއަދު ގެއަކު ނުހުރެވޭނެ. އަހަރެން ވެސް އޮފީހަށްދާން ޖެހޭނެ." ރަޒާ މިހެން ބުނުމާއެކު މައިރާގެ އަތުގައި ހިފައިގެން އެ ކޮޓަރިން ނުކުމެއްޖެއެވެ.

"ކިހިނެއްވީ މަންމަ ވެއްޓުނީ." ސިޓިންރޫމު ސޯފާގައި ތިބި ލިޔުޝާއާއި އިރުފާއަށް ބަލާލަމުން ރަޒާ ސުވާލުކުރިއެވެ.

"އެއީ ދޮގެއް. ނުއެއްވެއްޓޭ. ކައްސާލަން އުޅުނީ. ފަޔަށް އެއްވެސް ކަމެއް ނުވޭ. އެކަމަކު މަންމަގެ ހިތްހަމަޖެހުމަށް ދޮންބެދައްތަ އައިސް އަޅާދިނީ." އިރުފާ ބުންޏެވެ. އާދައިގެ މަތިން ލިޔުޝާ ބަހެއްނުކިޔާ މަޑުމަޑުން އިނީއެވެ.

"ކޮންސައްލާއެއް. ތީ ނުދެވިގެން އުޅުނު މީހާ." ކޮޓަރިން ނުކުތީ އިނާޔާއެވެ. މައިރާއަށް ބަލާލެވުނީ މަންމަގެ ފަޔަށެވެ. އެއީ ވެއްޓިގެން ފައިނޭޅިގެން ރަޒާއަށް ގުޅާފައި މައިރާއާ ދެމީހުން އަވަހަށް އަންނަން ބުނި މީހާއެވެ. އިނާޔާދެކެ މައިރާ ފޫހިވަނީ އެހެންވެއެވެ. ކަންދެއްކުމާއި ބޮޑާކަން އިންތިހާއެވެ.

ރަޒާގެ އަތުގައި މައިރާ ހިފާލިއެވެ. އަނބިމީހާ ދިން ސިގްނަލް ރަޒާ ނަގައިގަތެވެ. މަޑުނުކޮށް ދެމަފިރިން އެކުގައި ބެލީ ގެއިން ނުކުމެވޭތޯއެވެ.

* * * * *

ރިންގުވާން ފެށި ފޯނު މާޔަލް ނެގިއެވެ. އިވާންގެ ކޯލެކެވެ. އޮފީހުގެ މަސައްކަތް ކުރާހިތް ނުވެގެން އުޅޭ ދުވަހެވެ. މާޔަލްގެ ގާތަށް އަންނަން އޭނާ ބޭނުންވަނީއެވެ.

"ފިހާރައަށް އައިސް މިއިނީ. ދޮންތިއާއެކީ." އިވާންގެ ވާހަކައަށް މާޔަލް ބުންޏެވެ.

"އޮފީސް ނިމޭގޮތަށް ދާނަން ބަލާ. ގެއަށް ގެންދަން... އައިމީ ގުޅިތަ؟" އިވާން ވާހަކަދެއްކިއެވެ.

"އަދިވެސް ނުގުޅާ. ހަނދާންނެތުނީ ކަންނޭނގެ. ފިރިއަކު ހުރީމަ އެހެންވެދާނެއެއްނު." މާޔަލް ހީނލިއެވެ.

