( 24 މެއި 2022 އާ ގުޅޭ )
އެއްލޯ މަރާލަމުން ރަޒާ ބުންޏެވެ. މައިރާ ޖަހާލީ ހިނިގަނޑެކެވެ. ފިރިމީހާގެ ބަހުރުވަ ތަރުޖަމާކުރާން އޭނާއަށް އެނގުނެވެ. ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރެ މައިރާ އައިސް ބަދިގެއަށް ވަނެވެ. އަވަން ކައިރީ ބަހައްޓާފައި ހުރި ކޭކުޓްރޭ ހުރީ އޭނާ މަތިޖެހި ގޮތަށެވެ.
"ނޯ!..." މަތި ހިއްލާލުމާއެކު މައިރާއަށް ބުނެވުނެވެ. އޭނާއަށް ވަގުތުން ގޭތެރެއަށް ބަލާލެވުނެވެ. ރަޒާމެންގޭ އެންމެ ހަގު ކުއްޖާ ރީނާ ސޯފާގައި އިނެވެ. މަތިގަނޑު އެއްފަރާތުގައި ބާއްވާފައި ބަދިގެއިން މައިރާ ނުކުތެވެ.
"އަވަން ކައިރީ ހުރި ކޭކުގަ އަތްލިންތަ؟" މައިރާ އަހާލިއެވެ. ރީނާ ވަގުތުން ބޯހޫރާލީއެވެ.
މައިރާ އައިސް އިރުފާގެ ކޮޓަރީގަ ޓަކިދޭން އުޅުނެވެ. ފަސްޖެހުނީ ކޮޓަރި ތެރެއިން ޒުވާބުކުރާ އަޑު އިވިގެންނެވެ. އޭނާ ދެން ގޮސް ޓަކި ދިނީ ލިޔުޝާގެ ކޮޓަރީގައެވެ.
"ހުޅުވާފަ." ލިޔުޝާ ގޮވާލި އަޑު އިވުނެވެ.
"ކަމަކުތަ؟" މައިރާ ވަނުމާއެކު ލިޔުޝާ އަހާލިއެވެ.
"ދޮންބެދައްތަ އެކަހަލަ ކަމެއް ނުކުރާނެކަން އެނގޭ. އެހެންވެ ދޮންބެދައްތަ އަތްލިންތޯ ނާހާނަން. ދުށީންތަ އަހަރެން އެޅި ކޭކު." މައިރާގެ މޫނުވަނީ އެއްކޮށް މިލާފައެވެ.
"ކޭކަށް ކިހިނެއްވީ؟" ލިޔުޝާގެ މޫނުން ހައިރާންކަން ފާޅުވިއެވެ. ހަމައެއާއެކު ކަމެއްވެއްޖެކަމުގެ ކަންބޮޑުވުމުގެ އަސަރު އެ މޫނަށް ވެރިވެއްޖެއެވެ. ދަރިފުޅު ގޮވައިގެން އެނދުގައި އިން ލިޔުޝާ އަވަހަށް އެނދުން ފައިބައިފިއެވެ.
"ކުރީންފަހަރު ވީގޮތަށް." މައިރާއަށް ބުނެވުނެވެ. އޭނާއަށް ރޮވެން އުޅުނެވެ. އަލުން ކޭކެއް އަޅައި ތައްޔާރުކުރާނެހާ ވަގުތެއް ނެތެވެ. އެއީ ރޭގަ ހޭލާހުރެގެން އޭނާ ކުރި މަސައްކަތެވެ. ހަލުވިފިޔަވަޅުގައި މައިރާ އެތަނުން ދިޔައީއެވެ.
"ނިމުނީތަ؟ ހާދައަވަސްކޮށްލީ..." ކޮޓަރިއަށް ކުއްލިއަކަށް ވަން މައިރާ ފެނުމުން ރަޒާ އަޖައިބުވިއެވެ. އޭނާއަށް އަދި ރަނގަޅަށް އޮފީސް ހެދުން ވެސް ނުބޭލެއެވެ. ދޮރުލައްޕާލުމާއެކު ފާރުގައި މައިރާ ލައްވެލިގޮތް ފެނި ރަޒާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ.
