ބޮލީވުޑް

ތަޅުންގަނޑުގައި ނިދި ހަނދާން މިތުން ޗަކްރަބަތީ އާކޮށްފި

މިތުން ޗަކްރަބަތީ އަކީ ބޮލީވުޑްގައި އުފެދުނު ސުޕަސްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. މިތުންގެ ރަން ޒަމާން ކަމަށްވާ 80ގެ އަހަރުތަކުގައި އޭނާގެ ފިލްމުތައް ބެލުމަށް މީހުން މޮޔަވާ ދަރަޖައަށް ދުއްވާލާފައި ވެއެވެ. ނަމަވެސް މިތުންގެ ފިލްމީ ދަތުރު ފެށިގެން އައީ އެހާ އޮމާންކޮށެއް ނޫނެވެ.

އެކްޓްކުރަން ފަށައިގަތް ދުވަސްވަރުގެ ހަނދާންތައް އާކުރަމުން މިތުން ދާދިފަހުން ދިން އިންޓަވިއު އެއްގައި ކިޔައިދިން ގޮތުގައި މުމްބައިގެ ބިލްޑިންގެއްގައި އޭނާ އޭރު ދިރިއުޅެމުންދިޔައީ 75 ރުޕީސް އަށެވެ. އޭރު ނިދަނީ ވެސް ތަޅުންގަނޑުގަ އެވެ.

"އަހަރެންގެ ފިލްމީ ދަތުރަކީ މަލުގެ ދާނެއް ނޫން. އަހަރެންގެ ދަތުރުގައި ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިވި. އަހަރެންނަށް ކެރިއަރުގައި އެރުނު އެންމެ އުހަށް އެރުނީ ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިލައި ވަރަށް ގަދަފަދަ ހަނގުރާމަކޮށްގެން. ފިލްމު އިންޑަސްޓްރީން ދުވަހަކުވެސް ބަލި ގަބޫލުކުރާ މީހުން ހަނދާނެއް ނުކުރާނެ. އެމީހުން ހަނދާންކުރާނީ ކިތަންމެ ދަތި އުނދަގުލަކާ އެކު ވެސް ކާމިޔާބު ހޯދާ މީހުން،" މިތުން ބުންޏެވެ.

މިތުން ބުނި ގޮތުގައި އޭނާ މުމްބައި އަށް ހިޖުރަކުރީ ކޮންމެހެން އެކްޓަރަކަށް ވާން ބޭނުންވެގެނެއް ނޫނެވެ. އެހެންވެ 45 ވަރަކަށް ދުވަސް ހަދާނެ ގޮތެއް ނޭނގިގެން ވާނުވާގައި އުޅެން ޖެހުނެވެ. ބިލްޑިންގްއެއްގެ ތަޅުންގަނޑުގައި 75 ރުޕީސް ދީގެން ނިދާލައިގެން ޖިމްޚާނާގެ މެމްބަރަކަށް ވެގެން ދިރިއުޅެމުންދިޔަ ކަމަށް މިތުން ބުންޏެވެ. ޖިމްޚާނާގެ މެމްބަރަކަށް އެއީ ފެންވަރާ ހަދަން އޮތް އެންމެ އަގުހެޔޮކޮށް ކަމަށް ފެނިގެން ކަމަށް ވެސް މިތުން ކިޔައިދިނެވެ.

އެހެން އުޅެނިކޮށް ފިލްމު ކުޅުމުގެ ފުރުސަތު މިތުން އަށް ލިބެން ފެށުމުން އެކަމައިގެން ކުރިޔަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

މިތުން ބޮލީވުޑަށް ތައާރަފްވީ 1976ގައި ރިލީޒްކުރި "މިރިގްޔާ" އިންނެވެ. މި ފިލްމުން އޭނާއަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ. މިތުންގެ ބްލޮކްބަސްޓާ ފިލްމުތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ"، "ސުރަކްޝާ"، "ސާހަސް" އަދި "ޑާންސް ޑާންސް" ފަދަ ފިލްމުތައް ހިމެނެ އެވެ.