"އަހަރެންވެސް ފިރިއަކަށްވާން ވަރަށް ބޭނުން." އިވާން ބުނެލިއެވެ. އެއާއެކު ހިނދުކޮޅެއްގެ ހިމޭންކަން ވެރިވިއެވެ. އިވާން އެކިގޮތްގޮތުން ކައިވެނި ކުރާން ބޭނުންވާކަން ހާމަކުރެއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބެއް ނުދެވިގެން އުޅެނީ މާޔަލްއަށެވެ. އިވާންއާ ކައިވެނި ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ އާދަޔާ ޚީލާފު ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ. ކިޔަވައިގެން ހުރި ރަނގަޅު ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މާޔަލް ގެންގުޅެވޭނެވަރުގެ ޒުވާނެވެ. ހުރިހާ ގޮތަކުން ބެލިޔަސް ފިރިއެއްގެ ކުފޫ ހަމަވެއެވެ. ލޯބިދޭން އިވާނަށް އެނގޭނެއެވެ. އެހެންވިޔަސް ކައިވެންޏޭ ބުނުމުން ހިތް ތެޅިލަނީ ޖެހިލުންވެގެންނެވެ. އިވާން ފިރިއަކަށްވާން ބޭނުންވިޔަސް މާޔަލް އަނތްބަކަށްވާން ތައްޔާރުބާއެވެ. އަމިއްލަ ހިތާ އޭނާއަށް އެ ސުވާލު ކުރެވެއެވެ. އިވާންދެކެ ލޯބިވިޔަސްއެވެ.

"ކޮންއިރަކު މަސްދަތުރު އޮތީ؟." މާޔަލް ފެށީ މުޅީން އެހެން ވާހަކައެކެވެ.

"ވިއްސާރަކަމުން އިހަށް މަޑުޖައްސާލީއޭ ބުނި. މިތާ އެކަމުގަ އުޅޭ މީހުންނަށް އެނގޭނީ. އެބަކިޔާ މަސްދަތުރު ފަހަށް ޖައްސާފަ ބާބެކިއުއެއް ވިލިމާލޭގަ ބާއްވަން. މާޔަލް ދާނަންތަ. ބޭނުން ގެންދަން." އިވާން ބުންޏެވެ.

"އޮފީސްކަމެއްނު."

"ފެމެލީ ގެންދެވޭގޮތަކަށޭ އޮތީ. ނުދާނަންތަ. ޕްލީޒް." އިވާން އާދޭސްކޮށްލިއެވެ.

މާޔަލް އެއްބަސްވިއެވެ. ފޯނުކޯލު ކުރުކޮށްލީ މާޔަލްއެވެ. އިވާން ގާތު އޮފީސް ވަގުތު އަމިއްލަ ކޯލުގައި އެހާ ގިނައިރު އިނުން ރަނގަޅެއްނުވާނޭ މާޔަލް ބުނީއެވެ. އަނެއްކޮޅުން ފިހާރައަށް ވަންތަން ފެނުނީ މައިރާއެވެ.

"ދޮރުތަޅެއް ނުލަމެންނު." މައިރާ ވަދެގެން އަންނަމުން ބުންޏެވެ.

"ހަނދާންނެތުނީ." މާޔަލް ނިކަން އަވަހަށް ބުންޏެވެ.

"ވާރެޔާ ތެމުނީތަ." ހިސާބަކަށް ތެމިފައި ހުރި މާޔަލްގެ އިސްތަށިގަނޑާއި ހެދުން ފެނި މައިރާ އަހާލިއެވެ. އަވަސްއަވަހަށް އައިސް މާޔަލްގެ އިސްތަށިގަނޑުގައި އޭނާ އަތްޖައްސާލިއެވެ.

"އެހާ ބޮޑަކަށްނޫން. ކިރިޔާ މީހަކު މަރުނުވީ... އޭނާ ސަލާމަތްކުރަން ހަދައިގެން ތެމުނީ." މާޔަލް ބުނެލިއެވެ. އެ ވާހަކައަށް މައިރާގެ ޝައުގުވެރިކަން ހުއްޓުނެވެ. ކަންތައްވީގޮތް މާޔަލް ކިޔާދިނެވެ.

