ހިރިލަންދޫ

ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

May 26, 2022

ހިރިލަންދޫގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ހިރިލަންދޫ ނިސްބަތްވާ ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ހިރިލަންދޫގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 29 ހެކްޓަރެވެ. އެރަށުގެ ބިން ހިއްކާ ނިމުމުން ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކުރެވި ރަށުގެ ބިމުގެ ބޮޑުމިން 54 ހެކްޓަރަށް އިތުރުވާނެ އެވެ.

އާބާދީގައި 1،200 މީހުން ހިމެނޭ ހިރިލަންދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމަށްވެސް ނިންމާފައިވެ އެވެ.

މަސް ކައްކާ ހިއްކުމާއި ފައިބަރުގެ މަސައްކަތުގައި ފާހަގަކުރެވޭ ރަށެއް ކަމުގައިވާ ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެ އެވެ.