ބޮލީވުޑް

ބޮޑާވެ ގަތުމުން މާދުރީއަށް މަލާމަތް

ބޮލީވުޑް ބަތަލާ މާދުރީ ޑިކްޝިޓް އަކީ އެތައް މިލިއަން ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ އެކެވެ. އެންމެ ފޭވަރިޓް ބަތަލާއަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ މިހާރުވެސް ގިނަ ބަޔަކު ބުނާނީ މާދުރީ ކަމަށެވެ. ގިނަ ބަޔެއްގެ ފޭވަރިޓަކަށް މާދުރީ ވެފައިވަނީ އޭނާ ފިލްމުތަކުގައި ކުލެފައިވާ ރޯލުތައް މޮޅުވުމާއި މޫނުމައްޗަށް ގެންނަ ހަރަކާތްތައް ފުރިހަމަކަމުންނެވެ. އަދި ފަރި ނެށުމުގެ ސަބަބުންނެވެ.

ފިލްމުތަކުންނާއި އޭނާ ބައިވެރިވާ ޓީވީ ޝޯ ތަކުން އަބަދުވެސް މާދުރީ ފެންނަނީ ވަރަށް އުފާވެރި، މަޖާ، ހިތްހެޔޮ މީހެއްގެ ގޮތުގަ އެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ މީހުންނާ ގުޅޭ ބަތަލާއެއްގެ ގޮތުގަ އެވެ.

ނަމަވެސް ދާދިފަހުން ފޭނަކާ ދޭތެރޭ މާދުރީ ކަންތައް ކުރިގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔަކު މިހާރު ދަނީ އޭނާއަށް ވަރަށް މަލާމާތް ކޮށް ފާޑުފާޑުގެ އެއްޗެތި ކިޔަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު މާދުރީ އާއި އޭނާގެ ފިރިމީހާ ޝްރީރާމް ނޭނޭ ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ފެންނަ މި ވީޑިއޯގައި ރެސްޓޯރަންޓް ބޭރުގައި ތިބި ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީ އެމީހުން ބުނި ގޮތްގޮތަށް ފޮޓޯނަގަން މަދުރީ ހުއްޓި ހުންނަ ތަން ފެނެ އެވެ. ނަމަވެސް އެތާ ކައިރީގައި ހުރި އަންހެންކުއްޖަކު ވަރަށް ލޯތްބާއެކު މާދުރީ ކައިރީގައި އޭނާއާއެކު ސެލްފީއެއް ނަގަން އެދުމުން މާދުރީ ވަރަށް ބޮޑާކަމާއި ކިބުރުވެރި ކަމާއެކު އެ ކުއްޖާއަށް "އާނ އާނ" އޭ ކިޔާފައި ޖަވާބު ދޭ މަންޒަރު ވީޑިއޯގައި ފެނެ އެވެ. އަދި އެ ކުއްޖާއާ ދިމާލަށް ބަލާވެސް ނުލާ އޭނާ ގޮސް ކާރަށް އަރައިގެން ދާ މަންޒަރު ވެސް ފެނެ އެވެ.

މިހާރު ފޮހެލާފައިވާ މި ވީޑިއޯ އަދިވެސް ބައެއް އޮންލައިން ނޫސްތަކުގައި ޝެއާ ކުރަމުންދާއިރު ވީޑިއޯއަށް ކޮމެންޓުކުރި މީހުން ވަނީ މާދުރީގެ ބޮޑާ ކަމާއި ކިބުރުވެރިކަމަށް ވަރަށް ބޮޑަށް މަލާމާތް ކޮށްފަ އެވެ.

ކޮމެންޓުކުރި އެކަކު ބުނި ގޮތުގައި މާދުރީ މެން ކަހަލަ މީހުންނަށް އެ ލިބިފައިވާ މަޝްހޫރުކަމާއި މަގްބޫލުކަން ލިބުނީ ފޭނުންގެ ސަބަބުން ކަން ބައެއް ފަހަރު އެމީހުން ހަނދާނެއް ނުހުރެ އެވެ. އެހެން މީހަކު ބުނީ ރިއަލިޓީ ޝޯތަކުގައި މާ ހިތްހެޔޮ ރަނގަޅު މީހަކަށް ހެދިގެން އުޅުނަސް ހަގީގީ ސިފަ އަދި ކިރިޔާ މި ފެނުނީ ކަމަށެވެ.