"ކިހިނެއްވީ؟." މައިރާގެ ގާތުގައި އައިސް ހުއްޓިލުމާއެކު ރަޒާ އެހީ ނިކަން ސީރިއަސްކޮށެވެ.
"ކޭ..ކު...." ކަރުނަތައް ދިރުވާލަން މައިރާ މަސައްކަތް ކުރިއެވެ. އެކަމަކު އެއްޗެކޭ ބުނެވޭވަރަށްވުރެ އޭނާ މިވަގުތު ހުރީ މާބޮޑަށް ދެރަވެފައެވެ. އިސްއޮބާލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނަފްސު ހަމައަކަށް އެޅޭތޯ ބެލިއެވެ. ރޯކަށް ބޭނުމެއްނޫނެވެ.
"ކޭކަށް ކިހިނެއްވީ؟." ރަޒާ އަހާލިއެވެ. ނަމަވެސް މައިރާއަށް އެއްޗެކޭ ނުބުނެވުނެވެ. އެއްޗެކޭ ބުނަންވާއިރަށް ރޮވިދާނޭތީ އޭނާ ހިމޭނުން ހުރީއެވެ. ރަޒާ ކޮޓަރިން ނުކުންނަން އުޅުނު ހިނދު އޭނާގެ އަތުގައި މައިރާ ހިފެހެއްޓިއެވެ.
"ހިނގާބަލަ." ރަޒާ ބުންޏެވެ.
"އެ ދެން ބޭނުމެއްނުކުރެވޭނެ." މައިރާ މަޑުމަޑުން ބުނެލިއެވެ.
"ކީއްވެ." ކޭކު ބޭނުންނުކުރެވެންވީ ސަބަބެއް ރަޒާއަކަށް ނުވިސްނުނެވެ.
މައިރާ ހިފަހައްޓަނިކޮށް ވެސް ރަޒާ ކޮޓަރިން ނުކުމެއްޖެއެވެ. ހަލުވިކޮށް އައިސް ސިޓިންރޫމާ ގުޅިފައި ހުންނަ ބަދިގެއަށް އޭނާ ވަނެވެ. ކޭކު ޓްރޭ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ހިތްހަމަނުޖެހިގެން އޭނާއަށް ދަތްކުނޑިވިކާލެވުނެވެ.
"މަންމާ!... ދޮންބެދައްތާ! ތިއްތާ!... އެންމެން ނުކުމޭ." ރަޒާ ހަޅޭލަވައިގަތެވެ.
"ރަޒާ." މައިރާ ފިރިމީހާއަށް ގޮވާލީ އެހެން ނުހަދާށޭ ބުނާފަދައިންނެވެ.
ސޯފާގައި އިން ރީނާ ވެސް ވަގުތުން ކޮޅަށް ތެދުވިއެވެ. ކުޑަބެގެ ހަޅޭކުން އޭނާ ވެސް ޖެހިލުންވީއެވެ. ރަޒާގެ އަތުގައި މައިރާ ހިފައި ދަމާލިއެވެ. ކޮޓަރިއަށް ހިނގާށޭ ބުނާ ފަދައިންނެވެ.
"ކޮންހަޅޭކެއް." ކޮޓަރިން ނުކުތް އިރުފާ ބުންޏެވެ. ރަޒާ ދައްކާ ވަގުތުން ކަނާއަތް ހިއްލާލުމާއެކު ދައްކާލީ ކޭކެވެ. އޭރު އެތަނަށް ލިޔުޝާ ވެސް އަތުވެއްޖެއެވެ.
"މައި ތަނަކަށް ގެންދަންވެގެން އަޅާފަ ހުރި ކޭކެއްކަން ނޭނގޭތަ." ހަރުކަށިކަމާއެކު ރަޒާ ބުންޏެވެ.
"އަހަންނެއް އަތެއްނުލަން. ތި ތިތާ ހުރިކަން ވެސް މިއެނގުނީ އަދިކިރިޔާ." ރީނާ ބުންޏެވެ.
"ކޮބާ މަންމަ." ރަޒާ އެއްސެވެ.