ދައްތައާއެކު ވާހަކައިގަ އިންދާ އިވާންގެ ކޮއްކޮ އައިމީ ގުޅިއެވެ. ވީޑިއޯކޯލު ކުރީއެވެ. އެކުއްޖާގެ އަޑުގަދަކަމުން ފޯނުގެ "ވޮލިއުމް" މަޑުކުރަން މާޔަލްއަށް ޖެހުނެވެ. ފުރަތަމަ ވެސް އައިމީ އެހީ ހަވީރު އެގެއަށް މާޔަލަށް އަންނަތޯއެވެ. މަންމައާ ދެމީހުން ހެނދުނުއްސުރެ އިންތިޒާރުގެ ވަގުތުތައް ގުނަގުނާ ތިބިކަން ބުންޏެވެ. ފޯނު ހިފައިގެން ބަދިގެއަށް އޭނާ ވަނެވެ. އެތަނުގައި ހުރި އަސްމާއަށް ގޮވާ ފޯނު ދައްކާލިއެވެ. މާޔަލް ފެނުމާއެކު އަސްމާގެ ހުރިހާ ދަތެއް ސޭލްއަޅުވާލިއެވެ. އޭނާގެ ވާންއުޅޭ ޅީދަރިފުޅަށް އުފަންދުވަހުގެ ތަހުނިޔާކިޔެވެ. މާޔަލްއާއެކު ފެންނަން ހުރި މައިރާއަށް ވެސް އަސްމާ ގޮވާލިއެވެ.

"ހަވީރު އިވާންއާ އެއްކޮށް އެގެއަށް ދާން ޖެހޭ." ވީޑިއޯކޯލު ނިންމާލުމާއެކު ދޮންތި ކައިރީ މާޔަލް ބުނެލިއެވެ.

"ބެސްޓު މައިޓެއް މާއްކޮއަށް ލިބިފަ ތިހުރީ." ހިނިއައިސްފަ އިނދެ މައިރާ ބުންޏެވެ.

"ތިހެންބުނީމަ ހަނދާންއެވީ. ރަޒާބެ މަންމަ ކިހިނެއް؟. ހާދައަވަހަށޭ ތިއައީ." މާޔަލް އަހާލިއެވެ.

"ނަސީބަކުން ބޮޑުވަރެއްނުވޭ. ހޮސްޕިޓަލަށް ދާވަރެއްނުވެޔޭ ބުނީމަ އަހަރެމެން ނުކުތީ." ރަޒާގެ ޢާއިލާ ތެރޭގައި ކަންތައް ހުންނަ ގޮތުގެ ވާހަކަ މައިރާ ނުދައްކައެވެ. އިނާޔާ ޖެއްސި ޑުރާމާގަނޑުގެ ވާހަކަ ނުދެއްކީ އެހެންވެއެވެ. ކައިވެނިކޮށްގެން ރަޒާގެ ޢާއިލާ ގާތަށް މައިރާ ބަދަލުވީއްސުރެ އިނާޔާގެ ޑުރާމާގަނޑެއް ނުފެންނަ ދުވަހެއް ނުދޭވިއްޔާއެވެ. އިވާންގެ މަންމަ މާޔަލްއާ ހެދި އުޅޭވަރު ފެނުމުން މައިރާ އުފާކުރަނީ އެހެންވެއެވެ. ކޮއްކޮގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލު އިހްސާސްކުރުވޭތީއެވެ. ދެމަފިރިން ހަމަޖެހިގެން އުޅޭން ފުރުސަތު ލިބޭނެތީއެވެ. މާޔަލްއާއި އިވާންގެ ޖޯޑަކީ މައިރާގެ ނަޒަރުގައި ނުހަނު ފުރިހަމަ ޖޯޑެކެވެ.

* * * * *

"މަލް!... މަލް!... މަޑުކޮށްބަލަ." ރަޒާން ދުވަމުން އައިސް މަލަކްއާ އެއްވަރު ކުރިއެވެ.

"ލަސްވެގެން މިއުޅެނީ." މަލަކް ނިކަން އަވަހަށް ސިޑީގެ ހަރުފަތްތަކުން އަރަމުން ބުންޏެވެ.

