ދުނިޔެ

ޗައިނާއިން ވިޔަފާރިއަށް ލުއިދިނުމަށް އޮސްޓްރޭލިއާ އެދިއްޖެ

އޮސްޓްރޭލިއާގެ އާ ސަރުކާރާއެކު ޗައިނާއިން ގުޅުން ބަދަހި ކުރަން އެދޭކަން ނުސީދާކޮށް ހާމަކޮށްފި އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަގާމަށް އެންތަނީ އަލްބަނީޒް ހޮވިވަޑައިގަތުމާ ދިމާކޮށް ޗައިނާއިން ވަނީ މަރުހަބާ ދަންނަފައި ސިޓީއެއް ފޮނުވާފަ އެވެ.

ޗައިނާއަށް ޝުކުރު އަދާކޮށް އޮސްޓްރޭލިއާއިން ފޮނުވި ސިޓިގައި ވިޔަފާރިއަށް ލުއި ދިނުމަށް އެ ގައުމުން ވަނީ އެދިފަ އެވެ.

ޗައިނާއިން އިގުތިސޯދީ ގޮތުން އޮސްޓްރިލިއާއަށް އަޅާފައި ހުރި ދަތިކުރުންތައް އުވާލުމަކީ ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލު އަންނާނެ ކަމެއް ކަމަށް ވެސް އޮސްޓްރޭލިއާއިން ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ވެރިކަމުގައި ޗައިނާއާއެކު އޮތީ ވަރަށް ބޮޑަށް އަރާރުން އުފެދިފަ އެވެ.

އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވީދައިގެން ދިޔައީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ވާން ކުރުމުގައި އޮސްޓްރޭލިއާ ބައިވެރިވެ ކޫސަނި ވާހަތައް ދައްކަން ފެށުމުންނެވެ.

އޮސްޓްރޭލިއާ އާއެކު ގުޅުން ބަދަހި ކުރާނެ ކަމުގެ ނިޝާންތަކެއް ޗައިނާއިން ވެސް ވަނީ ދައްކާފަ އެވެ. ޗައިނާއިން ބުނީ ގުޅުން ބަދަހި ކުރަން ތައްޔާރު ކަމަސާއި މަޝްވަރާތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އެންތަނީ އަލްބަނީޒް ވިދާޅުވި ގޮތުގައި ޗައިނާއިން އޮސްޓްރޭލިއާއަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ. އޮސްޓްރޭލިއާއިން މީގެ ކުރިން ޗައިނާއަށް އިންޕޯޓްކުރި ހުރިހާ ބާވަތަކަށް ހުއްދަ ދިނުމަށް ވެސް ބޮޑުވަޒީރު ވަނި އެދިވަޑައިގެންފަ އެވެ.

އަލްބަނީޒް ވިދާޅުވި ގޮތުގައި ޗައިނާގެ ފިއްތުތަކާ ހެދި އޮސްޓްރޭލިއާއަށް ވަރަށް ބޮޑަށް ގެއްލުން ވެއެވެ. ތަކެތިގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ފެންވަރު ދަށްވުމަކީ ވެސް މިހާރުން މިހާރަށް ހައްލަކަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް ބޮޑުވަޒިރު ވިދާޅުވި އެވެ.