"ޑްރައިވިން ކުލާހަށޭ ބުނީ." އިރުފާ ބުންޏެވެ. ރަޒާއަށް ދަތްކުނޑިވިކާލެވުނެވެ.
"މަންމަ ނޫނީ މިގޭ އަހާލުމެއްނެތި އެއްޗެހީގެ ބޭނުންކުރާ މީހަކު ނޫޅޭނެ. ތިވެސް ވާނީ މަންމަ ކުރި ކަމަކަށް." އެންމެންގެ ފަހަތުން އިރުފާގެ ފިރިމީހާ ނަދީމުގެ އަޑު އިވުނެވެ. އޭނާ ވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ.
"ކަމެއްވާއިރަށް މަގޭ މަންމަގެ ބޮލުގަ އަޅުވަންޖެހޭތަ." އިރުފާއަށް ހަޅޭލަވައިގަނެވުނެވެ. ރަޒާ އެންމެންނަށް ނުކުންނާށޭ ގޮވާލުމުގެ ކުރީން އިރުފާއާއި ނަދީމުގެ ދެމެދުގައި ވެސް ޒުވާބު ކުރެވެމުންދިޔައީ އިނާޔާއާ ގުޅިގެންނެވެ. މަންމަގެ ގޮތް އިރުފާއަށް ވެސް އެނގެއެވެ. އެހެންވިޔަސް މަންމަ ދިފާއުކުރެވެނީ އިޚްތިޔާރަކާނުލައެވެ.
"ރަޒާ...ޕްލީޒް..." ފިރިމީހާގެ އަތަށް އަނެއްކާވެސް މައިރާ ދަމާލިއެވެ.
ރަޒާގެ ނަޒަރު އަނެއްކާވެސް ކޭކަށް ހުއްޓުނެވެ. ކޭކު ފަޅައިގެން އެއިން ބޮޑުބައެއް ހުރީ ނަގާފައެވެ. އަދި އެންމެ ދިމާއަކުން އެތިކޮޅެއް ނަގާފައެއް ނޫނެވެ. ދެ ފަރާތުން އެއްވެސް ތަރުތީބެއް ނެތް ގޮތަކަށް ނަގާފައެވެ. ދަތްތަކަށް ބާރުކޮށްލެވުނީ މައިރާ ދެރަވާނޭވަރު އެނގޭތީއެވެ. މީ އެފަދަ ކަމެއް މެދުވެރިވި ފުރަތަމަ ފަހަރެއްނޫނެވެ. ކުރީން ވެސް މައިރާ އޯޑަރަށް ތައްޔާރުކޮށްފައި ހުރި ކޭކެއް ވަނީ ފަޅައިފައެވެ. އެފަހަރު ވެސް އެކަން ކުރީ ހުރިހާ ކުދީންގެ މަންމައެވެ.
"އެ ދެން އެހެރީ ވާނެއެއްޗެއް ވެފައެއްނު. ދެން އެންމެން ކައި." ރަޒާއަށް ބުނެވުނެވެ. އަދި ހަލުވިކޮށް އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. މައިރާ ވެސް އަވަސްއަވަހަށް އައިސް ރަޒާގެ ފަހަތުން ކޮޓަރިއަށް ވަނީއެވެ.
"ކޮންތާކުން އެންމެ އަވަހަށް ކޭކެއް ލިބޭނީ. އަހަންނަށްވުރެ ބޮޑަށް މިކަހަލަ ކަންކަން މައިއަށް އެނގޭނީ." ފޯނު ނެގި ގޮތަށް ރަޒާ ބުނެލިއެވެ. އޭނާ އިންސްޓަގްރާމް ހޯދަން ފެށިއެވެ. ކޭކު އަޅައިދޭ މީހެއް އަތުން ކޭކެއް ލިބިދާނޭކަމުގެ އުންމީދުގައެވެ. ފިރިމީހާގެ ހަރަކާތްތަކަށް ބަލަން ހުރެފައި މައިރާ އައިސް ރަޒާގެ ގައިގާ ބައްދާލައިފިއެވެ.
