ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މައްސަލަ: ހުށަހެޅުންތައް ބަލައި ނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވަކޮށްފައިވާ ވ. އާރަށު މައްސަލައިގައި ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެދުވަހު ގާޒީ ވިދާޅުވެފައި ވަނީ ގާނޫނު މާނަކުރާ ހަމަތަކުގެ މަތިން މުއްދަތު ގުނުމަށް ފަހު ހުށަހެޅުންތައް ހުށަހެޅުމަށެވެ.

އެކަމަކު މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ހުށަހެޅުންތައް ބަލައި ނުގަންނަން ގާޒީ ނިންމި އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތް ފެށުމެވެ. ޝަރީއަތް ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން އިއްވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޝަރީއަތްތައް ލައިވްކުރުމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގެ ޝަރީއަތް ފެށިގެންދާއިރު އަޑުއެހުންތައް ލައިވްކުރެވޭނެ ކަމަށެވެ.