ބޮލީވުޑް ބަތަލާ ތާރާ ސުތާރިއާ އާއި އެކްޓަރު އާދާރް ޖެއިންގެ ގުޅުން ކެނޑިއްޖެ އެވެ. މި ދެ އެކްޓަރުން ވަކިވެފައި މިވަނީ އަހަރަކަށް ވުރެ މާ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހުގަ އެވެ.
އާދާރް އަކީ ކަޕޫރު އާއިލާގެ މީހެކެވެ. ކަރީނާ އާއި ރަންބީރު ކަޕޫރު އަދި ކަރިޝްމާ އާ ދެބެންގެ ދެދަރި މީހެކެވެ. މި ދެ ތަރިން ރުޅިވީ ޚަބަރާއެކު އެމީހުންގެ ފޭނުން ވަނީ ސޯޝަލް މީޑީއާގައި ވަރަށް ހިތާމަ ފާޅުކޮށްފަ އެވެ.
މި ދެ އެކްޓަރުންގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ތާރާ އާއި އާދާރް ވަކިވާން ނިންމީ ދެ މީހުން މާ ބިޒީ ޝެޑިއުލްތަކެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި އުޅެން ޖެހުމުން އެކަކު އަނެކަކަށް ވަގުތު ނުދެވޭތީ އެވެ. ދުރުގައި އުޅެން ޖެހުނަސް މި މީހުންގެ ގުޅުން ދެމެހެއްޓޭތޯ ދެ މީހުން ވަރަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވެ ވަކިވީ ކަމަށް ވެއެވެ.
ބޮލީވުޑް ހަންގާމާއަށް ތާރާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ އާއި އާދާރް މިހާރު ތިބީ ވަރަށް ހިތްހަމަޖެހޭ ހާލަތެއްގަ އެވެ.
"އަހަރެމެން ދެ މީހުންނަކީ ވަކި ވަކި ފަރުދުންނަށްވެފައި އަހަރެމެން ޕްރޮފެޝަނަލް ކެރިއަރު ކުރިއަރުވަން މިހާރު އަހަރެމެންނަށް ވެވުނުހާ މަސައްކަތެއް ކުރަމުން މިދަނީ،" ތާރާ ބުނެފައި ވެއެވެ.
ތާރާ އާއި އާދާރްގެ ގުޅުން އެމީހުން ރަސްމީކޮށް ސޯޝަލް މީޑީއާގައި އިއުލާން ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ދެ މީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައި ނަގާފައި ހުންނަ ރޮމެންޓިކް ފޮޓޯތައް އަބަދުވެސް ޝެއާ ކުރަމުން ގެންގޮސްފައި ވެއެވެ.
ތާރާ ބޮލީވުޑަށް ނުކުތީ 2019ގައި ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. އަދި ތާރާ މިހާރު ކުޅެމުންދާ އެއް ފިލްމަކީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އާހާން ޝެޓީ އާއެކު ކުޅޭ "ތަޅަޕް" އެވެ.
އަނެއްކޮޅުން އާދާރް އެންމެ ފަހުން ފެނިފައިވަނީ 2019ގައި ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ. އަދި އޭގެ ފަހުން އެއްވެސް ފްރޮޖެކްޓް އާދާރް އިއުލާން ކޮށްފައެއް ނުވެ އެވެ.