"އައި އޭމް ސޮރީ." މައިރާގެ ގައިގާ ހިފަހައްޓާލަމުން ރަޒާ މަޑުމަޑުން ބުނެލިއެވެ. ފިނި ނޭވާއެއް ދޫކޮށްލިއެވެ. އައިސްފަ ހުރި ރުޅި ފިލައިގެން ދިޔައިރު އޭނާ މިހާރު ހުރީ ދެރަވެފައެވެ. އަނބިމީހާ ގޮވައިގެން އައިސް އެނދުގެ ފައިލާކޮޅުގައި އިށީނެވެ.
* * * * *
ޝަހާ ދާން ބޭނުންނުވިޔަސް އެނބުރި ގެއަށްދާން މަޖުބޫރުވީއެވެ. އައިރިކް ހީވީ އޭނާ އެ ގެއަށް އައީތީ ވެސް އުނދަގޫވެގެން އުޅުނުހެންނެވެ. ދެ މީހުން ބައްދަލު އެވީ އެކަކުއަނެކަކާ ދިމާނުވާތާ ހަ މަސް ފަހުންނެވެ. ޝަހާ ދެރަވީ އައިރިކް އޭނާ އައީތީ ހޫނު މަރުޙަބާއެއް ނުކީމައެވެ. ލޯބިވެގެން ހަނދާންވާތީ އުޅުނީ ހަމައެކަނި ޝަހާއެވެ. އައިރިކް އެއްފަހަރު ވެސް ޝަހާ މަތިން ހަނދާންކުރިކަމެއް ނޭނގެއެވެ. ޔަގީނުން ވެސް ހަނދާންކުރިނަމަ އަސަރެއްނެތް ފިނި ބައްދަލުވުމަކަށް އެ ދެމީހުންގެ ބައްދަލުވުން ނުވީހޭ ޝަހާގެ ހިތާއި ޟަމީރު ބުނެއެވެ. ލޯބިން ދެތިން ބަސް ބުނެލީ ނަމަވެސް ޝަހާގެ ހިތަށް ފުދުނީހެވެ. އެކަމަކު އެފަދަ ލޯބިވެތިކަމެއް އައިރިކްގެ ފުށުން ފާޅެއްނުވިއެވެ. ނުވިތާކަށް މިހާރު އޭނާ އެ ވިސްނީ ކައިވެނި ކުރާން ވެވިފައި އޮތް އެއްބަސްވުން ވެސް އުވާލާށެވެ. ގެއަށް ވަދެގެން އައިގޮތަށް ޝަހާވަނީ ކޮޓަރިއަށެވެ.
"ހީވަނީތަ!... އަހަންނާ ހަމަ އިންނަން ޖެހޭނީ... އެކަކުވެސް ނާންނާނެ ތި ރީތިކަން ފެނިގެން. އަހަރެން ލޯބިވާތީ ޝުކުރެއްނު ކުރަންވީ. ކާކުތަ އުޅެނީ ލޮލަށް ނުފެންނަ މީހަކާ އިންނަ ހިތުން. ފަހަރެއްގަ ތި މުއްސަނދިކަން ބޭނުންވެގެން ކަލެއާ މީހަކު އިނދެދާނެ. އެކަމަކު ލޯބި... ދުވަހަކުވެސް ނުލިބޭނެ." އެނދުމައްޗަށް ވެއްޓިގަތުމާއެކު ޝަހާ ވާހަކަދައްކަން ފެށިއެވެ.
ސައުވީސް އަހަރުގެ ޝަހާއަކީ ޔޫނުސްއާއި ޒޭބާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ޝަހާގެ އުމުރުން ފަނަރަ އަހަރުގައި ޒޭބާ ދުނިޔެއާ ވަކިވެގެން ދިޔައީ ކެންސަރާއި ހަނގުރާމަކުރަމުން ދާތާ ހަތަރު އަހަރު ފަހުންނެވެ. ޒޭބާ ވަކިވެ ދިއުމުން ހުރި ހަމައެކަނި ދަރިފުޅުދެކެ ޔޫނުސް ވާ ލޯބި އިތުރުވިއެވެ. އެ ދަރިފުޅަށް ދުނިޔޭން ހުރިހާ އުފަލެއް ހާޞިލުވާން އެދޭ ބައްޕައަކަށް އޭނާ ވިއެވެ. ފައިސާއެއް އުފާވެރިކަން ގަނެދެވޭނަމަ ޔޫނުސް އެކަން މިހާރު ވެސް ކުރެއެވެ.