"މަވެސް އެސައިންމެންޓް ލާށޭ މިދަނީ." ރަޒާން ބުންޏެވެ.

"ކުލާސް ގަޑިއަކުނޫން. އަހަރެން ފަހުން ގުޅާނަން." މަލަކް ބުންޏެވެ. އެގޮތް ރަޒާނަށް ކަމަކުނުދިޔައެވެ. އޭނާ މަލަކްގެ އަތުގައި ހިފިއެވެ.

"ރަ..ޒާ..ން." ދަތްކުނޑިވިކާލަމުން މަޑުމަޑުން މަލަކް ގޮވާލީ ގަޔާނުވިކަން އަންގަމުންނެވެ.

"ސޮރީ... މިރޭ އަންނާނަންތަ." ރަޒާން ނިކަން އަވަހަށް މަލަކްގެ އަތުން ދޫކޮށްލާފައި ވާހަކަދެއްކިއެވެ.

"ނޮޓް ޓުނައިޓް. ބުނީމެންނު ސިސްގެ ބާތްޑޭއޭ. މިއަދު އެއްކޮށް އަހަރެން ބިޒީވާނެ." މަލަކް ބުންޏެވެ. މާޔަލްގެ އުފަންދުވަހުގެ ޕާޓީއަށް ގާތް އެކުވެރީންނަށް ދަޢުވަތު ދިންއިރު ރަޒާނަށް ދަޢުވަތެއް ނުދެއެވެ. ދަރިވަރުންގެ މަންދޫބަށްވެފައި އެރޭ ދަރިވަރުންގެ މެދުގައި ބޭއްވޭ "ޑިނާނައިޓް"ގަ ރަޒާން ހުންނަން ޖެހޭނެކަން އެނގޭތީއެވެ. އަނެއްކޮޅުން ހެނދުނުގެ ބްރޭކްގަޑީގައި ފެނުނު މަންޒަރުން މަލަކް އަދިވެސް އެހެރީ ފޫހިވެފައެވެ.

މަލަކް ފުރަތަމަ ކުއްޖަކާ ރައްޓެހިވީ އުމުރުން ނަވާރަ އަހަރުގައެވެ. އެއަށްފަހު އޭނާގެ ހަޔާތައް އެތައް ފިރިހެން ކުދީންނެއް އަތުވެއްޖެއެވެ. ނަމަވެސް އެތަނުން އެކަކުވެސް އޭނާ ގެންގުޅޭ ތައްގަނޑަށް ހެޔޮވަރު ނުވަނީއެވެ. "މިސްޓާރ ޕާފެކްޓް"އަށް ނުވަނީއެވެ. ކޮންމެ މީހެއްގެ ފުށުން ކޮންމެވެސް އުނިކަމެއް ފެންނާނެއެވެ. އެވީ ދެން އެމީހާ ވަކިވާށެވެ. ރަޒާންގެ ހުށަހެޅުން މަލަކް ބަލައިގަތީ ކޮލެޖުގައި އުޅޭ ފިރިހެން ކުދީންގެ ތެރޭ ފާހަގަކޮށްލެވޭ ޒުވާނަކަށްވީމައެވެ. ދަރިވަރުންގެ މެދުގައި މަޝްހޫރުވެފައި ރީތިވެގެންނެވެ. އެ ގުޅުމަށް އަދިވީ މަހެކެވެ. އެކަމަކު މިހާރު މަލަކްއަށް ރަޒާންގެ ހުރި އުނި ކަންތައްތައް ފާހަގަވާންފަށައިފިއެވެ.

