މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފިޔަވަތީގައި ތިބި ނުވަ ކުދިން މަނަދޫއަށް ބަދަލުކޮށްފި

May 26, 2022

ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ފިޔަވަތީގައި ތިބި ކުދިންތަކެއް ނ. މަނަދޫގައި ހުޅުވި އަމާންވެއްޓަށް ބަދަލުކޮށްފި އެވެ.

މަނަދޫގެ އަމާންވެއްޓަކީ 10 ކުދިންގެ ޖާގައިގެ މަރުކަޒެކެވެ. އެކަމަކު ޖެންޑާ މިނިސްޓްރީން އެ މަރުކަޒަށް ބަދަލުކުރީ ނުވަ ކުދިންނެވެ.

މިކުދިން އަމާން ވެއްޓަށް ބަދަލުކުރި ވަކި ދުވަހެއް މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް މަނަދޫ އަށް ބަދަލުކުރީ މުޅިންވެސް އަންހެން ކުދިން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާންވެށިތަކަށް ފިޔަވަތީގައި ތިބޭ ކުދިން ބަދަލުކުރަމުން ދަނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން އެ ކުދިން ހެދިބޮޑުވުމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

އަތޮޅު ތަކުގައި ކުދިން ބެލެހެއްޓުމަށް އަމާންވެށީގެ ނަމުގައި ރާއްޖޭގެ 11 ރަށެއްގައި ސަރުކާރުން ވަނީ މަރުކަޒުތައް ގާއިމުކޮށްފަ އެވެ.