އިސާކްއާއި ޔޫނުސްއާ ދެމެދު އޮތް ވިޔަފާރީގެ ގާތްކަން ރަޙުމަތްތެރިކަމަށް ބަދަލުވީއެވެ. އިސާކްއާއި ޝަބްނަމްގެ ދޮށީ ފިރިހެން ދަރިފުޅަށް ޝަހާގެ ހިތް ދޫވެއްޖެކަން އެނގުނު ހިސާބުން ޔޫނުސްއަށް ހުރިހާކަމަކަށްވުރެ އެކުދީންގެ ކައިވެނި އޮތީ މުހިންމުވެފައެވެ. ކައިވެނީގެ ޚިޔާލު ހިފައިގެން އިސާކްއާއި ޝަބްނަމްގެ ގާތަށް އައީ ވެސް ޔޫނުސްއެވެ. ޝަހާގެ ކިޔެވުން ނިމުމުން ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅާނީ ކަމުގައި ދެ ޢާއިލާއިން ވެސް ވަނީ އެއްބަސްވެފައެވެ.
* * * * *
ނިތްކުރީގައި އައިތަންއަށް ކަނާއަތް ބާއްވާލެވުނެވެ. އޭނާގެ ދަމާލެވިފައި އޮތް ވައަތް މަތީ ބޯއަޅާލައިގެން ރިއާ އޮތެވެ. ދެމެދުގައި ހިނގައިދިޔަ ގުޅުމާމެދު އައިތަން ވިސްނާލިއެވެ. އެގޮތް އައިތަންއަށް ކަމުނުދިޔައީއެވެ. ރިއާގެ ބޯދަށުން އަތް ނެގުމާއެކު އައިތަން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ހިސާބަކަށް ހޫނުވެ ދާހިތްލާފައި ހުރުމުން ނިތްކުރިމަތި ފުހެލައި މަތިމަހާއި ތުނބުޅީގައި އަތް ހާކާލިއެވެ.
"ކީއްވެ ތެދުވީ؟." މެޔާ ދިމާލުން ރަޖާގަނޑުގައި ހިފަހައްޓާލައިގެން އޮވެ ކުރުއަތް މައްޗަށް ރިއާ ތެދުވެލިއެވެ.
"މީތަ ރިއާ ހުރިހާކަމެއް ހައްލުކުރަން ބޭނުންވާ ގޮތަކީ." އައިތަން ބުނެލިއެވެ.
"ބަޓް ޔޫ ލައިކް އިޓް. ދެން އިތުރަށް ފައިޓްކުރާކަށް ބޭނުމެއްނޫން. އައި ލަވް ޔޫ." ރިއާ ބުންޏެވެ.
"އައި ނީޑް ސްޕޭސް." އައިތަން ބުނެލިއެވެ. ވަގުތުން ރިއާގެ މޫނު މިލައިގެން ދިޔައެވެ.
"އަހަންނާއެކު ގެއަކަށް ނުދާނަންތަ؟" ރިއާ އަހާލިއެވެ.
"އަދި ދާކަށް ބޭނުމެއްނޫން." އައިތަން ބުންޏެވެ.
"އެހެންވީރު އަހަރެން ވެސް ނުދާނަން. މިގޭގަ ހުންނާނީ." ރިއާ ތެދުވެ އިށީނެވެ.
އައިތަން ވަގުތުން އެނދުން ފޭބީއެވެ. ތަޅުންމަތިން އޭނާގެ ހެދުންތައް ނަގައިގެން ގޮސް "ވޯކިންވާޑްރޮބް" ތެރެއިން ވަދެވެން ހުރި ފާޚާނާއަށް އޭނާ ވަނެވެ. ރިއާ ތުންފިއްތާލިއެވެ. އޭނާ ހީކުރީ ލޯބިކުރުމަށްފަހު އައިތަން ހަމަޖެހިދާނެކަމުގައެވެ. އެނބުރި އޭނާއާއެކު ގެއަށްދާން އައިތަން އެއްބަސްވާނޭ ކަމަށެވެ.