އެސައިންމެންޓް އޮފީހަށް ހަވާލުކުރުމާއެކު މަލަކް މަޑެއް ނުކުރިއެވެ. އޭނާ ކޮލެޖުން ނުކުމެ ސައިކަލުގައި ނައްޓާލީ ދައްތަމެން ގާތަށް ދާށެވެ. ތިންބެން އެކުގައި ސެލޯންއަށް ދިއުމަށެވެ. މަލަކް ގުޅިއިރު މައިރާއާއި މާޔަލް ތިބީ ފިހާރައިގައެވެ.

ފޭޝަލް ނިންމާފައި އިސްތަށިގަނޑު ދޮންނަން ކައިރިވެލި ހިނދު މާޔަލް އެކަން ކުރާން ހުރި ކުއްޖާގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ޖެހިގެން ހުރި ގޮނޑީގައި އިން މައިރާ ނިކަން އަވަހަށް ވާހަކަދެއްކިއެވެ. މާޔަލްގެ ބޮލުގައި އެއްވެސް އެއްޗެއް ނުލާނޭކަމުގައި ބުންޏެވެ. ބޮލުގެ ފުއްކިބައާ ދިމާއިން ބާލާފައި ހުރުތަނުން އިސްތަށި ފަޅާފައި ހުރި ކުރުކޮށެވެ. އެތަނުގައި ހުރި ބޮޑު ލަކުނު ފެނުނީ މާޔަލް އިސްތަށިގަނޑު ހިއްލާލުމުންނެވެ. މައިރާއާއި މަލަކްގެ އިސްތަށިގަނޑު ރީތިކޮށް ނިމެންދެން މާޔަލް އިނީއެވެ.

ތިން ކުދީން ގެއަށް އަންނަންވާއިރަށް އާމާލް ހުރީ ޓެރެސްގެ ހިޔާކޮށްފައި ހުރި ބައިން ބައެއް ގަސްމުށިތައް ބޭރަށް ނެރި ޖާގަ ހަދައިދީފަ ހުއްޓެވެ. ވާރޭ ވެހޭއިރު ޓެރެސްގެ ބޭރުގައި ނުތިބެވޭނެކަން އެނގޭތީއެވެ. މާޔަލްގެ އުފަންދުވަހުގެ ޙަފުލާ ބާއްވަން ހަމަޖެހިފައި އޮތީ އެ ގޭގައެވެ. ގެއިން ބޭރުގައި ބާއްވަން މަޒްހަރު އެއްބަސްނުވީއެވެ. މާޔަލްގެ ހާލު މުޅީން ހަމައަކަށް ނޭޅޭތީއެވެ.
ގޭތެރެ ޒީނަތްތެރި ކުރުމުގައި މަލަކްއާއި މައިރާއާއެކު އުޅުނީ މަންމައެވެ. މާޔަލް ކޮޓަރިން ނުކުތަކަ ނުދިނެވެ. އޭނާގެ ކަމަކަށްވީ ކޮޓަރިތެރޭގައި އޭނާ ގެނައި ފިނިފެންމާތައް އެލުވުމެވެ. އެގޮތަށް ހިއްކާފައި ހުރި މާތައް އެ ކޮޓަރީގެ އެކި ދިމާލުން ފެންނަން ހުއްޓެވެ.

އިވާން އަންނަން ވާއިރަށް މާޔަލް ތައްޔާރުވިއެވެ. ކަށިމައްޗަށްވުރެ ތިރިއަށް ހުރި ހުދުކުލައިގެ ކުރުތާއާ ގުޅުވާލީ ފައިކުރި ފުޅާ މަޑު ރީނދޫކުލައިގެ ހަރުވާޅެކެވެ. އިސްތަށިގަނޑު އަޔަށްކޮށްލާފައި ހުރުމުން ކުރީން ހުރި ރާޅުބާނިކަން ވަނީ ފިލާފައެވެ. ހަރުވާޅުގެ ކުލައާ ކަންފަތު މުދި ގުޅުވާލިއެވެ. އަތްދަބަސްތައް ހުރި ވަތްގަނޑުތަކުން އޭނާ ޚިޔާރުކުރީ ހުދުކުލައިގެ ކުޑަކުޑަ ކްލަޗްއެކެވެ. އޭނާ ފެންނަނީ ވަރަށް އާދައިގެކޮށެވެ. އިވާންގެ ޢާއިލާގެ ގާތަށް ދާއިރު އެހާ ހެދިގެން ދާން މާޔަލް ބޭނުންނުވީއެވެ. އަނެއްކޮޅުން އިވާންއާއެކު އޭނާ ބޭރަށް އެ ނިކުންނަނީ ވަރަށް ދުވަސްފަހުންނެވެ.

