އިބްރާހިމް އަމީރު

ދަރަނި ދެއްކުމަށް ނުރައްކަލެއް ނެތް: އަމީރު

May 26, 2022
2

ދަރަނި ދެއްކުމުގައި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ސަރުކާރުން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު ވިދާޅުވީ ރިސޯޓުތަކުގެ ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިއިސްލާހު ސަރުކާރުން ވަނީ އަނބުރާ ގެންދިއުމަށް ނިންމާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ދަރަނީގެ ގޮތުގައި ރާއްޖެއިން ދެން އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އެހާތަނަށް ދަރަނި ދެއްކުމަށް ސަރުކާރުގެ ތެރެއިން މެނޭޖުކުރަންޖެހޭ ކަންކަން ރަނގަޅަށް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެެ.

"އެހެންވެ ކައިރި މުސްތަގްބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުން އެކި ދުވަސްވަރު ނަގާފައި ހުރި ލޯންތަކަށް މިސަރުކާރުން ގެންދަނީ ބަރާބަރަށް ފައިސާ ދައްކަމުން ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ދެއްކުމަށްޓަކައި މިސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު ސުކޫކެއް ވިއްކުމަށްފަހު ދަރަނި ދައްކާނެ ގޮތުގެ ރީސްޓްރަކްޗާއެއް ސަރުކާރުން ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ދަރަނި ދެއްކުމަށް ގެނައި ބަދަލުގެ ތެރެއިން ދަރަނީގެ ގޮތުގައި ދައްކަން އޮތް 250 މިލިއަން ޑޮލަރުގެ ތެރެއިން 192 މިލިއަން ޑޮލަރު ސަރުކާރުން މިދިޔަ އަހަރު ދައްކާފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތަށް އެ ދަރަނި ދެއްކުމުން ބާކީ ދައްކަންޖެހޭ 58 މިލިއަން ޑޮލަރު ދެއްކުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށްވެސް ވިދާޅުވި އެވެ.

"ބާކީ 58 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ޕޭމަންޓާއި އެއްކޮށް ދައްކަން މިޖެހޭ އަދަދު ކުރިއަށް އޮތް ޖޫން ފަސްޓް ވީކުގައި ޕޭކުރާނަން. އެއީ 62 މިލިއަން ޑޮަލަރު. އެ ފައިސާވެސް އަޅުގަނޑުމެން އަތުގައި އެބަހުރި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމާއި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމާ ގުޅިގެން ދަރަނި ނަގާ މިންވަރު ދަށަށްދާ ކަމަށެވެ. އެހެންވެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށަށް ކަމުގައި ވިދާޅުވި އެވެ.

ރާއްޖެއަށް ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއިރު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވަނީ ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރާ އިގްތިސޯދުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފަ އެވެ.