"އައިތަން..." އެނދުން ފައިބައިގެން އައިސް ފާޚާނާގެ ދޮރުގައި ރިއާ ޓަކިދެމުން ގޮވަންފެށިއެވެ. ނަމަވެސް އައިތަން ދޮރު ނުހުޅުވިތާ އަނގަޔަކުން ވެސް ނުބުނެއެވެ. އައިތަން ނުކުންނަން ދެން އޭނާ މަޑުކޮށްގެން ހުއްޓެވެ.
ފާޚާނާ ހުޅުވާލުމާއެކު ފިރިހެން ޝަވާޖެލް ވަސް މުޅިތަނުގައި ހިފާލިއެވެ. އުނަގަނޑުގައި ހުދު ތުވާއްޔެއް އަނދެލައިގެން ކޮނޑުމަތިން އެފަދަ ކުޑަ ތުވާއްޖެއް އަޅުވާލައިގެން ހުރެ އައިތަން ނުކުތެވެ.
"އައިތަން..." ރިއާ ގޮވާލިއެވެ.
"ފެންވަރަންޏާ ފެންވަރައިގެން ރެޑީވޭ ދާން." އަސަރެއްނެތި އައިތަން ބުންޏަސް ރިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބޭނުންވީގޮތް ވީއޭ ހީވީއެވެ. އޭނާއާއެކު އައިތަން އެނބުރި ގެއަށްދާން ގަބޫލުވީމައެވެ.
"ހެދުން ގެނެސްދީބަލަ." ހުޅުވާފައި ހުރި ފާޚާނާއަށް ވަންނަން އުޅެފައި ރިއާ ބުންޏެވެ. ކޮނޑުމަތީ އޮތް ކުޑަތުވާލިކޮޅުން އިސްތަށިގަނޑު ހިއްކަން ހުރި އައިތަން ކޮޓަރިތެރެއަށް ހިނގައިގަތެވެ. އެނދު ކައިރީ ހުރި ރިއާގެ އެއްޗެހި ބަލައެވެ.
"އިސާކް." ކޮޓަރިއަށް ފިރިމީހާ ވަންތަން ފެނުމުން ޝަބްނަމްގެ ތުންފަތް ދެމިލިއެވެ.
"ހީނލިޔަސް ޝައްބޫގެ މޫނުން އުފާވެރިކަމެއް ނުފެނޭ. އަހަރެމެންގެ ދަރީންގެ ސަބަބުންކަން އެނގޭ. ކިޔާދީބަލަ." އިސާކަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.
"ރިއާ އައިސް އެބައުޅޭ. އަހަރެން ވާހަކަދައްކާކަށް ގަބޫލެއްނުވި. މެންދުރުފަހު އައިގޮތަށް... އަދިވެސް އެބައުޅޭ. މިއަދު ޝަހާ ވެސް އަތުވެއްޖެ. ޔޫނުސް ބުނިތަ އެމަންޖެ އައިސްގެން އުޅޭ ވާހަކަ. ކިޔެވުން ނިމިއްޖެއޭ ބުނީ. އެހެންވީމަ ތާރީޚެއް ކަނޑައަޅަން އެބަޖެހޭ. ޝަހާ އައީމަ އައިރިކްގެ ޠަބީޢަތް ތަންކޮޅެއް ރަނގަޅުވެލިހެން ހީވޭ. އަހަރެން ހީކުރީ އެކުއްޖާއަށް ވެސް ވަރުގަނޑު ބާލާލާނޭ ކަމަށް. ނަސީބަކުން ރީތިކޮށް ވާހަކަދެއްކީ." ސިކުނޑިއަށް ބަރުކުރަމުން ދިޔަ އުދާސްގަނޑު ފިރިމީހާއާ ޝަބްނަމް ޚިއްޞާކުރިއެވެ.
