މީރާ

ބިމު ކުލި ނުދައްކާ 12 ރިސޯޓެއްގެ ނަން މީރާއިން އާއްމުކޮށްފި

May 24, 2022
6

ޓޫރިޒަމް ބިމު ކުލި ނުރައްކާ 12 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއްގެ ނަން މީރާ އިން އާއްމުކޮށްފަ އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމު ކުރަން މީރާ އިން އެކުލަވާލާފައިވާ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައި އާއްމުކުރި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ. މިގޮތުން ދައުލަތަށް ލިބެން ޖެހޭ މި ފައިސާއަކީ މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ދައްކަން ޖެހި އެ ފަރާތްތަކުން ނުދައްކާހުރި ފައިސާ އެވެ.

ކުލި ނުދައްކާ 12 ރިސޯޓް

  • ތްރީއޭ ކުންފުނީގެ ފިލިތެޔޮ
  • އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
  • އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
  • ރީކޯ މޫސަގެ ރަހާ ރިސޯޓް
  • ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
  • ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
  • އައްޑޫ ސައުތު ޕާމް މޯލްޑިވްސް
  • ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
  • ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
  • ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

ކުލި ނުދައްކާ ދަނޑުވެރި ރަށްތައް

  • މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީގެ ށ. އެރިޔަދޫ
  • އޯޝަން ކުއާޓިއާ ޕްރޮޕަޓީސްގެ ޅ. ގާއެރިފަރު
  • ސީނު މޯލްޑިވްސްގެ ށ. މެދުކުނބުރުދޫ
  • މުހައްމަދު ވަހީދު، ށ. މަޑިދޫ

މީރާގެ ސްޕޯކްސް ޕާސަން އަހުމަދު ޝަރީފު އަވަސް އަށް ވިދާޅުވީ ފުރަތަމަ އާއްމު ކުރަން ފެށީ ނޮން ޓެކްސްގެ ބައި ކަމަށާ އޭގެ ފަހުން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ބައިވެސް އާއްމު ކުރާނެ ކަމަށެވެ. އަދި މި ފަހަރު އާއްމު ކުރި ފަރާތް ތަކަކީ 100،000ރ. އަށްވުރެ ގިނަ އިން ފައިސާ ދައްކަން ޖެހޭ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލުގެ ދަށުން ފުރަތަމަ ބޯޑުގައި 15 ދުވަސް ވަންދެން އާއްމު ކުރާނެ. އޭގެ ފަހުން ގެޒެޓުކޮށް އަދި މާސް މީޑިއާގައި ވެސް އާއްމު ކުރާނެ،" ޝަރީފު ވިދާޅުވި އެވެ.

ބިމު ކުލި ނުދައްކާ ރަށްތަކުގެ ތެރޭގައި އެންމެ ގިނައީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ރަށްތަކެވެ.

ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ނުދައްކަހުރިކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓުގައި ބުނެފައިވެ އެވެ. މިގޮތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް ލަފާ ދީފައިވެ އެވެ.