"މަންމާ. އަންނާނަން އިރުއޮއްސެންވާއިރަށް. ކޭކު ގެންނަން ވެސް ޖެހޭނެ." މައިރާ ބުންޏެވެ.

"ރަޒާ އައީތަ؟. އޭނާ ކައިރީ ބުނޭ ސައިބޮއެގެންދާން އަންނާށޭ." އާމާލް ބުންޏެވެ.

"ވާއޮ!... ކުޑޫ ރީތިކަން." މަލަކްގެ އަޑަށް މައިރާއާއި އާމާލް ބަލާލިއެވެ.

"މާޝާﷲ..." ނިކަން ހިނިއައިސްފަ އާމާލް ބުނެލިއެވެ.

"ތޭންކްސް... މަންމާ! އިވާން އެބާދޭ. އެގެއިން ސައިބޯނީ. ދޮންތި ވެސް ދާންތަ ތިއުޅެނީ." މާޔަލް ފައިވަން ހަރުގަނޑާ ދިމާއަށް ދިޔައެވެ.

"އާން. ތައްޔާރުވާންޖެހޭނެއެއްނު." މައިރާ ބުންޏެވެ.

އިވާން އައިސްގެން މާޔަލް ތިރިއަށް ފޭބީއެވެ. ރަޒާއާއި މައިރާ ވެސް އާމާލްމެން ބައިން ސައިބޮއެގެން ގެއަށް ދާން ނުކުތެވެ. މަޒްހަރަށް ގެއަށް އާދެވުނީ އެކުދީން ދިޔަފަހުންނެވެ.

* * * * *

"ރަޒާ ފާޚާނާއަށް ވަދޭ. އަހަރެން އަންނާނަން ކޭކު ރެޑީކޮށްލާފަ." ކޮޓަރިއަށް ވަން ރަޒާގެ އަތަށް އަތްދަބަސް ދިއްކޮށްލަމުން މައިރާ ބުންޏެވެ.

"އަންނައްޗޭ އަވަހަށް. ދިއުމުގެ ކުރީން ޓައިމްކޮޅެއް އަހަރެން ބޭނުން." އެއްލޯ މަރާލަމުން ރަޒާ ބުންޏެވެ. މައިރާ ޖަހާލީ ހިނިގަނޑެކެވެ. ފިރިމީހާގެ ބަހުރުވަ ތަރުޖަމާކުރާން އޭނާއަށް އެނގުނެވެ. ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރެ މައިރާ އައިސް ބަދިގެއަށް ވަނެވެ. އަވަން ކައިރީ ބަހައްޓާފައި ހުރި ކޭކުޓްރޭ ހުރީ އޭނާ މަތިޖެހި ގޮތަށެވެ.

"ނޯ!..." މަތި ހިއްލާލުމާއެކު މައިރާއަށް ބުނެވުނެވެ. އޭނާއަށް ވަގުތުން ގޭތެރެއަށް ބަލާލެވުނެވެ. ރަޒާމެންގޭ އެންމެ ހަގު ކުއްޖާ ރީނާ ސޯފާގައި އިނެވެ. މަތިގަނޑު އެއްފަރާތުގައި ބާއްވާފައި ބަދިގެއިން މައިރާ ނުކުތެވެ. (ނުނިމޭ)