"ދެމަފިރިންގެ އަމިއްލައަށް ހައްލުކުރާން އިހަށް ދޫކޮށްލާ. ޝައްބޫ އެއްޗެއް ބުނާކަށް މަށަކަށް ވެސް ނުފެނޭ. ދެން އައިރިކް... ކީކޭ އެކުއްޖާއާ މެދު އަހަރެން ބުނާނީ. އޭނާގެ ހާލު އެދަނީ ގޯސްވަމުން. ޔޫނުސް އަހަންނާ ބައްދަލުކުރި. މިއަދު އޮފީހަށް އޭނާ އައީ. ޝަހާ ގްރެޖުއޭޝަން ނިމި އިއްޔެ މާލެ އަތުވެއްޖެކަން އަހަރެން ކައިރީ ބުނި. ޝައްބޫ... ރިކްއަށް ކައުންސެލިން ސެޝަންތަކެއް ހަމަޖައްސަންވީއޭ ހިތަށް އަރަނީ. ދިރިއުޅުމަށް އައި ބޮޑު ބަދަލު އޭނާއަށް ހޭންޑްލް ކުރާން ދަތިވެގެން އެއުޅެނީ. މިކަހަލަ ވަގުތެއްގައި ޑިޕްރެޝަންއަށް ދިއުމުގެ ޗާންސް ބޮޑު. ޗޭންޖާއެކު އެންޒައިޓީއާ ކުރިމަތިވާނެ. އެ ރުޅިއާއި ހަރުކަށިކަމުގެ ފަހަތުގައިވަނީ ޖެހިލުންވުން."
އިސާކުގެ ކޯޓު ބާލައި އެއްފަރާތުގައި ހުރި ގޮނޑިމަތީ ބާއްވާލިއެވެ. އޭނާ އައިސް ޝަބްނަމްގެ ގާތުގައި އެނދުގެ އަރިމަތީ އިށީނެވެ. ދެން އަނބިމީހާގެ ވައަތްތިލައިގަ ހިފާލުމާއެކު ގެނެސް ތުންފަތުގައި ޖައްސާލައި ބޮސްދީފިއެވެ. އެއަށްފަހު ޝަބްނަމްގެ ބޮލުގައި އޭނާ ފިރުމާލިއެވެ.
"އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މި އުދާސްކަން ޢާއިލާއިން ފިލައިގެން ހިނގައިދާނެ. ކެތްތެރިވޭ ޝައްބޫ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އައުމަކީ ނާއުންމީދު ވާންޖެހޭ ކަމެއްނޫން. ތިހެން ދެރަވެފަ ނީނދޭ." އިސާކް ބުންޏެވެ.
"އައިތަންއަށްވުރެ ބޮޑަށް ހަގީގަތުގަ އެންމެ ކަންބޮޑުވަނީ ރިކްއާމެދު. އަހަރެމެންނަށް ކަންކަން ފަހިކޮށްދެއްވިދާނެ. އެކަމަކު... އެކުއްޖާ ގަބޫލުވިއްޔާތާ ކަމެއްވާނީ. ތި ކައުންސެލިންއަކަށް ދާނޭ ހީވޭތަ." އައިރިކްގެ ކަންތައް ހުންނާނޭ ގޮތް ލަފާކުރާން އެނގޭތީ ޝަބްނަމްއަށް ބުނެވުނެވެ.
"އެހެންވިޔަސް މަސައްކަތް ކުރެވިދާނެއެއްނު. ދެން ތިހެން ނީނދޭ. މިއަދު އަހަރެން ބަނޑުހައިތޯ ވެސް ޝައްބޫ ނާހަމެންނު. ކޮންއިރަކުން ސައިފޮދެއް ލިބޭނީ." ފިކުރުތަކުން އެއްފަރާތް ވުމުގެ ގަސްދުގައި އިސާކް ވާހަކަ ބަދަލުކޮށްލިއެވެ. ޝަބްނަމްގެ މޫނުން ހާސްކަމާއި މާޔޫސްކަން ދުށުން އިސާކަށް ފަސޭހަކަމަކަށް ނުވަނީއެވެ.
* * * * *
ކުރިމައްޗަށް ނުވެއްޓޭނެހެން މާޔަލްގެ ކޮނޑުމަތިން އިސްތަށިގަނޑު ފަހަތަށް ގެންގޮސް ރީތިކޮށްލަ ދިނީ އިވާންއެވެ. ހަވީރުގެ ސައިގަ އިވާންގެ ޢާއިލާގެ ހުރިހާ މެންބަރުން މިއަދު ހަމަވީ ދުވަހެކެވެ. ގެއަށް އަންނަން އުޅޭ ފަހަރިއަށް އެންމެ ހޫނު މަރުޙަބާއެއްކީ އައިމީއެވެ. މާޔަލްއާއި އައިމީ އުމުރުން އެއްވަރެވެ. ސްކޫލު ދައުރު ނިންމީ އެކީގައެވެ. ގާތް ރަޙުމަތްތެރީންގެ ގޮތުގައެވެ. ނަމަވެސް މާޔަލްއަށްވުރެ ކުރީން އައިމީ ކައިވެނިކޮށްފިއެވެ. އައިމީގެ ކައިވެނި ޙަފުލާއަށް މާޔަލްއަށް ދަޢުވަތު ދިންކަން އޭނާ ހަނދާން ވެއެވެ. ކައިވެނި ކާޑު ރީތިވެގެން އެ ވާހަކަ އައިމީއާ ދެއްކި ހަނދާނެއް ވެސް މާޔަލް ވެއެވެ. ނަމަވެސް އެ ކައިވެނި ޙަފުލާގައި މާޔަލް ބައިވެރިވީކަމުގެ ހަނދާނެއް ނުވެއެވެ. އައިމީއާއި އޭނާގެ ފިރިމީހާ އެކުގައި ފެނުމުން މާޔަލްގެ ހިތް އެ ސުވާލު އުފެއްދީއެވެ. ގާތް އެކުވެރިޔެއްގެ އިތުރުން އިވާންގެ ކޮއްކޮއަށް ވާއިރު އައިމީގެ ކައިވެނި ޙަފުލާގެ މަތިން އޭނާ ހަނދާންނެތުނީ ކީއްވެބާއެވެ.
"ދޮންތިގެ ވެޑިންއަށްފަހު އައިމީ މެރީ ކުރީ... ދޮންތިގެ ވެޑިންއަށް އަހަރެން ދިޔައިން. އެ ވެޑިންގަ..." އިނދެވުނު މާޙައުލުގެ މަތިން ހަނދާންނެތި ކުއްލިއަކަށް ގިނަ ސުވާލުތަކެއް މާޔަލްގެ ހިތުގައި އުފެދެން ފެށިއެވެ. ބޮލުގައި ރިހުމެއް އުފެދޭން ފެށުމުން މާޔަލް އަވަހަށް ޚިޔާލުތަކުން ބޭރުވެލިއެވެ. ސިކުނޑިއަށް ބާރުލެވިއްޖެނަމަ ވާގޮތް އެނގޭތީއެވެ. ހިތުގައި އުފެދުނު ސުވާލުތައް އޭނާ ޖަވާބު ހޯދީ އިހްސާސް ކުރުވެންފެށި ބޮލުގެ ރިހުމުންނެވެ. އައިމީ ކައިވެނި އެ ކުރީ އޭނާ ހޮސްޕިޓަލުގައި އޮއްވާކަމުގައި ނިންމިއެވެ.
"ދަރިފުޅާ!..." އަސްމާއަށް ގޮނޑިން ތެދުވެވުނު ގޮސް ނޭނގުނެވެ. އެންމެންގެ މޫނުން ހާސްކަން ފާޅުވިއެވެ.
"މާޔަލް. ޔޯ ނޯސް... ބްލީޑިން." މޭޒުމަތިން ނެގި ޓިޝޫ މާޔަލްގެ ނޭފަތުގައި އިވާން ޖައްސާލިއެވެ. އުދުހިފައި އައިހެން އަސްމާ ހުރީ މާޔަލްގެ ގާތުގައެވެ.
"ސޮރީ... ސޮރީ..." އިވާންގެ ޖައްސާލި ޓިޝޫގައި ހިފަހައްޓަމުން މާޔަލް ނިކަން އަވަހަށް ބުނެލިއެވެ. (ނުނިމޭ)